މީޓަރު ނުއަތަށް އެނބުރޭތީ ބިލަބޮންގެ ސޯލާޕެނަލްތަކުންދީފައިވާ ކަރަންޓް ކަނޑާލައިފި

އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމުގެ ގޮތުން ބިލަބޮން ހައި އިންޓަނޭޝަނަލް ސްކޫލްގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކުން ކަރަންޓް ނެގުމުން އެތަނުގައި ހަރުކޮށްފައި ހުރި ސްޓެލްކޯގެ މީޓަރު ނުއަތަށް އެނބުރޭތީ އެ ޕެނަލްތަކުން ދެމުން އައި ކަރަންޓް މިއަދު ކަނޑާލައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ އިންޖިނޭރަކު ވިދާޅުވީ ބިލަބޮން ސްކޫލްގައި ހަރުކޮށްފައިވާ ސޯލާޕެނަލްތަކުން އުފައްދާ ކަރަންޓް، މިއަދު އެ ސްކޫލްގައި ކަރަންޓް ބޭނުން ކުރާ މިންވަރު މަދުވުމުން އަންނަނީ ސްޓެލްކޯގެ ގްރިޑަށް ކަމަށެވެ. އަދި އެއާ ގުޅިގެން އެތާނގައި ހަރުކޮށްފައިވާ ސްޓެލްކޯގެ މީޓަރު އެނބުރެނީ ނުއަތަށް ކަމަށާއި އެކަން ހައްލުކުރެވެންދެން ސޯލާޕެނަލްތައް ކަނޑާލުމަށް ފަހު އެ ސްކޫލަށް އަންގާފައިވާނެ ކަމަށް ވެސް ބުންޏެވެ.

"އެގޮތަށް ކަރަންޓް ނަގާ އިރު ހުންނަން ޖެހޭނީ އެކްސެސްވާ ކަރަންޓް މޮނީޓާ ކުރެވިގެން އަންނަ ގޮތަކަށް، ގަވައިދުގައި އޮންނާނީ ވެސް އެހެން. ދެން އެކަން ހައްލުކުރުމަށް އަޅުގަނޑުމެން ވާނީ އަންގާފައި، އަދި އެކަން ރަނގަޅު ކުރެވެންދެން ސޯލާ ޕެނަލްގެ ކަރަންޓް ކަނޑާލާފައި ބަހައްޓަން ވެސް ވާނީ އަންގާފައި،" އިންޖިނޭރު ވިދާޅުވި އެވެ.

ރާއްޖެ ކާބަން ނިއުޓްރަލް ކުރުމުގެ ގޮތުން، އިއާދަކުރަނިވި ހަކަތަ ބޭނުން ކުރުމަށްޓަކައި އިރުގެ އަވިން ކަރަންޓް އުފައްދާ ސޯލާ ޕެނަލްތައް ގިނަ އިމާރާތްތަކެއްގައި ހަރުކޮށްފައިވާ އިރު މީގެ ކުރިން މިފަދަ ކަމެއް އަދި ފާހަގަ ކުރެވިފައެއް ނުވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު