ރައްޔިތުންނަށް ދިމާވެފައި މިވާ ނިކަމެތިކަމުން ސަލާމަތް ވުމަށް ރައްޔިތުން ގުޅިގެން މަސައްކަތްކުރާން ތެދުވާން ޖެހިފައިވާ ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ އިންތިގާލީ ލީޑަރު އަހްމަދު ސިޔާމު މުހައްމަދު ވިދާޅުވެއްޖެ އެވެ.
އެމްޑީއޭ އަށް މެންބަރުން އިތުރު ކުރުމަށް ހއ. އަތޮޅުގެ ބައެއް ރަށްރަށަށް އެ ޕާޓީން ކުރަމުން އަންނަ ދަތުރުގައި ހއ. އިހަވަންދޫގައި ރޭ ބޭއްވި އެ ޕާޓީގެ ޖަލްސާގައި ސިޔާމް ވިދާޅުވީ ގައުމުގެ އިގްތިސާދީ އިޖްތިމާއީ އަދި ސިއްހީ ތަރައްގީ އެތައް އަހަރެއް ފަހަތަށް ގޮސް އަތޮޅުތަކުގެ ރައްޔިތުން ހާލުގައި ޖެހިފައިވާކަމަށެވެ. އަދި ސިޔާސީ ލީޑަަރުން ދައްކަވާ ދޮގު ވާހަކަތަކަށް ރައްޔިތުން ހޭލައި މަސައްކަތް ނުކޮށްފި ނަމަ ރައްޔިތުންގެ ދިރިއުޅުުގެ ހާލަތު އިތުރަށް ދަށަށްގޮސް މިހާރަށް ވުރެ ނިކަމެތި ހިތާމަވެރި ހާލަތަކަށް ހިނގައިދާނެ ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.
ސިޔާމު ވިދާޅުވީ، ގައުމު މިހާލަތަށް ގޮސް ރަށްރަށުގެ ރައްޔިތުން ހާލުގައި ޖެހެން ދިމާވީ ޒަމަނުއްސުރެ ކުރަމުންއައި ވެރިކަމުގެ ފަރާތުން ތަރައްގީގެ ހަރުދަނާ ސިޔާސަތުތަކެއް އެކުލަވައިލައިފައި ނުވާތީ ކަމަށެވެ. އަދި މިއަހަރު ވެސް ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް އިތުރަށް ކުރިއަރާނެ ކަމަށް ބަޖެޓްގައި ހިމަނާފައިވާ އިރު އެ އުފެއްދުންތެރިކަން އިތުރު ކުރުމަށް ޕްރޮގްރާމްތަކެއް ހިމަނާފައި ނުވާކަމަށް ވެސް ސިޔާމު ވިދާޅުވި އެވެ. އަދި ރާއްޖޭގެ އުފެއްދުންތެރިކަން އެންމެ ބޮޑަށް ހިއްސާ ކުރަނީ ޓޫރިޒަމް ދާއިރާ އަށްވާ އިރު އެ ދާއިރާ އިޝްތިހާރު ކުރުމަށް ބަޖެޓްގައި އެކަށީގެންވާ އެއްޗެއް ހިމަނާފައި ނުވާތީ ޓޫރިޒަމްގެ ދާއިރާ އަށް އިހުމާލު ވެފައިވާ ކަމަށް ވެސް ސިޔާމު ވިދާޅުވި އެެވެ.
ސިޔާމު ވިދާޅުވީ އެމްޑީއޭގެ މަގުސަދަކީ އަތޮޅުތަކުގެ އިގްތިސާދީ، އިޖްތިމާއީ، އަދި ސިއްހީ ދާއިރާ ތަރައްގީކޮށް އަހްލާގީ ގޮތުންނާއި ސިއްހީގޮތުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުން ކަމަށެވެ. އެކަމަށް ޓަކައ ވީހާވެސް ގިނަ ބަޔަކު އެމްޑީއޭއާ ގުޅުމަށް ސިޔާމު ގޮވައި ލެއްވި އެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީއޭގެ ނާއިބު ލީޑަރު އަދި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު ވިދާޅުވީ، ސިޔާސީ ވާދަވެރި ޕާޓީތަކާއި ސިޔާސީ އިސް ފަރާތްތަކަށް އެއްޗެހި ކިއުމަކީ އެމްޑީއޭ އިން ކުރާނެ ކަމެއްނޫން ކަމަށެވެ. އަދި އެމްޑީއޭ އިން މަސައްކަތް ކުރަނީ ރަށްރަށުގައި ހިންގާ ނޭދެވޭ ކަންތައްތައް ހުއްޓުވައި ރަނގަޅު ކަންތައްތައް ކުރިއެރުވުމަށް ކަމަށް ވެސް ވިދާޅުވި އެވެ.
އާމިރު ވިދާޅުވީ އެންމެ ފުރިހަމަ ގޮތުގައި ފަރުދީ ޒިންމާ އަދާކުރެވޭނީ އެމްޑީއޭ އާ ގުޅިގެން ކަމަށެވެ.
ރޭގެ ޖަލްސާގައި ހއ. އަތޮޅުގެ ބައެއް ރަށްރަށުން އެމްޑީއޭ އާ ގުޅުނު ގިނަ އަދަދެއްގެ ފޯމުތައް ޕާޓީގެ ލީޑަރު އަހްމަދު ސިޔާމު މުހައްމަދަށް ހަވާލުކުރުން އޮތެވެ. އަދި އެމްޑީއޭގެ އިހަވަންދޫ އޮފީސް ވެސް ރޭ ވަނީ ހުޅުވައިފަ އެވެ.
އިހަވަންދޫ ގައި ބޭއްވި މި ޖަލްސާއަށް އެމްޑީއޭގެ ވަރަށް ގިނަ އަދަދެއްގެ މެންބަރުން އަދި އާންމުން ހާޒިރުވި އެވެ.