ޕާޓީތަކުގެ ބިލު މަޖިލީހުން މިއަދު ފާސްކުރަން މެޖޯރިޓީ އާއި މައިނޯރިޓީން ތާއިދުކޮށްފި

ދިހަހާސް މެންބަރުން ހަމަނުވާ ޕާޓީތައް އުވާލާ ގޮތަށް ފާސް ކުރި ސިޔާސީ ޕާޓީތަކުގެ ބިލް ތަސްދީގު ނުކުރައްވައި ރައީސުލްޖުމްހޫރިިއްޔާ ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުއްވާލެއްވުމުން އެއްވެސް އިސްލާހަކާ ނުލައި، އެ ބިލް މަޖިލީހުން މިއަދު ފާސްކޮށް، ތަސްދީގު ކުރުމަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން ހުށަހެޅުމުން މައިނޯރިޓީ ޕާޓީ، ޕީޕީއެމުން ތާއިދުކޮށްފި އެވެ.

ސިޔާސީ ޕާޓީތަކުގެ ބިލް އަނބުރާ މަޖިލީހަށް ފޮނުއްލައްވައި ރައީސް ޑރ. މުހައްމަދު ވަހީދު ފޮނުއްވާފައިވާ ސިޓީ ތަޅުމަށް އިއްވުމަށް ފަހު، މެންބަރުންގެ މެދުގައި ކުރިއަށްދާ ބަހުސްގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ހުށަހެޅުއްވީ އެއްވެސް އިސްލާހަކާ ނުލައި އެ ބިލް މިއަދު ފާސް ކުރުމަށް ހުށަހަޅުއްވާ ކަމަށާއި 39 މެންބަރުންގެ ވޯޓުން ފާސް ކުރުމުން އެ ބިލް މަޖިލީހުން ތަސްދީގު ކުރެވުނީ ކަމަށެވެ.

އެމްޑީޕީއާއި ޕީޕީއެމްގެ އިތުރުން ޑީއާރްޕީގެ 64 މެންބަރުންގެ ވޯޓާ އެކު މަޖިލީހުން މިދިޔަ އަހަރު ފާސްކުރި ބިލް، ތަސްދީގު ނުކުރެއްވުމުން އަލުން އެ ބިލް ފާސް ކުރުމަށް އެމްޑީޕީން ހުށަހެޅުއްވުމުން ތާއިދު ކުރެއްވީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އެވެ. އޭނާ ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ބިލް މިއަދު މަޖިލީހުން ފާސް ކުރަން ޖެހޭ ކަމަށާއި އެ ބިލު މަޖިލީހުން ފާސް ކުރުމަށްފަހު އެ ބިލަށް ގެންނަން ޖެހޭ ފަހުން ގެންނާނީ ކަމަށެވެ.

ބިލުގެ ބަހުސްގެ މަރުހަލާގައި ހުށަހެޅި އިސްލާހުތަކަށް މިއަދު 1:30ގައި ވޯޓަށް އަހާނެ ކަމަސް ރިޔާސަތުން ވަނީ އިއުލާން ކުރައްވާފަ އެވެ.

ސިޔާސީ ޕާޓީތަކުގެ ބިލް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ދިރާސާކޮށް ނިންމައި، މަޖިލީހަށް ހުށަހަޅައި ވޯޓަށް އެހުމުން މިދިޔަ އަހަރުގެ ޑިސެންބަރު މަހު 27 ވަނަ ދުވަހުގެ ޖަލްސާގައި އެ ބިލަށް ދެކޮޅު ހެއްދެވީ އެންމެ ހަތަރު މެންބަރުންނެވެ. އެ ބިލް ފާސް ކުރެއްވުމަށް ދެކޮޅު ހެއްދެވީ އެންމެ ފަހުން އުފެއްދެވި ސިޔާސީ ޕާޓީގެ ލީޑަރު މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދާއި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރާއި އަދާލަތު ޕާޓީއަސް ނިސްބަތްވެވަޑައިގަންނަވާ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާޙިމް މުއްތަލިބުގެ އިތުރުން ގައުމީ ޕާޓީއަސް ނިސްބަތްވެވަޑައިގަންނަވާ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދެވެ.

ސިޔާސީ ޕާޓީތަކުގެ ބިލު މަޖިލީހުން މިއަދު ފާސްކޮށްފިނަމަ 10،000 މެންބަރުން ހަމަނުވާ ޕާޓީތަކަށް އެ އަދަދަށް މެންބަރުން ހަމަ ކުރުމަށް ތިން މަސް ދުވަސް ދެވޭނެ އެވެ. ނަމަވެސް އެ ތިން މަސް ދުވަހުގެ ތެރޭގައި އެ އަދަދަށް މެންބަރުން ހަމަނުވެއްޖެނަމަ އެ ޕާޓީތައް އުވުނީ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު