ކަންތައްތަކަށް ހައްލު ހޯއްދަވައި ދެއްވޭނީ އަބްދުﷲ ޝާހިދަށް އެކަނި: ވެލެޒިނީ

ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންތައްތަކަށް ހައްލު ހޯއްދަަވައި ދެއްވޭނެ ހަމަ އެކަނަ ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ކަމަށް ޖޭއެސްސީގެ، ރައީސުލްޖުމްހޫރިއްޔާގެ ކުރީގެ މެމްބަރު އައިޝަތު ވެލެޒިނީ ވިދާޅުވެއްޖެ އެވެ.

މާލޭ ސިޓީ ކައުންސިލް ހޯލުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެލެޒިނީ ވިދާޅުވީ ޖޭއެސްސީ އުފެދުނިއްސުރެން ފެށިގެން މިއަދާ ހަމަ އަށް ވެސް އަބްދުﷲ ޝާހިދަކީ ޖޭއެސްސީގެ މެމްބަރެއް ކަމަށާއި އެހެން ކަމުން ޖޭއެސްސީގައި ހުރި މައްސަލަތަކާއި އަދި ގަމުގައި ހިނގަމުންދާ ހުރިހައި ކަންތައްތަކަށް ހައްލެއް ގެނެވޭނެ ބޭފުޅަކަށް ހަމައެކަނި ހުންނެވީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ކަމަށެވެ.

"ގާނޫނު އަސާސީގެ 158 މާއްދާގެ (ހ)ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަކީ ޖޭއެސްސީގެ މެންބަރެއް. ޖޭއެސްސީގައި މި ހުރިހާ ކަންތަކެއް ހިނގަމުން ދިޔަ އިރު ވެސް އެމަނިކުފާނު ހުންނެވި އެތަނުގައި. އެހެން ވީމާ މިވަގުތު ރާއްޖޭގައި ހިނގަމުން މިދާ ކަންތައްތަކާއި އަދި ގޫނޫނު އަސާސީގައި ބުނާ ވެރިކަމުގެ ނިޒާމެއް ގާއިމް ކުރެއްވޭނެ ވަރުގެ ގާބިލް ކަމެއް ލިބިވަޑައިގެން ހުންނެވި ބޭފުޅަކީ އަދި އެފަދަ މަގާމެއްގައި ހުންނެވި ހަމައެކަނި ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު." ވެލެޒިނީ ވިދާޅުވި އެވެ.

ޖޭއެސްސީ އަށް ރިޓަޔާޑް ފަނޑިޔާރުން އައްޔަން ކުރުމަށް އިޝާރާތް ކުރައްވައި ޔޫއެންގެ މަންދޫބު ދައްކަވާފައިވާ ވާހަކަފުޅަށް އިޝާރާތް ކުރައްވައި ވެލެޒިނީ ވިދާޅުވީ މީގެ ކުރިން ރާއްޖޭގެ ޝަރުޢީ ނިޒާމް ބައްޓަންކޮށްފައި އޮތް ގޮތުންނާއި އަދި ރާއްޖޭގައި މިހާރު ތިއްބެވި ފަނޑިޔާރުންނަށް ބަލާ އިރު ރާއްޖޭގައި ތަޢުލީމީ ގޮތުން ގާބިލު މިނިވަންކަމާ އެކު މަސައްކަތް ކުރެވޭނެ ރިޓަޔާޑް ފަނޑިޔާރުންތަކެއް ރާއްޖޭގައި ތިއްބެވި ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެފަދަ ފަނޑިޔާރުންތަކެއް އަވަސް މުސްތަގުބަލެއްގައި އުފެދިގެން ދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވެލެޒިނީ އިތުރަށް ވިދާޅުވީ ޔޫއެންގެ މަންދޫބު ނެރުނު ރިޕޯޓާ މެދު މިހާތަނަށް ސަރުކާރުން ވެސް އަދި ޖޭއެސްސީ އިން ވެސް އަދި ބަންޑާރަ ނައިބު ވެސް އެއްވެސް އެއްޗެއް ވިދާލުވެފައި ނުވާ ކަމަށާއި އަދި އެކަމާ ކަންބޮޑުވާން ޖެހޭ ކަމަށެވެ.

ވެލެޒިނީ އެހެން ވިދާޅުވި ނަމަވެސް ޔޫއެެންގެ މަންދޫބުގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަން ބަލައިގަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އދ.ގެ ތަޖުރިބާކާރު ގެބްރިއެލް ނައުލްގެ ހޯދުންތަކާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ނައުލްގެ ހޯދުންތަކަށް ބަންޑާރަ ނާއިބް މަރުހަބާ ކިޔާފައިވާ އިރު، ރާއްޖޭގެ ޝަރުއީ ނިޒާމްގެ ގިނަ ކަންތައްތައް އަވަސް މުސްތަގުބަލެއްގައި އިސްލާހުކުރަން ޖެހިފައިވާ ކަން އާޒިމާ ޝުކޫރު ފާހަގަކުރެއްވި ކަމަށެވެ.

"އާޒިމާ ވަނީ ނައުލްގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދަން ޖެހޭ މަސައްކަތްތަކުގައި ބޭރުގެ ޖަމިއްޔާތަކާ ގައުމުތަކުގެ އެހީތެރިކަން ބޭނުންވާނެ ކަން ފާހަގަކުރައްވާފައި." ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ޖޭއެސްސީގައި ހުންނެވި އެންމެ ގާބިލު ބޭފުޅަކީ އަބްދުﷲ ޝާހިދު ކަމަށް ވެލެޒިނީ މިއަދު ވިދާޅުވި ނަމަވެސް ޖޭއެސްސީ އުފެއްދި އިރު އަބްދުﷲ ޝާހިދުގެ ދައުރު އަދާ ނުކުރައްވާ ކަމަށް ވިދާޅުވެ ވެލެޒިނީ ވަނީ މަގުތަކަށް ނުކުންނަވައި އަޑު ވެސް އުފުއްލަވާފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު