ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދީ ދަމަހައްޓާނެ ކަމުގެ ވައުދު ފުއްދުމުގެ ވަގުތު ފާއިތުވެގެން ހިނގައްޖެ ކަމަށް ވިދާޅުވެ ސަރުކާރާއި އެމްޑީޕީގެ ސިއްހީ އެޖެންޑާއަށް ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ތަސްމީން އޭނާގެ ވެބްސައިޓުގައި ލިޔުއްވާފައިވާ ގޮތުގައި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށް ދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށާއި އެ ހިދުމަތް ފޯރުކޮށް ދިނުމަށް މިހާރުގެ ސަރުކާރުންވި ވައުދުތައް ފުއްދުމުގެ ވަގުތު ފާއިތުވެގެން ގޮސްފައިވާ ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ އެމްޑީޕީގެ މެނިފެސްޓޯއަކީ އެއަށް އަމަލު ނުކުރާ ހުސް ވާހަކަތަކެއްގެ މައްޗަށް ބިނާވެފައިވާ މެނިފެސްޓޯއެއް ކަމަށެވެ.
ފެންވަރު ރަނގަޅު ސިއްހީ ހިދުމަތުގެ ނިޒާމެއް އަތްފޯރާ ފަދަ އަގެއްގައި އެންމެހާ ރއްޔިތުންނަށް ފޯރުކޮށްދޭނެ ކަމަށާއި ސިއްހީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނާއި ތަންތަނުތެ ފެންވަރު ރަނގަޅުކޮށް ދެމެހެއްޓުމަށްޓަކައި ތަފާތު ޕްރޮގްރާމްތައް ހިންގާނޭކަމަށް އެ މެނިފެސްޓޯގައި ލިޔެފައިވާ ކަމަށް ވެސް ތަސްމީން ވިދާޅުވެފައި ވެއެވެ.
އޭނާ ވިދާޅުވީ ކަން އެހެން އޮތް ނަމަވެސް ސަރުކާރުން ހިންގާ ހޮސްޕިޓަލްތަކުން ހިދްމަތެއް ހޯދާފައިވާ ފަރާތްތަކަށް އެމްޑީޕީން ވެފައިވާ ސިއްހީ ހިދުމަތުގެ ވައުދާ ހިލާފު ވެފައިވާކަން ޔަގީން ވާނެ ކަމަށާއި ބިރުގަންނަހާ ދަށުދަރަޖައަކަށް ހިދުމަތުގެ ފެންވަރު ވެއްޓިފައިވާކަން އެނގޭނެ ކަމަށެވެ.
ތަސްމީން ވިދާޅުވީ ސިއްހީ ދުޅަހެޔޮކަމަށް ބުރޫއަރާ ހިސާބަށް ހާލަތު ގޮސްފައިވާ ކަމަށާއި ސަރުކާރުގެ މައި ހޮސްޕިޓަލު ހިންގުމަށްޓަކައި ދުވަހުން ދުވަހަށް ބޭނުންވާ މުހިންމު ސާމާނު ނުލިބި، ދެބައި ކުޅައެއްބައި މެޝިންތައް ހަލާކުވާ ހިސާބަށް ކަންތައް ގޮސްފައިވާތީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
"... ލިބެންހުރި މަދު ސާމާނުކޮޅަކާ އެކު ހޮސްޕިޓަލްގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންނާއި އެހެނިހެން ފަންނީ މުވައްޒަފުން ރެޔާދުވާލު ވަރުބަލިކަމެއް ނެތި ބަލިމީހުންނަށް ހިދުމަތް ފޯރުކޮށްދިނުމުގައި މަސައްކަތްކުރެއެވެ. އެހެންނަމަވެސް އެކަށީގެންވާ ހިދްމަތެއް ދިނުމަށް ކޮންމެހެން ބޭނުންވާ ސާމާނު ނެތުމުގެ ސަބަބުން އެބައިމީހުން ވެސް މިއަދުވަނީ ގޮތްހުސްވެ މާޔޫސްވާ ހިސާބަށް ގޮސްފައެވެ. މިހިސާބަށް ކަންތައްތައް ދާއިރު ސިއްހީ ހިދުމަތް ލިބިގަންނަ ބަލިމީހުންގެ ޙާލަތަކީ ކޮބައިކަން ހިތަށް ގެންނަން ވެސް އުނދަގުލެވެ،" ވެބްސައިޓްގައި ތަސްމީން ލިޔުއްވާފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ކެންދޫ ދާއިރާގެ މެންބަރު ވިދާޅުވެފައި ވަނީ ސިއްހީ ހިދުމަތުގެ ވާހަކަ ދައްކާނަމަ ސަރުކާރުން "މަދަނަ" ހެލްތު އިންޝުއަރެންސް ސްކީމްގެ ވާހަކަ ކުރިޔަށް ނެރޭ ކަމަށާއި ރައީސް ނަޝީދުގެ ހެލްތު ކޯޕަރޭޝަން މަސައްކަތް ކުރަނީ ހަމައެއް ލަމައެއްނެތި ކަމަށެވެ. އެ ކޯޕަރޭޝަނުން އަޖުމަބެލުމުގެ ގޮތުން ކުރާ ބޭކާރު ކަންތައްތަކުގެ ސަބަބުން ހެލްތު މިނިސްޓްރީއާ އެތާނގައި މަސައްކަތްކުރާ ފަންނީ އެތައް ބައެއްގެ މަސައްކަތާއި ގައުމީ ސިއްހީ ހިދުމަތުގެ އެޖެންޑާ ބޭކާރު އެއްޗަކަށް ވެފައިވާ ކަމަށް ވެސް އެ ލިޔުއްވުމުގައި ވެއެވެ.