ފުލުސް މީހާ މަރާލި ސަމާހު މެރުމަށް ހުކުމްކޮށްފި

ފުލުހުންގެ ޑިއުޓީއަށް ދިޔަ މަގުމަތީގައި ވަޅި ހަރައި މަރާލާފައިވާ ކ. ކާށިދޫ ކެތި، އާދަމް ހަލީމް މަރާލި ކަމުގެ ކުށް ސާބިތުވެ، ކ. ކާށިދޫ ސުވާސާގޭ މުހައްމަދު ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ހުކުމް އިއްވަމުން ގާޒީ ވިދާޅުވީ ހައްގަކާ ނުލައި މީހަކު މެރުމުގެ ކުށް ސާމާހުގެ މައްޗަށް ސާބިތުވާތީ އިސްލާމީ ޝަރީއަތުގައިވާ އުސޫލުތަކާ ޚިލާފުނުވާ ގޮތުގެ މަތިން އޭނާ މެރުމަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުގެ މައްޗަށް އަންގައި ހުކުމް ކުރާ ކަމަށެވެ.

އާދަމް ހަލީމުގެ ހަތަރު ވާރިސުންގެ ތެރެއިން އޭނާގެ ބައްޕަޔާއި މަންމަޔާއި ހުވަފަތް ވެފައިވާ އަނބިމީހާ ވެސް ގިސާސް ހިފަން ބޭނުންވާ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި ވިދާޅުވީ އާދަމް ހަލީމްގެ އެއް އަހަރު ނުވާ އަޔާމިން އާދަމްއަކީ ބާލިއު ނުވާ ކުޑަކުއްޖެއް ކަމުން ދަރިފުޅުގެ ފަރާތުން ގިސާސް ހިފުމާމެދު ނިންމާނެ ގޮތް ހާނަފީ މަޒުހަބާއި މާލިކީ މަޒުހަބުގައި ބަޔާންވެފައިވާ ކަމަށެވެ.

އެގޮތުން ހަނަފީ މަޒުހަބުގައި ބުނަނީ ބާލިޣު ނުވާ ކުޑަކުއްޖެއްގެ ފަރާތުން ގިސާސް ހިފުމާމެދު ގޮތެއް ނިންމުގެ އިޚުތިޔާރު ފަނޑިޔާރަށް ލިބިގެންވާ ކަމަށެވެ. މާލިކީ މަޒުހަބުގައި ބުނަނީ ބާލިޢު ނުވާ ކުޑަކުއްޖާގެ ވާރިސުންގެ ފަރާތުން ވެސް ގިސާސް ހިފުމާމެދު ގޮތެއް ނިންމިދާނެ ކަމަށެވެ.

އާދަމް ހަލީމު މަރާލި ކުށް ސާބިތުވި، ސަމާހުގެ އިއުތިރާފް ބަޔާނަށް ރިޔާއަތްކޮށް ގާޒީ ވިދާޅުވީ އެއްވެސް މަޖުބޫރު ކަމެއް ނެތި އަމިއްލަ އިހްތިޔާރުގައި މަސްތުވެގެން ހުރެ، ތިލައިގައި ހަތަރު އިންޗި ހުރި ވަޅިއަކުން އާދަމް ހަލީމަށް ސަމާހު ހަމަލާދީފައިވާ ކަމަށެވެ.

"..... ހައްގަކާ ނުލައި މީހަކު މަރައިފި މީހެއްގެ އަދަބަކީ މަރަށް މަރު ކަމަށް ކީރިތި ގުރުއާނުގެ ނައްސުން އެނގެން އޮންނާތީއާއި، މި މައްސަލައިގެ ހާދިސާ ހިނގިއިރު މުހައްމަދު ސަމާހަކީ ލޭ އޮހޮރުން ހުއްދަވެފައިވާ މީހެއްކަމަށް ނުވިނަމަވެސް، އާދަމް ހަލީމަށް މުހައްމަދު ސަމާހު ވަޅިއަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާތީއާއި، އެކަމުގެ ނަތީޖާއެއްގެ ގޮތުން އާދަމް ހަލީމް ނިޔާވެފައިވާތީއާއި، ތޫނުއެއްޗަކުން ޖެހުމުގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ އެކަމަކީ އޭގެ ސަބަބުން ގިސާސް ވާޖިބުވާ ގަސްދު މަރެއްކަމަށް ހުރިހާ ފިގުހު އިލްމުވެރިންހެން އިއްތިފާގުވާތީ، ގަސްދުގައި މީހަކު މަރާލުމުގެ ކުށުން މުހައްމަދު ސަމާހު ކުށްވެރިވެއްޖެ ކަމަށާއި، މުހައްމަދު ސަމާހުގެ މައްޗަށް ސާބިތުވި މި ކުށުގެ އުގޫބާތަކީ މަރަށް މަރުކަމަށް ކަނޑައަޅައި، އިސްލާމީ ޝަރީއަތުގައިވާ އުސޫލުތަކާއި ޚިލާފު ނުވާނެ ގޮތުގެ މަތިން، ކ. ކާށިދޫ / ސުވާސާގޭ މުހައްމަދު ސަމާހު މަރާލުމަށް ކަމާބެހޭ ފަރާތްތަކަށް އަންގައި މިގޮތުގެމަތިން ހުކުމްކޮށް، މިގަޒިއްޔާ ނިންމީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު