ގައުމުގައި ގާނޫނުތައް ހިނގަނީ ނިކަމެތި ރައްޔިތުންގެ މައްޗަށް އެކަނި: އަބްދުﷲ

ގައުމުގައި ޤާނޫނުތައް ހިނގަނީ ނިކަމެތި ދިވެހި ރައްޔިތުންގެ މައްޗަށް އެކަނި ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި މަދަނީ އިއްތިހާދުގެ ނައިބު ރައީސް އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ސަން އޮންލައިނަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އަބްދުﷲ ވިދާޅުވީ ރާއްޖޭގެ ޝަރުޢީ ދާއިރާގެ ޢަދުލުވެރިކަމެއް ނެތްކަން ކަށަވަރުކޮށްދެއްވީ (ޕްރޮސެކިއުޓާ ޖެނެރަލް) ޕީޖީ އާއި ޝަރުޢީ ދާއިރާ އިން ކަމަށާއި އެހެން ކަމުން ރާއްޖޭގެ ހުރިހާ ގާނޫނުތަކެއް ހިނގަނީ ދިވެހި ނިކަމެތި ރައްޔިތުންގެ މައްޗަށް ކަމަށެވެ.

"ޝަރުޢީ ދާއިރާ އިސްލާހުކުރަން ޖެހޭކަން ވަރަށް ރަނގަޅަށް ކަށަވަރުވެއްޖެ. ޤާބިލް ފަނޑިޔާރުން ނެތްކަން ޝަރުޢީ ދާއިރާ އިން ކަށަވަރުކޮށްދެއްވައިފި. ޕީޖީއަކީ ކުރި ކުށަށާއި އެ ކުށްކުރުމުން ކަންކުރަންވީ ޤާނޫނަށް ބެއްލެވުމެއް ނެތި ކުށްވެރިޔާއަށާއި ކުށަށް ތުހުމަތު ކުރެވޭ މީހާ އަށް ބަލައިގެން ޝަރީޢަތްކުރައްވާ ފަރާތެއްކަން ޕީޖީން ކަށަވަރުކޮށްދެއްވައިފި. ގައުމުގައި ޤާނޫނުތައް ހިނގަނީ ނިކަމެތި ދިވެހި ރައްޔިތުންގެ މައްޗަށް އެކަނި." އަބްދުﷲ ވިދާޅުވި އެވެ.

އަބްދުﷲ ވިދާޅުވީ، ތަންތަނުން ނަގާފައިވާ ލޯންތަކަށް ބެއްޔެއްކަމަކު، ނިކަމެތި ރައްޔިތެއްގެ ލޯނެއް ވެއްޖެއިޔާ އެމީހަކު ދަމާހަލާ، އޭނަގެ އަމިއްލަ ގެދޮރާއި އޭނަގެ އަނބިދަރިން ވިއްކާފައި ނަމަވެސް ބަދަލުހޯދާ ކަމަށާއި އެކަމަކު ނުފޫޒްގަދަ ފަރާތްތަކުން ބޮޑެތި ލޯންތައް ނަގާފައި ނުދެއްކީމާ ވެސް "އެކިވައްތަރުގެ ޑީލްތައް" ހަދައިގެން އެކަންތައްތައް ތަންފީޒް ވެގެން ދާތަނެއް ނުފެންނަ ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ އެންމެންގެ މައްޗަށް ޢަދުލުވެރިކަމާ އެކު ޤާނޫނު ނުހިންގޭ މުއައްސަސާތައް ހަމަމަގަށް އަޅުވަން އެންމެން އެކައްޗެއް ކިޔާފައި ކެތްތެރިކަމާ އެކު ނުކުންނަންވެއްޖެ ކަމަށެވެ.

ނިކަމެތިންގެ މައްޗަށް ޝަރީއަތްތައް ހިނގާ ކަމަށް މިސާލް ޖައްސަވަމުން އަބްދުﷲ ވިދާޅުވީ، ދާދިފަހުން ރައްތިތުންގެ މަޖިލީހުގެ މެންބަރުން ޔޫރިން ނުދީގެން ފުލުހުން އެތައްފަހަރެއްގެ މަތިން އެ ވާހަކަތައް ދައްކާފައިވާ ކަމަށާއި އެހެން ނަމަވެސް އެ މައްސަލަތަކެއް ވެސް ނުހިނގާކަން ފެންނާން އޮތް ކަމަށް އަބްދުﷲ ވިދާޅުވި އެވެ.

"ރައްޔިތުންގެ ތެރެއިން ނިކަމެތި މީހަކު ޗިޓަކަށް ހާޒިރު ނުވެގެން ވެސް އެބަހުރި އަދަބު ކަނޑައެޅި ހުކުން ވެސް އިއްވާފައި. އެކަމަކު ޗިޓްތަކަށް ނުފޫޒްގަދަ ފަރާތްތަކުން ހާޒިރުނުވެ ނުވަތަ ފިލާ އުޅުނީމާ ދެވޭ އަދަބެއް ވެސް ނޯވެ. އަދި އެހެންމެ އެފަދަ މީސްމީހުންނަށް ކުރެވޭނެ ކަމެއް ވެސް ނޯވެ. ގަދަ ކަމުން ހައްޔަރު ކޮށްގެން ހާޒިރު ކުރީމަވެސް ކުށްވެރިޔާ ބޭނުންވާގޮތައް ސަރީއަތް ފަސް އެބަކުރޭ. ރާއްޖޭގެ އެއްވެސް ގާނޫނަކު ނެތް ކުށްވެރިޔާ ބޭނުން ވާގޮތަށް އެކަން ކުރެވޭނެ ކަމަކަށް،" އަބްދުﷲ ވިދާޅުވި އެވެ.

އަބްދުﷲ މިމޭރުމުން ވާހަކަ ދައްކަވާ ރާއްޖޭގެ ޝަރުއީ ނިޒާމަށް ފާޑުވިދާޅުވެފައިވާ އިރު، ސޯޝަލް މީޑިއާ ފޭސްބުކްގައި އިސްލާމިކް މިނިސްޓަރު އައްޝައިޚު މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވެސް މިއަދު ވަނީ ރާއްޖޭގެ ޝަރުއީ ދާއިރާ އަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. އެގޮތުން މިނިސްޓަރުގެ ފޭސްބުކްގައި އޭނާ މިއަދު ލިއުއްވާފައިވައި ވަނީ "ރައީސް ނަޝީދު ވިދާޅުވާ ވާހަކަތަކުގެ ހަގީގަތް މިދަނީ ފެންނަމުން ކަމަށާއި ރާއްޖޭގެ އަދުލުގެ ނިޒާމުގެ އިންސާފެއް ނެތްކަން އެނިޒާމުގެ ތެރެއިން ނަޝީދު ގެންދަވަނީ ދައްކަވަމުން ކަމަށެވެ.

އަބްދުﷲ އާއި އިސްލާމިކް މިނިސްޓަރު މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ރައީސް ނަޝީދުގެ ޝަރީއަތް ހަތަރު ހަފުތާ އަށް ފަސްކުރުމަށް ހުޅުމާލޭ ކޯޓުން އިއްޔެ ނިންމުމާ ގުޅިގެން ކަމަށް ބެލެވެ އެވެ. އަދި އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި މިއަދު ރާއްޖޭގެ ޝަރުއީ ދާއިރާތަކަށް ފާޑުކިޔައި ތަފާތު ގިނަ "ޓުވިޓް" މިއަދު އާންމު ވަމުން އަންނަ ކަމަށް ވެސް ފާހަގަ ކުރެވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު