އޮޑިޓަރ ޖެނެރަލް ކަމަށް ޢައްޔަން ކުރެއްވުމަށް، ރައީސުލްޖުމްހުރިއްޔާ މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވާފައިވާ، ކުރީގެ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސްކަން ކުރެއްވި ޢަލީ ރަޝީދު ޢުމަރުގެ ނަންފުޅާ މެދު ގޮތެއް ނިންމުމަށްޓަކައި ހޯމަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް ހުށަހަޅާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިއަދު ބުނީ އެ ނަންފުޅު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކޮށްފައިވާ ގޮތުގެ ރިޕޯޓް ހޯމަ ދުވަހުގެ ޖަލްސާއަށް ހުށަހަޅައި އަދި އެ ރިޕޯޓަށް ބަހުސް ކޮށް ނިމުމުން އެ ނަންފުޅަށް މަޖިލީހުގެ ރުހުންއޮތްތޯ ބެލުމަށް ވޯޓަށް އައްސަވާނެ ކަމަށެވެ.
އޮޑިޓާ ޖެނެރަލް ކަމަށް ޢައްޔަން ކުރެއްވުމަށް، ޢަލީ ރަޝީދުގެ ނަންފުޅު ހުށަހަޅުއްވާފައި ވަނީ، އެ މަގާމުގައި ކުރިން ހުންނެވި އިބްރާހިމް ނައީމުގެ މައްޗަށް އިތުބާރު ނެތް ކަމަށް މި އަހަރުގެ މާޗު މަހުގެ 29 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ.
ޢަލީ ރަޝީދު ޢުމަރަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ލިވަޕޫލުން އެކައުންޓެންސީ ރޮނގުން ބެޗްލަޒް ޑިގްރީ ޙާޞިލު ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި އަދި އޭނާ އަކީ ޗާޓަޑް ސަޓިފައިޑް އެކައުންޓެންޓެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ބުނެފަ އެވެ.
ޢަލީ ރަޝީދު މީގެ ކުރިން ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސްކަމާއި، އެ ކޮމިޝަންގެ މެންބަރުކަން ވެސް ކުރައްވައިފަ އެވެ. އަދި އެންޓި-ކޮރަޕްޝަން ބޯޑުގެ އެކި މަގާމުތައް އޭނާވަނީ ފުރުއްވައިފަ އެވެ. އޭގެ ތެރޭގައި، އެސައިންޓްމަންޓް އޮފިސަރު ކަމާއި، އެސިސްޓެންޓް ޑިރެކްޓަރު ކަމާއި ޑެޕިއުޓީ ޑިރެކްޓަރު ކަމާއި ޑިރެކްޓަރު ކަމުގެ މަގާމު ހިމެނެ އެވެ.
އޮޑިޓާ ޖެނެރަލް ކަމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ފޮނުއްވާފައިވާ އަލީ ރަޝީދު އުމަރަށް ރުހުން ދޭން ނުފެންނަ ކަމަށް އެ ނަން ދިރާސާކުރި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ ނިންމައިފަ އެވެ.
މާލިއްޔަތު ކޮމެޓީގެ މުގައްރިރު މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެފައި ވަނީ އަލީ ރަޝީދަށް ރުހުން ދޭނީ އޭނާއާ ކުރައްވާ އިންޓަވިއުއިން އެވްރެޖް 75 މާކްސް ލިބުމުން ކަމަށް ކޮމިޓީގެ މެމްބަރުން ކުރިން ނިންމައިގެނެ އެވެ. އެކަމަކު އަލީ ރަޝީދަށް ލިބިވަޑައިގަތީ 62 ޕަސެންޓު ކަމަށާއި އޭނާއަށް އެންމެ ދަށުން މާކްސް ލިބިވަޑައިގެންނެވީ އިންޓަގްރިޓީ ނުވަތަ މިނިވަން މުސްތަގިއްލު ކަމުގެ ބައިން ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.