އަބްދުﷲ އަލީ އަވަހާރަވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ނައިފަރު މަދްރަސަތުލް އިފްތިތާޙަށް 64 އަހަރަށް ދިގު މުއްދަތެއްގައި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ޅ. ނައިފަރު ތަންހަޅިގޭ، އަބްދުﷲ އަލީ ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އެ މަރުހޫމްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

އަބްދުﷲ އަލީ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ވުމަށްފަހު، މިދިޔަ ހުކުރު ދުވަހު ސްރީލަންކާގެ ލަންކާ ހޮސްޕިޓަލެއްގަ އެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 87 އަހަރެވެ.

ޢަބްދުﷲ ޢަލީގެ އެއް ބޭފުޅެއް ކަމަށްވާ ހާމިދާ އަބްދުﷲ އާ ރައީސުލްޖުމްހޫރިއްޔާ މިއަދު ހެނދުނު ފޯނުން ގުޅުއްވައި، ވިދާޅުވި ގޮތުގައި އެމަނިކުފާނު އެ ޚަބަރު އެއްސެވީ ފުން ހިތާމައާ އެކުގައެވެ. އަދި ޙާމިދާ ޢަބްދުﷲ އަށާއި އާއިލާގެ ބޭފުޅުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ތައުޒިޔާ ވިދާޅުވި އެވެ.

ރައީސް އޮފީހުން ބުނީ މަދްރަސަތުލް އިފްތިތާޙަށް އަބްދުﷲ އަލީ 64 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދްމަތް ކުރެއްވިއިރު، އެ މަދްރަސާގެ މުދައްރިސް ކަމާއި، ނާޒިރުގެ ނައިބު ކަމާއި، ނާޒިރު ކަމުގެ މަގާމާއި، މުރުޝިދު ކަމުގެ މަޤާމު ވެސް ފުރުއްވާފައިވެ އެވެ. އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ތައުލީމުގެ ހާއްސަ އެހީތެރިޔާގެ މަގާމުގައި ހުންނަވައިގެން ވެސް އެ މަދްރަސާއަށް ހިދުމަތް ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ދިގު މުއްދަތުގެ ތެރޭގައި އެ މަދްރަސާގެ ކުރިއެރުމަށާއި ތަރައްގީއަށް އަބްދުﷲ އަލީ ކޮށްދެއްވާފައިވާ ހިދުމަތްތަކާއި މަސައްކަތްޕުޅުތަކަކީ އެ މަދްރަސާގެ ތާރީހުގައި ވެސް ފާހަގަވެގެންދާނެ ހިދުމަތްތަކަކާއި މަސައްކަތްޕުޅުތަކެއް ކަމަށާއި އެތައް ގިނަ ދަތިތަކެއް ކުރިމަތިވެގެން މަދްރަސާ ކުރިއަށް ގެންދެވޭނެ އެއްވެސް ގޮތެއް ނެތިގެންދިޔަ ދުވަސްވަރު ވެސް މަދްރަސާ ހުއްޓާ ނުލައްވައި ހިތްވަރާއެކު މަސައްކަތް ކުރައްވައި މަދްރަސާ ކުރިއަށް ގެންދަވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރާއްޖޭގެ ތައުލީމަށް ހިދުމަތް ކުރެއްވުމުގެ ރޮނގުން 1981 ވަނަ އަހަރު ޢަބްދުﷲ އަލީއަށް ވަނީ އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފަ އެވެ. އަދި "މިނިވަން 25"ގެ އިނާމު ވެސް އޭނާއަށް ވަނީ 1990 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.

އަބްދުﷲ އަލީއަކީ ނައިފަރު ކުޑަކަތީބުކަން ވެސް ވަރަށް ދިގު މުއްދަތެއްގައި ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ ލިޔުންތެރިއެއްވެސްމެ އެވެ. ލިޔުއްވުންތައް ފެންނާންހުރީ، އޭނާގެ ޚިދްމަތާ ގުޅިފައިވާ ނައިފަރުގެ އަދަބީ ޖައްވުންނެވެ. ނައިފަރުގައި ޝާއިޢު ކުރެވުނު ތަފާތު މަޖައްލާތަކަށް އޭނާވަނީ އެކިއެކި ލިޔުންތައް ލިޔުއްވައިފައެވެ.

ޢަބްދުﷲ ޢަލީ އަވަހާރަވިއިރު އޭނާގެ އަށް ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ. އެއީ ފަސް އަންހެން ބޭފުޅުންނާއި، ތިން ފިރިހެން ބޭފުޅުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު