އޮޑިޓާ ޖެނެރަލް އަކަށް ހުށަހެޅުއްވި އަލީ ރަޝީދުގެ ނަމަށް ވޯޓަށް އެއްސެވުން ފަސްކޮށްފި

އޮޑީޓާ ޖެނެރަލް ކަމަށް ހުށަހަޅުއްވާފައިވާ އަލީ ރަޝީދު އުމަރަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވީ ނަމަވެސް މާލިއްޔަތު ކޮމިޓީން އެނަން ދިރާސާކޮށްފައިވާ ގޮތުން ޕްރޮސީޖަރަލް މައްސަލަތަކެއް ހުރެދާނެ ކަމަށް ވިދާޅުވެ އެ މައްސަލަ ފަސްކުރައްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވައި ޖަލްސާ ފައްޓަވަމުން، ޝާހިދު ވިދާޅުވީ، އެކަމުގައި ދިމާވެފައިވާ ޕްރޮސީޖަރަލް މައްސަލަ، ކޮމިޓީން ނިންމައިފި ނަމަ އަލީ ރަޝީދަށް ރުހުން ދިނުމުގެ މައްސަލަ މާދަމާގެ ޖަލްސާ އަށް އެޖެންޑާ ކުރައްވާނެކަމަށެވެ. އަދި އެ މައްސަލަތަކާ ގުޅޭ ގޮތުން މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމާ މަޝްވަރާ ކުރައްވާފައިވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. ނަމަވެސް އެއީ ޕްރޮސީޖަރަލް ކޮން މައްސަލަތަކެއް ކަމެއް ޝާހިދު ވިދާޅެއްނުވެ އެވެ.


އޮޑިޓާ ޖެނެރަލް ކަމަށް ޢައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސްކަން ކުރައްވާފައިވާ އަލީރަޝީދު އުމަރުގެ ނަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރައްޔިޔުންގެ މަޖިލީހަށް ހުށަހަޅުއްވާފައި މި ވަނީ، އެ މަގާމުގައި ކުރިން ހުންނެވި އިބްރާހިމް ނައީމުގެ މައްޗަށް އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން މި އަހަރުގެ މާޗު 29 ގައި ފާސްކުރުމާގުޅިގެން އެ މަގާމު ހުސްވުމުންނެވެ.  


ކޮމިޓީން ކުރި ދިރާސާއިން، އެކަށީގެންވާ ވަރަށް މާކްސް ލިބިފައި ނުވާތީ، އަލީ ރަޝީދު، އޮޑިޓާ ޖެނެރަލް ކަމަށް އައްޔަން ކުރުމަށް ރުހުންދޭން ނުފެންނަ ކަމަށް އޭނާގެ ނަން ދިރާސާކުރި މާލިއްޔަތު ކޮމިޓީގެ ރިޕޯޓްގައި ވަނީ ބުނެފަ އެވެ. ކޮމެޓީން ކަނޑައަޅާފައި މިންގަނޑުން އޭނާ އަށް އެންމެ ދަށްކޮށް މާކްސް ލިބިފައި ވަނީ އިންޓަގްރިޓީންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު