ބައްސާމްގެ ހެޓްރިކާއެކު އޭދަފުށި މޮޅުވެއްޖެ

މުހައްމަދު ބައްސާމްގެ ހެޓްރިކާއެކު އޯލްޔޫތު ލިންކޭޖް (އޭވައިއެލް) 3-1 ލަނޑުން ބަލިކޮށް ބ. އޭދަފުށި ޒުވާނުންގެ ކުލަބް މޮޅުވެއްޖެ އެވެ.

ގްރޫޕް އޭ ފަޅިން އޭދަފުށި ކުޅުނު އެ މެޗުން އިއްޔެ މޮޅުވިއިރު، ގްރޫޕްގައި އެ ޓީމް ކުޅުނު ފުރަތަމަ މެޗުގައި ވީބީ އަތުން ވަނީ 1-0 ލަނޑުން ބަލިވެފަ އެވެ.

އިއްޔެގެ މެޗުން އޭދަފުށި މޮޅުވުން، ގްރޫޕްގެ ދެ ވަނަ މަގާމްގައި އޮތް ވީބީއާ ޕޮއިންޓުގެ ގޮތުން އެއްވަރު ވިއިރު، ދެ ޓީމަށް ލިބިފައި ވަނީ ތިން ޕޮއިންޓެވެ. އެހެން ނަމަވެސް ގްރޫޕްގައި އޭދަފުށި ދެ މެޗު ކުޅުނު އިރު، ވީބީ ކުޅެފައި ވަނީ އަދި އެއް މެޗެވެ. ގްރޫޕްގެ އެއް ވަނަ މަގާމްގައި އޮތީ ހަތަރު ޕޮއިންޓާއެކު އޮތް މާޒިޔާ އެވެ.

އިއްޔެގެ މެޗުގެ ފުރަތަމަ ލަނޑު، މެޗުގެ ހަ ވަނަ މިނެޓުގައި ބައްސާމް އޭދަފުސީގެ ޓީމަށް ކާމިޔާބު ކޮށްދިންއިރު، ދެ ވަނަ ހާފުގެ 59 ވަނަ މިނެޓުގައި އޭވައިއެލްގެ ހުސައިން އަހުސަން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

އޭވައެލްއިން ނަތީޖާ ހަމަހަމަ ކުރިތަނާ މާ ގިނައިރު ތަކެއް ނުވަނީސް، މެޗުގެ ލީޑު ނެގުމަށް ލިބުނު ޕެނަލްޓީވެސް އޭވައިއެލްއަށް ވަނީ ކާމިޔާބު ކުރެވޭގޮތް ނުވެފައެވެ.

އޭދަފުށީ ޓީމުގެ މުހައްމަދ އަޖުފާނަށް ރެފްރީ ދެއްކި ރަތް ކާޑާއެކު، ދިހަ ކުޅުންތެރިންނާއެކު ކުޅެން ޖެހުނު އޭދަފުށި ޓީމަށް ދެ ވަނަ ފަހަރަށް މެޗުގެ 90 ވަނަ މިނެޓުގައި ލީޑް ނަގައި ދިނީ ވެސް ބައްސާމެވެ. އަދި އޭނާ ހެޓްރިކް ހެދި ލަނޑު އޭދަފުއްޓަށް ކާމިޔާބު ކޮށްދިނީ މެޗުގެ އިތުރު ވަގުތު އެވެ.

ޖުމްލަ ހަ ރީދޫ ކާޑު ފެނިގެން ދިޔަ، އެ މެޗު ބެލުމަށް އާންމުކޮށް ދަނޑަށް ނުވަންނަ ވަރަށް ގިނަ އަދަދެއްގެ ޒުވާނުން އިއްޔެ ގަލޮޅު ދަނޑަށް ވަނެ އެވެ.

މިމުބާރާތުގައި މާދަމާ ހަވީރު 4:00 ޖަހާއިރު ކުޅޭނީ ގްރޫޕް ބީގެ ވިކްޓަރީ އާއި ނިއުރޭޑިއަންޓެވެ. އެ މެޗަށް އެ ދެ ޓީމް ނިކުނައިރު ނިއު އޮތީ ފުރަތަމަ މެޗުގައި ބީޖީއާ ދެކޮލަށް ކުޅެ 2-1 ލަނޑުން މެޗު ކާމިޔާބިކޮށް، ތިން ޕޮއިންޓާއެކު ގްރޫޕްގެ އެއް ވަނަ މަގާމްގަ އެވެ. ގްރޫޕްގައި ވިކްޓަރީ ކުޅުނު ފުރަތަމަ މެޗުން އެޓީމް ބަލިވެފައި ވަނީ ވެލެންސިޔާ އާ ދެކޮޅަށް ކުޅެ 3-1 ލަނޑުންނެވެ.

ޖުމުލަ 12 ޓީމު ތިން ގްރޫޕަކަށް ބަހާލައިގެން ކުޅޭ މުބާރާތް ކުރިއަށް ގެންދާނީ ގްރޫޕް ސްޓޭޖުގައި ޓީމުތައް ވާދަކޮށް ނިމޭ އިރު ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމާއި، އަދި ތިން ގުރޫޕް އެއްކޮށް ތިން ވަނަ އަށް އެންމެ ގިނައިން ޕޮއިންޓު ހޯދާ ދެ ޓީމާ އެކު ޖުމްލަ އަށް ޓީމު ކުއާޓާ ފައިނަލުގައި ވާދަކުރާ ގޮތަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު