ކަރަންޓުގެ އަގުބޮޑުވުމާ ގުޅިގެން ކުރަމުންދާ މުޒާހަރާއާ އެކު ބަލްގޭރިޔާގެ ސަރުކާރު އިސްތިއުފާ ދެނީ

ކަރަންޓުގެ އަގުބޮޑުވުމާ ގުޅިގެން ރައްޔިތުން ކުރަމުންދާ މުޒާހަރާގެ ސަބަބުން ބަލްގޭރިޔާގެ ސަރުކާރު އެއްކޮށް އިސްތިއުފާދޭން ނިންމާފައިވާ ކަމަށް ބޮޑުވަޒީރު ބޮއިކޯ ބޮރިސޯވް ވިދާޅުވެއްޖެ އެވެ.

ބޮޑުވަޒީރު ބޮރިސޯވް ވިދާޅުވީ އިސްތިއުފާ ދެއްވަން ނިންމާފައި ވަނީ ވެރިރަށް ސޯފިއާގައި ކުރަމުންދާ މުޒާހަރާތަކުގައި ފުލުހުންނާ އާއްމުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގައި، ހަމަނުޖެހުން އުފެދިފައިވާތީ ކަމަށެވެ.

ޔޫރަޕުގެ އިއްތިހާދުގައި ހިމެނޭ އެންމެ ފަގީރު ގައުމު ކަމަށްވާ ބަލްގޭރިޔާގެ ރައްޔިތުން ކަރަންޓުގެ އަގުބޮޑުވުމުން އެކަމާ ދެކޮޅަށް މުޒާހަރާތައް ފަށާފައިވަނީ މީގެ ދެ ހަފުތާއެއް ހާ ދުވަސް ކުރިންނެވެ. ކަރަންޓުގެ އަގުބޮޑުވުމުން ފެށި މުޒާހަރާތައް މާގިނަ ދުވަސްތަކެއް ނުވެ ވަނީ ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާއަކަށް ވަނީ ބަދަލުވެގެން ގޮސްފަ އެވެ.

އަންގާރަ ދުވަހު ސޯފިއާގައި ކުރި މުޒާހަރާތަކުގައި ހިނގި ހަމަނުޖެހުންތަކަށް ފަހު، 14 މީހަކަށް އަނިޔާ ވެފައި ވާ ކަމަށް ބީބީސީއިން ބުނެ އެވެ.

"ފުލުހުން ރައްޔިތުން ގައިގައި ތަޅާ ވެރިކަމެއް ދެކޭކަން ބޭނުމެއް ނޫން. އޮހެރޭ ކޮންމެ ލޭ ތިއްކަކީ އަހަރެމެންނަށް ލަދުވެތި ކަމެއް." ބޮރިސޯވް އާ ހަވާލާދީ ބީބީސީއިން ބުނެ އެވެ.

މުޒާހަރާތައް ހޫނުވާން ފެށުމުން، ބޮރިސޯވްގެ ސަރުކާރުން ވަނީ ރައްޔިތުން ހިތްހަމަޖެއްސުމަށްޓަކައި ކަރަންޓުގެ އަގުތައް ކުޑަ ކުރާނެ ކަމަށް ވިދާޅުވެ، އޭރު ބަލްގޭރިޔާގެ ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި ބޭފުޅާ މަގާމުން ދުރުކޮށްފަ އެވެ.

ނަމަވެސް ދިރިއުޅުމުގެ އަގުތައް ބޮޑުވެ، ކޮރަޕްޝަން އިތުރުވެގެން ދިއުމުގެ ސަބަބުން ސަރުކާރާ ނުރުހިފައިވާ ރައްޔިތުން ވަނީ ބޮރިސޯވްއާ އޭނާގެ ކެބިނެޓް މެމްބަރުންގެ އިސްތިއުފާއަށް ގޮވާލައި، މުޒާހަރާތައް ކުރިއަށް ގެންގޮސްފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ސަރުކާރުގެ އިސްތިއުފާއާ މެދު ގޮތެއް ނިންމާނީ މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ބަލްގޭރިޔާގެ ގާނޫނު ހަދާ މަޖިލީހުގެ ކުއްލި ބައްދަލުވުމުގަ އެވެ.

ގާނޫނު ހަދާ މަޖިލީހުން ސަރުކާރުގެ އިސްތިއުފާ ބަލައިގެންފި ނަމަ، ބަލްގޭރިޔާގެ ގާނޫނު އަސާސީގައިވާ ގޮތަށް އެގައުމުގެ ރައީސް ރޮސެން ޕްލެވްނެލީވް އިންތިގާލީ ސަރުކާރެއް އެކުލަވާލާނެ އެވެ. އަދި އާއްމު އިންތިހާބުތައް ބޭއްވޭންދެން ވެރިކަން ކުރާނީ އިންތިގާލީ ސަރުކާރަކުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު