ބައެއް ބޭނުންތަކުގައި އެމްޑީޕީ އަށް ސޮއިކޮށްފާނެ! އެކަން ހާސިލު ވުމުން އަނެއްކާ ވެސް ތިބޭނީ އިދިކޮޅުގައި: އަބްދުﷲ އަބްދުއް ރަހީމް

ބައެއް ބޭނުންތަކުގައި މެންބަރުން އެމްޑީޕީ އަށް ސޮއިކުރައްވައިފާނެ ކަމަށާއި އެކަމެއް ހާސިލުވުމުން އެ މެންބަރުން ތިއްބަވާނީ އަނެއްކާ ވެސް އިދިކޮޅަށް ކަމަށް ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަބްދުﷲ އަބަދުއްރަހީމް ވިދާޅުވެއްޖެ އެވެ.


މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމަކީ ޑީއާރްޕީގެ މެންބަރެއްގެ ގޮތުގައި ހުންނަވައި މިދިޔަ އޯގަސްޓް 29 ވަނަ ދުވަހު އެމްޑީޕީ އަށް ސޮއިކުރެއްވުމަށް ފަހު 24 ގަޑި އިރު ނުވަނީސް އެނބުރި ޑީއާރްޕީ އަށް ބަދަލުވެވަޑައިގަތް ބޭފުޅެކެވެ. އެނބުރި ޑީއާރްޕީއާ ގުޅިވަޑައިގަތުމަށް ފަހު ވިދާޅުވީ އެއްވެސް ހަދިޔާއެއް ލިބިވަޑައިނުގަންނަވާ ކަމަށާއި ސޮއިކުރެއްވެވީ އެމްޑީޕީން އުނދަނގޫ ކުރާވަރުން ކަމަށެވެ.


މާލޭ ލޮނުޒިޔާރަތްކޮޅުގައި ރޭ ޑީއާރްޕީން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަބްދުﷲ އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގެ މެންބަރުން ބައިބަޔަށް އެމްޑީޕީ އަށް ބަދަލުވާ ކަމަށާއި ނަމަވެސް އެ މެންބަރުން ބަދަލުވަނީ އެހެން ފިކުރެއްގައި ކަމަށެވެ.


"އަޅުގަނޑު އެ ޕާޓީ (އެމްޑީޕީ) އަށް ސޮއިކޮށްފައި ގޮސް ބައްދަލު ކުރީމާ އެ ބޭފުޅުން ވިދާޅުވީ ހެޔޮ ނުވާނެޔޭ މި ޕާޓީ އަށް ނާންނާށޭ. އަބްދުއްރަހީމް މި ޕާޓީ އަށް އައިސްގެން ނުވާނެޔޭ. އަޅުގަނޑަށް އެނގޭ އެ ބޭފުޅުންގެ ވިސްނުން ހުރީ ކިހިނެއްކަން،" އަބްދުﷲ އަބްދުއް ރަހީމް ވިދާޅުވި އެވެ. "އެ ބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުން އަޅުގަނޑުމެންނާއެކު ނުކުންނާނެ. ޑީއާރްޕީ ކޯލިޝަންގައި އެ ބޭފުޅުން ހިމެނޭނެ، އެކަމަކުގެ ފުރިހަމަ ޔަގީންކަން އެބައޮތް"  


އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީ އަށް ނުލިބޭނެ ކަމަށާއި 35 މެންބަރުން ވެސް ހަމަ ނުކުރެވޭނެ ކަމަށެވެ. ވޯޓެއްގައި ވެސް ކާމިޔާބު ނުލިބޭނެ ކަމަށެވެ.  


"މީގެ ކުރިން ވެސް މެންބަރުން ސޮއިކުރާ ވާހަކަ ދައްކަމުން ދިޔައީ. އެމްޑީޕީ އަށް ސޮއި ކޮށްފާނެ ބައެއް މެންބަރުން ބައެއްކަހަލަ ކަންކަމުގައި، ބޭނުމުގައި އެކަމަކު އެކަން ނިމުނީމާ އަނެއްކާ ވެސް ތިބޭނީ އިދިކޮޅުގައި. އަޅުގަނޑަށް ހަމަ ޔަގީން. އަޅުގަނޑު ނެތިން އެ މެންބަރުންނަށް އެއްޗެހި ކިޔާކަށް. އެލިބޭ ވަގުތީ ފައިދާއަކަށް އެބޭފުޅުން ހިތްހަމަޖެހެންޏާ ތިބެންވީ. އަޅުގަނޑަށް ޔަގީން އަޅުގަނޑުމެން ގޮސް އެމްޑީޕީގެ ޕޯޑިއަމަކުން ނުފެންނާނެ. ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިމާޔާތް ކުރެވޭނީ ޑީއާރްޕީ އަށް." އޭނާ ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު