މުލީއާގޭގައި ހަރުކުރި ސޯލާޕެނަލްތަކުން ސްޓެލްކޯއަށް ކަރަންޓް ވިއްކަވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

މިއަދު ހެނދުނު 7:30ގައި ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މުލިއާގޭ ފުރާޅަށް އަރާވަޑައިގެން ސޯލާ ޕެނެލަތައް ހަރުކުރައްވަމުން ގެންދެވި އެވެ. ފުރާޅުމަތީގައި އިށީނދެ އިންނަވައިގެން ޕެނަލަކަށް ފަހު ޕެނަލެއް ހަރުކުރައްވަމުން ވަޑައިގެން ކުއްލިއަކަށް ކޮޅަށް ތެދުވެވަޑައިގަތުމުން ހީކުރެވުނީ އިތުރު ޕެނަލެއް ދެއްވާށޭ ވިދާޅުވާން އުޅުއްވީ ކަމަށެވެ. ނަމަވެސް މުލިއާގެ ގޯތިތެރޭގައި ހުންނެވި އަނބިކަނބަލުންނަށް އިޝާރާތް ކުރައްވައި ވިދާޅުވީ "ލައިލާ ސައި!" ކޮބައިތޯ އެވެ.


ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވިދާޅުވީ ސަޔަކީ ރައީސް އެންމެ ހާއްސަ ބުއިން ކަމަށާއި ކޮންމެ ކަމެއްގައި އުޅުއްވި ނަމަވެސް އަބަދުވެސް ސައި ބައްލަވާނެ ކަމަށެވެ.


އެމެރިކާގެ ސަންގެވިޓީގެ ފަރާތުން ހަދިޔާކުރި 48 ގަނޑު ސޯލާ ޕެނަލް ފުރާޅުގައި ހަރުކޮށް ދެއްވުމަށް ފަހު ރައީސް ވިދާޅުވީ މިއަދު ހަރުކުރި ސޯލާ ޕެނަލްތަކުން ނެގޭ ކަރަންޓުން ސްޓެލްކޯ އަށް ކަރަންޓް ވިއްކުމަށް ވިސްނަވަމުން ގެންދަވާ ކަމަށެވެ.


ރައީސް ނަޝީދު ވިދާޅުވީ މުލީއާގޭގައި ކަރަންޓް އުފައްދައި ވިއްކުމުގެ ހުއްދައެއް ހޯދަން ޖެހޭ ކަމަށާއި އެ ހުއްދަ ހޯދުމަށް އެނާޖީ މިނިސްޓްރީގައި މިއަދު ދަންނަވާނެ ކަމަށެވެ. އަދި ވިދާޅުވީ ޖަނެރޭޓަރު ބެހެއްޓުމާއި މި ބާވަތުގެ ކަންތައްތަކަކީ ސްޓެލްކޯ އަށް ހާއްސަކަމެއް ކަމަށާއި މުލީއާގޭ ކަރަންޓް އުފައްދައި ވިއްކާ ނަމަ އުސޫލެއް ގާއިމްކުރަން ޖެހޭ ކަމަށެވެ. ރައީސް ވިދާޅުވީ ސްޓެލްކޯ އަށް ޖަނެރޭޓަރު ބެހެއްޓުމުގައި ޖާގައިގެ ދަތިކަން އެބަހުރި ކަމަށާއި ކަރަންޓާ ގުޅޭ ޕްރޮގްރާމްތައް ހުންނާނެ ކަމަށާއި އެފަދަ ޕްރޮގްރާމްތައް މެދުވެރިކޮށް ރައްޔިތުންނަށް ލުއި ގޮތެއްގައި ސޯލާ ޕެނަލްތައް ހަރުކުރެވޭނެ ގޮތްތަކެއް ހަމަޖެހިދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.


ރައީސް ވިދާޅުވީ މުލިއާގޭގައި ބަހައްޓާފައިވާ ކޮންމެ ޕެނަލެއް ގުޅިފައި ހުންނާނީ ސްޓެލްކޯގެ އިލެކްޓްރިކް ގްރިޑަކާ ކަމަށާއި އެ ގްރިޑް މެދުވެރިކޮށް ކޮންމެ ގެއަކަށް ވެސް ކަރަންޓް ވިއްކޭނެ ކަމަށެވެ.


"އެހެން ނަމަވެސް ކަރަންޓް ގަންނަ ފަރާތަކީ އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންނަށް މި ރޭވިފައި އޮތް ރޭވުމުގައި ސްޓެލްކޯގެ ގޮތުގައި ބާއްވަން ވެއްޖެހެން،" ރައީސް ވިދާޅުވި އެވެ.


ސޯލާ ޕެނަލްތައް ހަރުކުރުމަކީ މާ ބޮޑު އުނދަގުލެއް އޮތް ކަމެއް ނޫން ކަމަށާއި ހުކުރު ދުވަހެއްގައި ހުކުރަށް ދިއުމުގެ ކުރީގައި 11 ޖަހަންވާއިރަށް ހުރިހާ ސާމާނެއް ގޭގައި ހަރުކޮށްލެވޭނެ ކަމަށާއި ކުރިޔަށް އޮތްތާނގައި ވެސް އެ ޕެނަލްތައް ބެލެހެއްޓުމުގެ ހުރިހާ ކަމެއް ކުރައްވާނީ އެމަނިކުފާނު ކަމަށެވެ.


"... ވަރަށް ފަސޭހަ. އެއްގޮތަކަށް ވެސް އިތުރު ބަޔަކު ހޯދަންޖެހޭ ކަމެއް ނޫން [މިކަމަކީ]. ހަމަ އާދައިގެ ނަރު ގުޅާލުމާއި އިސްކުރު އެނބުރުމާއި އެ ނޫން ކަމެއް އޮތް ކަމެއް ނޫން. އެލްމެނިއަމް އެންގަލް ދަގަނޑު އެހެރީ. އަޅުގަނޑު ހަމަ ދަންނަވަން އޮތް ވާހަކަ އަކީ ހަތަރު މިލިއަން ރުފިޔާ 30 އަހަރުގެ ތެރޭގައި ގެއެއްގެ އުމުރުގެ ތެރޭގައި މީގެއިން އެބަ ސަލާމަތްވެއޭ. އެއީ ގެއެއްގެ އަގު. އެހެންވީމަ އަޅުގަނޑު އުއްމީދުކުރަން ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވެގެން މި މަސައްކަތް ފަށާނެ ކަމަށް."


މުލީއާގޭ ފުރާޅަށް އަރާވަޑައިގެން ސޯލާ ޕެނަލްތައް ރައީސް ހަރުކުރައްވާ ގޮތަށް ކުރިން އޮތީ މި އަހަރުތެރޭގައި އަންނަ އެންމެ ތާރީހު ރީތި ދުވަސް ކަމަށްވާ 10-10-10ގަ އެވެ.


ޕްރެސް ސެކްރެޓެރީ މުހައްމަދު ޒުހައިރު ވިދާޅުވީ ރައީސް މުލީއާގޭ ފުރާޅަށް އަރައިވަޑައިގަތުން އަވަސް ކުރެއްވުމަށް ހަމަޖެއްސެވީ މޫސުމީ ގޮތުން އަތްވާ ދިމާ ކުރެއްވުމުގެ ގޮތުން ކަމަށާއި ތާރީހު އަވަސް ކުރެއްވީ އެކަން ކުރައްވާ އެމެރިކާގެ ކުންފުނިން ކަމަށެވެ.
 ކާބަން ނިއުޓްރަލް ނުވަތަ 100 ޕަސަންޓް އިއާދަކުރުވަނިވި ހަކަތަ ބޭނުންކުރާ ފުރަތަމަ ރިޔާސީ ގަނޑުވަރަށް މުލީއާގެ ހެދުމަށްޓަކައި، އެމެރިކާގެ ކެލިފޯނިއާއަށް ނިސްބަތްވާ ސަންގެވެޓީ ކުންފުނިން ވަނީ، 30000 ޔޫއެސް ޑޮލަރުގެ އަގުހުރި ސޯލާ ޕެނަލްތަކެއް ރައީސް ނަޝީދަށް ހަދިޔާކޮށްފަ އެވެ. ފަންސަވީސް އަހަރުގެ ދިގު މުއްދަތަކަށް ބޭނުންކުރެވޭ އެ ޕެނަލްތަކުން، މި މުއްދަތުގެ ތެރޭގައި، ކަރަންޓު ޚަރަދު އެއް ލައްކަ ޑޮލަރަށް ކުޑަކޮށްދޭ ކަމަށް ވެއެވެ.


ރައީސް ނަޝީދަކީ މިދިޔަ އަހަރު ކޯޕަންހޭގަންގައި ބޭއްވި މޫސުމީ ބިޔަ ސަމިޓުގެ ކުރިން ދުނިޔެއިން ފާހަގަކުރި 350 ކެމްޕޭނުގައި ވެސް އެންމެ "ވިދާލި" ޝަޚްސިއްޔަތެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު 17 ވަނަ ދުވަހު ދުނިޔޭގެ ގިނަ ބައެއްގެ ލޯތައް ރާއްޖެއަށް ހުއްޓިގެންދިޔައީ، ރައީސް ނަޝީދު އެމަނިކުފާނުގެ ކެބިނެޓާ އެކު މޫދު އަޑީގައި ބޭއްވެވި ތާރީހީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ސަބަބުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު