ކުނިކޮށީގެ ދުމުން "ކޮށިއަރާތީ" އިމާދުއްދީން ސްކޫލް ކުދިން ގެއަށް!

މާލެތެރެ ހޫނުވާ ކޮންމެ ފަހަރަކު ވެސް އެންމެ ބޮޑަށް ހޫނުވެ "އަލިފާން" ހިފާ ތަނަކީ މާލޭ އެއް ނަމްބަރު ކުނިކޮށްޓެވެ. އެގޮތުން އިއްޔެ ވެސް މާލެ ތެރެ ސިޔާސީގޮތުން ހޫނުވެ ކެކިއަރައިގަތް ވަގުތު ހުޅުހިފީ މާލޭ އެއްނަމްބަރު ކުނި ކޮށީގައެވެ. ކޮންމެ ގޮތެއް ވިޔަސް "އެކްސިޑެންޓަކުން" ނުވަތަ ބަޔަކު "ގަސްތުގައި" ހުޅުޖެހި ނަމަވެސް އެކަމުގެ ގެއްލުމާއި އަސަރު އެތައް ބަޔަކަށް ފޯރަ އެވެ.

މާލޭގެ ބޮޑު ދެ ކުނިގޮނޑުގެ މައްސަލަ ބޮޑުވެ މާލެ "ކުނިވެ"ފައިވާއިރު، އެއް ނަމްބަރު ކުނިކޮށީގައި ހިފާ އަލިފާނުގެ އަސަރު ކުރާވަރު ވެސް ވަކި ކުޑައެއް ނޫނެވެ.

މާލޭ އެއް ނަމްބަރު ކުނިކޮށްޓާ އެންމެ ކައިރީ ކިޔަވައިދެމުން އަންނަ އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް އާސިފް ރަޝީދު ވިދާޅުވީ އިއްޔެ ކުނިކޮށީގައި ރޯވި ހާދިސާއާ ގުޅިގެން ކުނިކޮށިން އަރާ ދުމުގެ އަސަރު ކޮށް ގިނަ ކުދިން ތަކެއް މިއަދު ގެއަށް ފޮނުވާލަން ޖެހުނު ކަމަށެވެ.

"ދުމުގެ އަސަރުކޮށް ބައެއް ކުދިން ބޯ އަނބުރައި، އަނެއްބައި ކުދިން ހޮޑުލައި ހަދާތީ ގެއަށް ފޮނުވާލަން ޖެހުނު. މެންދުރުފަހު ސެޝަންގައި ކިޔަވައިދެވޭނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތް. ވަރަށް ބޮޑަށް ސްކޫލްތެރޭ ވަނީ ދުމުގެ އަސަރު ހިފާފައި،" ދެ ހާހެއްހާ ދަރިވަރުން ކިޔަވާ އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވި އެވެ.

މިދިޔަ އަހަރު ކުނިކޮށްޓައި ނީލަން ފިހާރައިގެ ރޯވެ އެތަނުން އަރާ ދުމުގެ އުނދަގުލާ ހެދި މިދިޔަ އަހަރު ވެސް ވަނީ އިމާދުއްދީން ސްކޫލްގެ ކިޔެވުން ދެ ހަފްތާއަށް މެދު ކަނޑާލާފަ އެވެ. އަދި މިއަދު ވަނީ އެ ސްކޫލްގެ ހުރިހާ ޕީއީ ގަޑިތަކެއް ވެސް ކެންސަލްކޮށްފަ އެވެ.

އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވާ ގޮތުގައި "ދުވާލެއްގެ ފަސް ގަޑިއިރު އެކުދިން މިތާ (ސްކޫލްގައި) ހޭދަ ކުރާ ކަމަށް ވަންޏާ އެކަމުގެ އަސަރު އެކުދިންގެ ފުއްޕާމެއަށް ވެސް ކުރާނެ. މެންދުރުފަހު ސެޝަންގައި އަދި އެ އަންނަނީ މާ ތުއްތު ކުދިން ތަކެއް" އެވެ.

ހާއްސައެހީއަށް ބޭނުންވާ ދަރިވަރުން ވެސް ކިޔަވަމުން އަންނަ އިމާދުއްދީން ސްކޫލްގައި ކިޔަވާ ދަރިވަރުންނަށް ނުކިޔެވޭ ވަރަށް ކުނިގޮނޑުން އަރާ ދުމުގެ އަސަރު ކުރާ މައްސަލަ މާލޭ ސިޓީ ކައުންސިލަށާއި ހައުސިން މިނިސްޓްރީއަށް އެ ސްކޫލުން ވަނީ ތަފާތު އެކި ފަހަރު މަތިން ހުށަހަޅާފަ އެވެ.

ނަމަވެސް ބަޖެޓްގެ ތާށިކަމާއެކު ހައްލުނުވެ އޮތް ކުނިގޮނޑުގެ މައްސަލައިގައި މާލޭ ސިޓީ ކައުންސިލްގެ މެމްބަރު މުހައްމަދު އަބުދުލްކަރީމް ވިދާޅުވީ ސިޓީ ކައުންސިލުން އެ މައްސަލަ ހައްލު ކުރަން އެތަށް ގޮތަކުން މަސައްކަތް ކުރާ ކަމަށެވެ. އަދި ކުނިގޮނޑުގެ މައްސަލަ ހައްލު ކުރުމަށް ސިޓީ ކައުންސިލަށް މިއަހަރު ބަޖެޓް ދޭއިރު 7.8 މިލިއަން ރުފިޔާ ހާއްސަ ކުރާނެ ކަމަށް ބުނެފައިވީ ނަމަވެސް އެފައިސާ ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މުހައްމަދު އަބުދުލް ކަރީމް ވިދާޅުވާ ގޮތުގައި ކުނިގޮނޑުގެ މައްސަލައާ ގުޅޭ ގޮތުން "އާ" ވާހަކެއް ދެން ދެއްކޭނީ ފިނޭންސާއެކު ބާއްވާ މަޝްވަރާ ބައްދަލުވުން ތަކަށްފަހު އެވެ.

ކުނި ކޮށީގެ މައްސަލައިގައި ވަކި ގޮތަކަށް ކަމާ ބެހޭ ފަރާތްތަކުން އަމަލު ކުރަންދެން ކުނިކޮށީގައި އަލިފާން ރޯވާ ކޮންމެ ފަހަރަކު ގައިގަ ދުންވަސް ހިއްޕައިގެން ނޭވާނުލައި އުޅެން އެތަށް ބަޔަކަށް މިއަދު މިވަނީ ޖެހިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް