އައްޑޫ ސިޓީއަށް ގާސިމް ވައުދުތަކެއް ވެވަޑައިގެންފި

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް އައްޑޫ ސިޓީއަށް ބޮޑެތި ވައުދުތަކެއް ވެވަޑައިގެންފި އެވެ.

އެ ޕާޓީގެ ޖަގަހަ މ. ކުނޫޒުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ މާލޭގައި ބަހައްޓައިފައި ހުރި ކަހަލަ ގޭސް ޕްލާންޓަކާއި، މިނަރަލް ވޯޓާ ފެން ޕްލާންޓަކާއި، ތެޔޮ ބާޖަކާއި އަދި އައިސް ޕްލާންޓެއް އައްޑޫ ސިޓީ ގައި ގާއިމް ކޮށްދެއްވާނެ ކަމަށެވެ.

"މިއަދު އަޅުގަނޑު ނިންމައިފިން އައްޑު އަތޮޅުގައި މާލޭގައި މިހިރަ ކަހަލަ ގޭސް ޕްލާންޓެއް ބަހައްޓަން. އަދި މިނަރަލް ވޯޓާ ބަންދު ކުރެވޭ ގޮތަށް ފެން ޕްލާންޓެއް ވެސް ބަހައްޓާނަން. ހަމަ އެހެންމެ އައްޑޫގައި އައިސް ޕްލާންޓެއް ވެސް ގާއިމް ކޮށްދޭނަން. އަދި މީގެ އިތުރުން މިއަހަރު އެޕްރީލް ނިމުމުގެ ކުރިން އައްޑޫގައި ތެޔޮ ބާޖެއް ވެސް ބާއްވައި ދޭނަން. މި ހުރިހައި ކަމެއް އަޅުގަނޑު އައްޑު އަތޮޅަށް ކޮށްދޭން މި ނިންމީ އައްޑު އަތޮޅުގެ ތަރައްގީއަށްޓަކައި. އަޅުގަނޑުގެ އަމިއްލަ ހަރަދުގައި ވިޔަސް އަޅުގަނޑު މިކަން ކޮށްދޭނަން،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ކުރީގެ ސަރުކާރުގައި ވެސް އައްޑު އަތޮޅަށް ވަރަށް ގިނަ ކަންތައްތައްތަކެއްކޮށް ދެއްވާނެ ކަމަށް ވިދާޅުވި ކަމަށާއި އެހެން ނަމަވެސް އައްޑު އަތޮޅުގެ ކުރިއެރުމަށްޓަކައި އެއްވެސް ކަމެއް ކޮށްދެވިފައި ނުވާ ކަމަށެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ރައީސް މައުމޫންގެެ ވެރިކަމުގައި އެމަނިކުފާނު ފިނޭންސް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު އައްޑު އަތޮޅަށް ބޭރުގެ ބޮޑެތި އިންވެސްޓަރުން ގެންނަވަން މަސައްކަތްޕުޅު ކުރެއްވައި، އެ އިންވެސްޓަރުންނާއެކު މަޝްވަރާތަކެއް ކުރެއްވި ކަމަށެވެ. ނަމަވެސް ސަރުކާރުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން އެކަންތައްތައް ކުރެވޭ ގޮތް ނުވީ ކަމަށެވެ.

އެގޮތުން އޭރު އެކަންތައް ކޮށްދެއްވާނެ ކަމަށް ސަރުކާރުން ވިދާޅުވެފައި އެތައް ދުވަހެއް ވަންދެން ބޭއްވުމަށް ފަހު ކެބިނެޓްގައި ވެސް އެޖެންޑާ ނުކުރައްވައި އެންމެ ފަހުން ހުރިހައި އިންވެސްޓަރުން ގެއްލިގެން ދިޔައީ ކަމަށް ގާސިމް ވިދާޅުވި އެވެ.

"އަނގައިން ކަންތައް ކޮށްދޭން ވިދާޅުވާ ބޭފުޅުންނަށް ވޯޓް ދޭނީތޯ ނުވަތަ އަމަލުން އެކަން ދައްކާފައި ހުރި މީހަކަށް ވޯޓު ދޭނީތޯ" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ކުރިއަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް އިއުލާން ކުރައްވައިފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެމަނިކުފާނާ ވާދަ ކުރެއްވޭނެ އެއްވެސް ބޭފުޅެއް ނެތް ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ވަރަށް ފަސޭހަ ކަމާ އެކު ކާމިޔާބު ކުރައްވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑު މި ދަންނަވަނީ ހަގީގަތް ރައްޔިތުންނަށް ސާފުކޮށް ދެވުނީމައި އަޅުގަނޑާއި ވާދަ ކުރެވޭނެ މީހަކު ނުހުންނާނޭ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކޮށް ލިސްޓް ކޮށްލުމަށްފަހު އަޅުގަނޑަށް 90 ޕަސެންޓް ލިބުނިއްޔާ އެބޭފުޅުންނަކަށް 10 ޕަސެންޓު ވެސް ނުލިބޭނޭ. އަޅުގަނޑާ އެކީގައި އައިސް އެ ބޭފުޅުން ޖެހޭނީ ފަހަތަށް ޖެހޭން. އަޅުގަނޑާ ވާދަ ކުރެވޭނެ މީހެއް ނުހުންނާނެ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް އިތުރަށް ވިދާޅުވީ މިހައި ތަނަށް އެމަނިކުފާނު ރައްޔިތުންނަށްވީ ހުރިހައި ވައުދެއް ހުންނާނީ ފުއްދަވައި ދެއްވާފައި ކަމަށާއި އަދި ނުފުއްދޭ ވަރުގެ ވައުދެއް ވެވަޑައި ނުގަންނަވާނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު