އަބްދުﷲ ގާޒީ ކޮމެޓީ އަށް ހާޒިރުކުރުމަށް ނިންމައިފި

ކޯނީގެ ރިޕޯޓް ދިރާސާ ކުރާ، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީ އަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހާޒިރު ކުރުމަށް މިއަދު އެ ކޮމެޓީން ފާސްކޮށްފި އެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކޮމެޓީ އަށް އިސް ގާޒީ ހާޒިރު ކުރުމަށް ފާސްކުރަނީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އެނާ ހައްޔަރު ކުރި މައްސަލާގަ އެވެ. އެ މައްސަލައިގެ މައުލޫމާތު ހޯދުމަށްޓަކައި ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދާއި ޑިފެންސް މިނިސްޓަރު މުހައްްމަދު ނާޒިމް ހާޒިރު ކުރުމަށްވަނީ ނިންމާފަ އެވެ.

އަބްދުﷲ ގާޒީއާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ ސުލޫކީ މައްސަލާގައި އެ ކޮމިޝަންގެ ރައީސް އަދި ސްޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ވެސް ކޮމެޓީއަށް ހާޒިރު ކުރުމަށް ނިންމި އެވެ. އެ ބޭފުޅުން ހާޒިރު ކުރުމަށް ނިންމާފައި ވަނީ އަންނަ ހޯމަ ދުވަހު އެވެ.

މަޖިލީހުގައި ނޫސްވެރިންނަށް މައުލުމާތުދެއްވަމުން ކޮމެޓީގެ މުގައްރިރު އަލީ ވަހީދު ވިދާޅުވީ އަބްދުﷲ ގާޒީ ކޮމެޓީއަށް ހާޒިރު ކުރަނީ ފަނޑިޔާރެއްގެ ހައިސިއްޔަތުން ނޫން ކަމަށާއި އޭނާ ހާޒިރު ކުރަނީ އަމިއްލަ ހައިސިއްޔަތުން ކަމަށެވެ. އަދި ނިޒާމުން ގެއްލުވާލި މައްސަލާގައި އަމިއްލަ ހައިސިއްޔަތުން ދިފާއުގައިޮ ވާހަކަ ދެއްކެވުމުގެ ފުރުސަތު އަބްދުﷲ ގާޒީއަށް ލިބެންޖެހޭނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލަ އާއި އޭނާ ނިޒާމުން ގެއްލުވާލި މައްސަލަ ކޮމެޓީން ބަލަން ނިންމާފައިވާއިރު އެ ދެ މައްސަލަ ވެސް އޮތީ ކޯޓް މަރުހަލާގަ އެވެ. ނަމަވެސް ހުޅުމާލޭ ކޯޓްގެ މައްސަލަ މަޖިލީހުން ބަލަން ފެށުމުން ސްޕްރީމް ކޯޓުން ނެރުނު ރޫލިންއެއްގައި ބުނެފައި ވަނީ ކޯޓް މަރުހަލާއެއްގައި ހިނގަމުންދާ ކަމެއް ތަހުގީގުކޮށް ނުބެލޭނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު