ހޯރަފުށީ ހުސޭނުބޭގެ މަރު: ގޯންޏަކަށް އަޅައި ދެ ތަނެއްގައި ފޮރުވާފައި ހުރި ފައިސާ އަނެއާކާ ވެސް ހޯދައިފި

މިދިޔަ މަހު ހޯރަފުށީގައި މަރާލައި ފަޅު ގެއެއް ތެރެއަށް އެއްލައިލާފައިވާ ވިޔަފާރިވެރިޔާ، ހޯރަފުށީ ސީވިއު، ހުސައިން މަނިކު61، (ހުސޭނުބޭ)ގެ މަރާލުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ މީހުންގެ ތެރެއިން އެކަކު، ގޯންޏަކަށް އަޅައި ރަށުގެ ތުނޑީގައި ވަޅުލާފައިވާ ގިނަ އަދަދެއްގެ ފައިސާ އާއި އެހެން ގޯއްޗެއްގެ ތެރޭގައި ފޮރުވާފައިވާ ފައިސާ އާއި އޭނާ އެރޭ ލައިގެން އުޅުނު ފިނި ހެދުން ފުލުހުން ހޯދައިފި އެވެ.


ހޯރަފުށީގެ އިސް މަސްއޫލުވެރިޔަކު ސަންއެފްއެމް އޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ  ހުސޭނުބޭ މަރާލުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ މީހުންގެ ތެރެއިން އެރަށު އުއްމީދީ މަންޒިލް އަހުމަދު އިބްރާހިމް ގޮވައިގެން ތަހުގީގު ޓީމުން އިއްޔެ ގޮސް ރަށު ތުނޑީގެ ވެލި ބެދޭ ހިސާބުގައި ވަޅުލާފައިވާ ފައިސާ ގޯންޏެއް ނަގާފައިވާ ކަމަށެވެ.


"އޭގެ އިތުރުން ފުލުހުން ވަނީ ހުސޭނުބޭ މަރާލައި އެއްލާލާފައިވާ ފޫޓު (ގޯތި)ގެ ހުޅަނގު އޮތް ގޯއްޗެއްގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ އާއި އެރޭ (ހުސޭނުބޭ މަރާލި ރޭ) އަހުމަދު އިބްރާހިމް ލައިގެން ހުރި ފިނި ހެދުން ވެސް ހޯދާފައި،" ހޯރަފުށިން ސަންއެފްއެމް އޮންލައިނަށް މައުލޫމާތު ދެއްވާ ބޭފުޅާ ވިދާޅުވި އެވެ. "އަޅުގަނޑުމެނަށް މިހާރު ކަށަވަރުވެފައިވާ ގޮތުގައި މިހާރު ވަނީ ފޭރިގެންފައިވާ ހުރިހާ ފައިސާތަކެއް ހޯދައި ތަހުގީގު ފަހު މަރުހަލާއަށް ފެށިފައި. މިހާރު އަޅުގަނޑަށް އެބަފެނޭ ހުސޭނުބޭގެ ކުދިންގެ ބަޔާންތައް ފުލުހުން ނަގާތަން،" އޭނާ ވިދާޅުވި އެވެ. "އެކަމަކު އަދިވެސް އެއްވެސް މީހަކަށް ނޭނގޭ ހުސޭނުބޭ އަތުގައި ހުރީ ކިހާ ފައިސާއެއް ކަމެއް މަދުވީ ކިހާ ފައިސާއެއް ކަމެއް،"


އޭނާ ވިދާޅުވީ މަރުގެ މައްސަލައިގެ ތަހުގީގުގެ ތެރެއިން މިހާތަނަށް ރައްޔިތުންނަށް އެނގިފައިވާ ގޮތުގައި ހުސޭނުބޭ މަރާލުމުގައި ފަހުގެ ހަމަލަތައް ދީފައި ވަނީ ހުސޭނުބެއަށް ބޮޑުބޭބެ ކިޔާ އެރަށުގެ ޅޮހީގޭ މުހައްމަދު ލަތީފު ކަމަށެވެ. މުޅި ހަމަލަ ރޭވުމުގައި އިސްކޮށް އުޅެފައި ވަނީ ސޯސަންވިލާ ނުއުމާނު އަބްދުﷲ އާއި އުންމީދީމަންޒިލް އަހުމަދު އިބްރާހިމް ކަމަށެވެ.


ހުސޭނުބޭ މަރާލުމަށް ފަހު މި ތިން މީހުން ރާވާފައި ވަނީ އަހުމަދު އިބްރާހިމް ގެންގުޅޭ ޑީންގީއެއްގައި ހުސޭނުބޭ ހަށިގަނޑު ރަށުން ބޭރުކޮށްލުމަށް ކަމަށް އެނގިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.


"ތަހުގީގުގައި މި އަހުމަދު އިބްރާހިމް ދަނީ އެއްބާރުލުން ދެމުން. ކަށަވަރުވެފައިވާ ގޮތުގައި އެ މީހުން އޮތީ އެގޮތަށް ރާވައި އެ ޑިންގީ ވެސް ވަނީ ރަށުގެ ތުނޑިޔަށް ގެންގޮސް ތައްޔާރުކޮށްފައި. އެމީހުންނަށް އެކަން ނުކުރެވުނު ސަބަބެއް ކަމަށް މައުލޫމާތު ލިބެނީ ފަތިސް ވަގުތު އެ ސަރަހައްދުގެ މަގެއްގެ ޖޯއްޔެއްގައި އިން އަންހެނަކަށް ނުފެންނަ ގޮތަކަށް ހަށިގަނޑު ބެރުކޮށްލުމުގައި ހުރަސްތައް ދިމާވުން ކަމަށް ވަނީ،" އޭނާ ވިދާޅުވި އެވެ.


މަރުގެ މި މައްސަލައި ހައްޔަރު ކުރި ފަސް މީހުންގެ ތެރެއިން ހުސޭނުބެއަށް ބޮޑުބޭބެ ކިޔާ މުހައްމަދު ލަތީފާއި އަހުމަދު އިބްރާހިމާއި ނުއުމާން އަބްދުﷲ ފިޔަވައި އަނެއް ދެ މީހުން މިހާރު ވަނީ ރަށުތެރެއަށް ދޫކޮށްލާފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު