ތެޔޮ ހުސްވެގެން ހެނބަދޫން ކަރަންޓް ކަނޑާލައިފި

ނ. ހެނބަދޫން ތެޔޮ ހުސްވެގެން އެ ރަށުން ކަރަންޓް ކަނޑާލައިފި އެވެ.

ހެނބަދޫން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ މިއަދު ހެނދުނު 9 ޖެހިއިރުން ފެށިގެން އެ ރަށުން ކަރަންޓް ގޮސްފައިވާ އިރު، ކަރަންޓް ލިބޭނީ މިރޭ 11 ޖަހާއިރުކަމަށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ހެނބަދޫ ކައުންސިލްގެ ރައީސް އާދަމް ސަމީރު ވިދާޅުވީ ކަރަންޓް ލިބޭނީ މިރޭ ކަމަށް ނޮދަން ޔުޓިލިޓީޒުން ބުނެފައިވާ ކަމަށެވެ.

އަދި އެ ރަށަށް ތެލުގެ ދަތިކަން ކުރިމަތިވެފައި އޮންނަތާ ދެ ތިން މަސް މިހާރު ވެފައިވާ ކަމަށް ކައުންސިލަރު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އިންޖީނުގެ އަށް ފަހަކަށް އައިސް ލިބެނީ ދެ ފީފާ ނުވަތަ ތިން ފީފާ ތެޔޮ ކަމަށެވެ. އަދި އެތެލުން މާގިނަ ދުވަހު ހިފަހައްޓާ ނުލެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތެޔޮ ހުސްވުމުން ތެޔޮ ހޯދަން ޖެހެނީ ކައިރި ރަށްތަކުން ކަމަށާއި އެގޮތުން މިއަދު ވެސް ކައިރި ރަށަކުން ތެޔޮ ލިބިފައިވާ ކަމަށް ޔުޓިލިޓީޒުން ބުނެފައިވާ ކަމަށް ކައުންސިލަރު ސަމީރު ވިދާޅުވި އެވެ.

ހެނބަދޫން ވާހަކަ ދެއްކި މީހަކު ބުނީ ތެޔޮ ހުސްވެގެން އަބަދުވެސް އޮންނަނީ ތެޔޮ ހޯދަން ޖެހިފައި ކަމަށާއި ބައެއް ފަހަރު އޮޑި ދޯނިފަހަރުން ވެސް ތެޔޮ ގަންނަން ޖެހޭ ކަމަށެވެ. ނަމަވެސް ފަހަކަށް އައިސް ތެޔޮ ފީފާގެ ބަދަލު ލިބުން ލަސްވާތީ އޮޑިވެރިން ވެސް ޔުޓިލިޓީޒަށް ތެޔޮ ނުވިއްކާ ކަމަށް އޭނާ ބުންޏެވެ.

ކަރަންޓް ކެނޑުނު މައްސަލައާ ގުޅިގެން ނޮދަން ޔުޓިލިޓީޒްގެ އޮޕަރޭޝަން މެނޭޖާ އަށް ގުޅާލުމުން ވިދާޅުވީ މެނޭޖިން ޑިރަކެޓާ އަހުމަދު ނިމާލް އެ މައުލޫމާތު ދެއްވާނެ ކަމަށެވެ. ނަމަވެސް ނިމާލް ފޯނަށް ޖަވާބު ނުދެއްވާތީ ވަނީ އޭނާގެ ބަހެއް ލިބޭ ގޮތްނުވެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު