ޑރ. ޝަހީދު ރިޝްވަތު ހިއްޕަވާފައިވާ ކަމަށް އީރާނުން ތުހުމަތުކޮށްފި

އދ. އިން އީރާނަށް ކަނޑައަޅާފައިވާ ސްޕެޝަލް ރެޕަޓުއާ އޮފް ހިއުމަން ރައިޓްސްގެ މަގާމުގައި ހުންނެވި ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހަމަދު ޝަހީދު އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ ފައިސާ ރިޝްވަތުގެ ގޮތުގައި ހިއްޕަވާފައިވާ ކަމަށް އީރާނުން ތުހުމަތު ކޮށްފި އެވެ.

އީރާނުގެ ހައި ކައުންސިލް ފޯ ހިއުމަން ރައިޓްސްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ޖަވާދު ލަރިޖާނީ ވިދާޅުވި ކަމަށް އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ބުނީ "ސެޕެޝަލް ރެޕަޓުއާ އަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ދީފައިވާ ފައިސާގެ ސަބަބުން، އެމީހުން (އެމެރިކާ)ގެ އީރާނާ ދެކޮޅު އެދުންތައް ފިޔަވައި އެހެން އެއްޗެއް ނުލިޔެވޭ ހާލަތެއް" މެދުވެރި ވެފައިވާ ކަމަށެވެ.

ލަރިޖާނީ އަދި ވިދާޅުވެފައި ވަނީ ޑރ. ޝަހީދު (ބައިނަލް އަގުވާމީ ގާނޫނުތަކާ) ހިލާފުވެފައިވާ ކަމުގެ ހެކި އީރާނުން ވަނީ އދ. އަށް ހުށައަޅާފައި ކަމަށެވެ.

ޑރ. ޝަހީދު ގެންދަވަނީ ސެލެބްރިޓީ (މަޝްހޫރު މީހެއް) އެއް ފަދައިން ހުޅަނގުގެ ޓީވީތަކަށް އަރާވަޑައިގެން އީރާނާ ދެކޮޅަށް ވާހަކަފުޅު ދައްކަވަމުން ކަމަށް ވެސް ލަރިޖާނީ ވިދާޅުވެފައިވެ އެވެ.

"އޭނާއާ ހަވާލުވެފައިވާ ގައުމާ ދެކޮޅު ވެރިވުމުގެ އެއްވެސް ހައްގެއް ސްޕެޝަލް ރެޕަޓުއާ އަކަށް ނޯންނާނެ، އެމެރިކާއާ އިސްރާއީލުން އީރާނާ ދެކޮޅަށް ބޭނުންކުރާ ބަސްތައް، ޝަހީދު ގެންދަވަނީ ޓީވީ ޝޯތަކުގައި ތަކުރާރު ކުރައްވަމުން،" ލަރިޖާނީ ވިދާޅުވި ކަމަށް އޭޕީ ބުންޏެވެ.

އީރާނުގެ އިންސާނީ ހައްގުތަކުގެ ހާލަތު ބައްލަވައި ރިޕޯޓް ކުރައްވާ ސްޕެޝަލް ސެޕަޓުއާ އެއްގެ މަގާމު އދ. އިން ޑރ. ޝަހީދަށް ދިން ފަހުން އޭނާ ވަނީ އީރާނާ ބެހޭ ހަތަރު ރިޕޯޓެއް އެކުލަވާލައްވާފަ އެވެ.

ޑރ. ޝަހީދު މިއަދު ވިދާޅުވީ އީރާނުން ކޮށްފައިވާ ތުހުމަތުތަކަކީ ވަރަށް ދެކޮޅު ނުޖެހޭ، ތުހުމަތުތަކެއް ކަމަށާއި އެއީ އީރާނަށް ކުރެވެމުންދާ އިންސާނީ ހައްގުތައް ނަގާލުމުގެ ތުހުމަތުތަކާ މެދު (ބައިނަލް އަގުވާމީ މުޖުތަމައު) އިން ދޭ ސަަމާލުކަން އެހެން ދިމާއަކަށް އަނބުރާލަން ކުރާމެއް ކަމަށެވެ.

"އެ ތުހުމަތުތަކަކީ ވަރަށް ދެކޮޅު ނުޖެހޭ، މޮޔަ ތުހުމަތުތަކެއް، އެއީ އެގައުމުގައި (އީރާނުގައި) ފުޅާ ދާއިރާއެއްގައި ފެތުރިފައިވާ އިންސާނީ ހައްގުތަކާ މެދު ދޭ ސަމާލުކަން އެހެން ދިމާއަކަށް އަނބުރާލަން ޑިޒައިންކޮށްފައިވާ ތުހުމަތު ތަކެއް، "ޖެނީވާގައި ހުންނަ އދ.ގެ ހިއުމަންރައިޓްސް ކައުންސިލަށް ރިޕޯޓް ހުށައެޅުއްވުމަށް ވަޑައިގަންނަވަމުން ސަންއާ ވާހަކަ ދައްކަވަމުން ޑރ. ޝަހީދު ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ އެހެން ނަމަވެސް އެ ހަރުކަށި ތުހުމަތުތަކުގެ ސަބަބުން އޭނާ ގެ ރިޕޯޓަށް އިތުރު ސަމާލުކަން ލިބުން ނޫން ކަމެއް ނުވާ ކަމަށެވެ.

"ނަމަވެސް އެ ހަރުކަށި ތުހުމަތުތަކުންވީ ހަމަ އެކަނި ކަމަކީ ބައިނަލްއަގުވާމީ މީޑީއާގެ ސަމާލުކަން އަޅުގަނޑުގެ ރިޕޯޓަށް ލިބުން، އަދި އީރާނުން ހިންގާ ކަމަށް ތުހުމަތު ކުރެވިފައިވާ އިންސާނީ ހައްގުތަކާ ހިލާފު އަމަލުތައް ހުއްޓުވުމަށް އެގައުމުން އެއްްބާރުލުން ނުދޭކަން ހާމަވުން،" ޑރ. ޝަހީދު ވިދާޅުވި އެވެ.

އީރާނަށް ވަޑައިގަތުން އެގައުމުގެ ސަރުކާރުން 2011 މަނާކޮށްފައި ވާތީ ސްވިޒަލެންޑްގެ ޖެނީވާގައި ހުންނަވައިގެން ޑރ. ޝަހީދު އެކުލަވާލެއްވި ހުރިހާ ރިޕޯޓެއްގައި ވެސް ފާހަގަކުރައްވާފައި ވަނީ އީރާނުގައި މަރުގެ އަދަބު ދިނުން އިތުރުވެފައިވުމާއި ގިނަ އަދަދެއްގެ ނޫސްވެރިން ޖަލަށް ލުން ފަދަ ކަންތައްތަކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު