ރާއްޖޭގެ ރައީސްކަން ކުރެއްވުމުގެ ހުރިހާ ގާބިލް ކަން އުމަރުގެ ކިބައިގައި އެބަހުރި ކަމަށާއި ހިތާއި ނަފްސުން ހުންނަވާނީ އުމަރު އާ އެކުގައި ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ އަނބިކަނބަލުން، ނަސްރީނާ އިބްރާހީމްގެ ބޭބެ އިލްޔާސް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އުމަރު ނަސީރުގެ ޓީމުން ރޭ އާޓިފިޝަން ބީޗްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިލްޔާސް ވިދާޅުވީ ކުރީގައި ސަރުކާރުގެ މަތީ މަގާމެއް އަދާ ކުރައްވާފައި ނެތް ނަމަވެސް އުމަރު އަކީ ރާއްޖޭގެ ވެރިކަމަށް އެންމެ ގާބިލު އެންމެ އެކަށީގެންވާ ބޭފުޅާކަން އޭނާގެ ބަހާއި އަމަލުން ސާބިތު ކޮށްދީފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އެ ގޮތުގައި ދެމި ހުރުމަށް ހިތްވަރު ދެއްވި އެވެ.
"މި ރާއްޖޭގެ ރައީސް އަކަށް އުމަރު ވަޑައިގަތުމުގެ ހުރިހާ ގާބިލު ކަމެއް ވެސް އެބަހުރި. އަޅުގަނޑު އުމަރާއި އެކުގައިވާ ވާހަކަ ހިތާއި ނަފްސުން ދަންނަވާލަން ޖެހޭ. އޭގެ މާނަ އަކީ ޕީޕީއެމުން ކުރިމަތި ލައްވާ އެހެން ބޭފުޅަކަށް ވެސް އަޅުގަނޑުގެ ފަރާތުން ބޭނުންވާ ސަޕޯޓަކާއި އެހީތެރިކަމެއް ނާރުވާނެ ވާހަކައެއް ނޫން. އަޅުގަނޑާއި ގާތްކަން ބެހެއްޓެވި ވަރަކަށް، ގާތްކަން ބެހެއްޓެވި ބޭފުޅެއްގެ ހުރިހާ ތާކަށް، ހުރިހާ ޖަލްސާއަކަށް އަޅުގަނޑު ދާނަން. އެކަމަކު ރައީސް ކަމަށް އެންމެ ގާބިލު ބޭފުޅަކީ ހަމަ އުމަރު،" އިލްޔާސް ވިދާޅުވި އެވެ.
އުމަރަކީ ރައީސް ކަމަށް އެންމެ ގާބިލު ބޭފުޅާ ކަމަށް އިލްޔާސް ވާހަކަ ދެއްކެވި އިރު އެ ޕާޓީން ޕްރައިމަރީ ރޭހުގައި ވާދަ ކުރައްވާ އަބްދުﷲ ޔާމީނަށް ތާއީދު ކުރައްވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި އުމަރުގެ ބަދަލުގައި އިލްޔާސް ވާދަކުރައްވަފާނެ ކަމަށް ދެކެވޭ ވާހަކަތަކަށް އިޝާރާތް ކުރައްވައި ރޭގައި ވެސް ވާހަކަފުޅު ދެއްކެވި އެވެ. އޭނާ ވިދާޅުވީ އުމަރާ ގުޅިގެން ޓީމެއްގެ ގޮތުގައި ސިޔާސީ މައިދާނަށް ނިކުމެ ވަޑައިގަންނަވަން އަދި ތައްޔާރު ނޫން ކަމަށެވެ. އަދި އެމަނިކުފާނު ވަކި ކަމަކަށް ފިޓުވެފައި ހުރި ކަމަށް ދެކެވޭ ވާހަކަތަކަށް ދަންނަވަން އޮތީ އަދި އެފަދަ ކަމަކަށް ތައްޔާރުނުވާ ވާހަކަ ކަމަށް ވެސް ވިދާޅުވި އެވެ.
"މިރޭ މިތަނުގައި ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުން ވެސް އަޅުގަނޑު ވަކި ގޮތަކަށް ފިޓުވެފައި ހުރި ކަމަށް އެ ދެއްކެވި ވާހަކަފުޅުތަކަށް އަދި ދެންނެވެން އޮތީ "ސޮރީއޭ،" އިލްޔާސް ވިދުވި އެވެ.
ދިވެހި ރައްޔިތުންނަށް އެމަނިކުފާނު އިލްތިމާސް ކުރެއްވީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންނާ މެދު ވިސްނުމަށް ފަހު ގައުމަށް އެންމެ ފައިދާ ހޯއްދަވައި ދެއްވާނެ ބޭފުޅަކަށް ވޯޓު ދެއްވުމަށެވެ. އަދި ޕީޕީއެމްގެ ޕްރައިމަރީގައި ވެސް އެގޮތަށް ކަންތައް ހިނގާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
އުމަރަށް ތައުރީފް ކުރައްވައި ވާހަކަފުޅު ދައްކަވަމުން އިލްޔާސް އިތުރަށް ވިދާޅުވީ ރައީސް މައުމޫން ޕީޕީއެމް އުފެއްދެވުމަށް ފަހު ކުރަން ޖެހުނު މަސައްކަތަކީ ރާއްޖެ އަށް އޭރު ދިމާވަމުން ދިޔަ ކަންތައްތަކުން ގައުމާއި ރައްޔިތުން ސަލާމަތް ކުރުން ކަމަށާއި އެ މަސައްކަތުގައި އެންމެ ބޮޑު އެހީތެރިކަމެއް އަމަލީ ގޮތުން ސާބިތު ކޮށްދެއްވި ބޭފުޅަކީ ވެސް އުމަރު ނަސީރު ކަމަށެވެ.