"ގާސިމް މަރުވި ހާދިސާގެ ވީޑިއޯ ލީކުވެފައި ވަނީ ފުލުހުންގެ ތެރެއިން"

ބާރު ސުޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ކުރުމަށް ފުލުހަކު މުގުރު ބޭނުން ކުރުމުން ސައިކަލް ކޮންޓްރޯލުން ނައްޓައިގެން ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވި ވީޑިއޯ ސޯސަލް ނެޓްވޯކްތަކަށް ލީކްކޮށްފައި ވަނީ ފުލުހުންގެ ތެރެއިން ކަމަށާއި އެއީ ފުލުހުންގެ ސީސީޓީވީ ފުޓޭޖެއް ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީއަށް ހާޒިރުކޮށް މެންބަރުން ސުވާލު ދެންނެވުމުން ކޮމިޝަނަރު ވިދާޅުވީ ސައިކަލަކުން ޖެހި ގާސިމް މަރުވި ހާދިސާގެ ވީޑިއޯކޮށްފައި ވަނީ ފުލުހުންގެ ސީސީޓީވީ ކެމެރާއަކުން ކަމަށާއި އެ ވީޑިއޯ ލީކުކޮށްފައި ވަނީ ފުލުހުންގެ ސިސްޓަމަކުން ކަމަށެވެ. އަދި ވިދާޅުވީ ފުލުހުން ލީކުކޮށްލި ވީޑިއޯއެއްކަން އިނގޭނެ ނިޒާމް ފުލުހުންގެ ތެރޭގައި ގާއިމްކޮށްފައިވާ ކަމަށާއި ނަމަވެސް ފުލުހުންގެ ތަހުގީގަށް ބޭނުން ކުރަމުންދާ ވީޑިއޯއެއް ލީކުކޮށްލުމަކީ ފުލުހުންގެ ކޯޑްކޮފްކޮންޓަކްޓާ ހިލާފު ކަމެއް ކަމަށެވެ.

ރިޔާޒް ވިދާޅުވީ އެ ވީޑިއޯ ލީކުކުރި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި އަދި އެކަން ކުރި ފަރާތެއް ހޯދައި އަދަބު ވެސް ދޭނެ ކަމަށެވެ. އަދި ފުލުހުންގެ ވަޒީފާގައި ތިބެ، އެފަދަ އަމަލުތައް ކުރާ ފަރާތްތައް މީގެ ކުރިން ވަޒީފާއިން ވަކިކޮށްފައިވާނެ ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ.

"ފުލުހުންގެ ކޮމިއުނިކޭޝަން ސެންޓަރުގައި ހުންނަ އެއްޗެހި ފުލުހުންނަށް ބެލެންޖެހޭނެ. އެތާނގައި ޑިއުޓީ އަދާ ކުރާ މީހުންނަށް އެއްޗެހި ނުބެލޭ ގޮތައް ހުރެގެން ނުވާނެ. ނަމަވެސް އެފަދަ ވީޑިއޯ ލީކޮށްލުމަކީ ކޯޑްއޮފް ކޮންޓަކްޓާ ހިލާފުކަމެއް.. އެކަން ކުރީ ކާކުތޯ ބަލަމުން މިދަނީ. ތަހުގީގަށް ބޭނުންކުރާ ވީޑިއޯއެއް ލީކުކޮށްލުމުން އެކަން ސީރިއަސްކޮށް ބަލައި އެކަން ކުރި މީހަކާމެދު ފިވަޔަޅު އަޅާނަން،" ރިޔާޒް ވިދާޅުވި އެވެ.

ސ. ހިތަދޫ ރަތްފުސްގޭ އަބްދުﷲ ގާސިމް، 43، މަރުވެފައި ވަނީ އޮގަސްޓް 17، 2012 ގައި މާލޭގައި ހިނގި ފޭރުމުގެ މައްސަލައެއްގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ފުލުހަކު ކޮންޓްރޯލް ކުރަން އުޅުމުގެ ތެރޭގައި ގާސީމް މަޑުކޮށްގެން އިން ސައިކަލުގައި ޖެހި ހިނގި ނުރައްކާތެރި ހާދިސާއެއްގަ އެވެ.

ރިޔާޒް ވިދާޅުވީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލް ކޮންޓްރޯލް ކުރަން މަސައްކަތް ކުރީ ޕޮލިސް ކޮންސްޓަބަލް މޫސާ ޝާމިދު ނަމަކަށް ކިޔާ ފުލުހެއް ކަމަށެވެ. އަދި އެ ސައިކަލް ހުއްޓުވަށް ޝާމިދު މަސައްކަތް ކުރި އިރު އޭނާގެ ފަހަތުގައި ގާސިމް ސައިކަލެއްގައި މަޑުކޮށްގެން ހުރި ކަމެއް ޝާމިދަށް ނޭނގޭނެ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލް ހުއްޓުވުމަށް މުގުރު ބޭނުން ކުރުމުގެ އިހުތިޔާރާއި ތަމްރީނު ޝާމިދަށް ލިބިގެންވޭތޯ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު ސުވާލު ކުރެއްވުމުން ރިޔާޒް ވިދާޅުވީ މުގުރުން ޖެހި ފުލުސް މީހާއަކީ މުގުރު ބޭނުން ކުރުމުގެ ތަމްރީނާއި ތަޖުރިބާ ހޯދާފައިވާ ފުލުހެއް ކަމަށެވެ. އަދި ފުލުހުންގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ނ) ދަށުން ހަދާފައިވާ މުގުރު ގެންގުޅުމާއި ބޭނުން ކުރުމުގެ ގަވާއިދުގެ (6)ވަނަ މާއްދާގެ (ހ)ގެ ދަށުން މުގުރުން ބާރުގެ ބޭނުން ކުރުމުގެ އިހްތިޔާރު ޝާމިދު އަށް ލިބިދޭ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު