ސ. ހިތަދޫ ރަންފަސް، ހަސަން ލުތުފީ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް 30 ދުވަހުގެ ތެރޭގައި އައްޔަން ކުރުމަށް ރައީސުލް ޖުމްހޫރިއްޔާގެ މައްޗަށް މަދަނީ ކޯޓުން މިއަދު އަމުރު ނެރުއްވައިފި އެވެ.
ކޯޓު އަމުރުގައި ބުނަނީ ހަސަން ލުތުފީ އޭސީސީއަށް އައްޔަން ކުރުމަކީ ރައީސުލް ޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
އިސް ގާޒީ އަލީ ސަމީރު މިއަދު އިއްވެވި ހުކުމުގައި ބުނަނީ އޭސީސީގެ މެންބަރު ކަމަށް ހަސަން ލުތުފީ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައި ވަނީ ގާނޫނު އަސާސީ އާއި އޭސީސީގެ ގާނޫނުގައިވާ ހަމަތަކުގެ މަތިން ކަމަށެވެ.
އޭސީސީގެ މެންބަރު ކަމަށް ލުތުފީ އައްޔަން ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށްވާތީ މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ލުތުފީ އޭސީސީ އަށް އައްޔަން ކުރުމަށް އަމުރު ކުރާ ކަމަށެވެ.
މި މައްސަލައިގައި އޭސީސީ މިހާރު ހިނގަމުން އަންނަނީ ޣައިރު ގާނޫނީ ގޮތުގައި ކަމަށް ކަނޑަ އަޅައި ދިނުމަށް ލުތުފީ އެދިފައި ވީނަމަވެސް އޭސީސީ ހިނގަނީ ޣައިރު ގާނޫނީ ގޮތުގައި ކަމަށް ކަނޑަ އަޅައި ދެވެން ނެތް ކަމަށް ވެސް ކޯޓުން ވަނީ ނިންމަވާފައެވެ.
އިސް ގާޒީ ވިދާޅުވީ ހަތަރު މެންބަރުންނާ އެކު އޭސީސީ ހިންގުމަކީ ޣައިރު ގާނޫނީ ކަމެއް ނޫން ކަމަށެވެ. މީގެ އިތުރުން އޭސީސީ އަށް މެންބަރުން އައްޔަން ކުރެއްވި ދުވަހުން ފެށިގެން މިއަދާ ހަމައަށް މުސާރަ ހޯދަން ލުތުފީ އެދިފައިވާތީ ނުކުތާއަށް ގާޒީ ވިދާޅުވީ ލުތުފީގެ ދައުވާގެ ހުލާސާގައި އެކަން ބަޔާންކޮށްފައިނުވާތީ އެކަމަށް ގޮތެއް ކަނޑަނޭޅުއްވީ ކަމަށެވެ.
ހަސަން ލުތުފީ އޭސީސީ އަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ ރައީސުލްޖުމްހޫރިއްޔާ އޭނާގެ ނަން އަނބުރާ ގެންދަވާފައި ވަނިކޮށެވެ. ރައީސް އޭނާގެ ނަން އަނބުރާ ގެންދެވީ، އޭނާގެ ނަން މަޖިލީހުގެ ކޮމިޓީއަކުން ދިރާސާކޮށް، އޭނާއަކީ އެ މަގާމަށް އެކަށީގެންވާ ބޭފުޅެއް ކަމަށް ނިންމާފައި އޮއްވަ އެވެ. މަޖިލީހުން ހަސަން ލުތުފީގެ ނަން ފާސްކުރި ފަހުން އެތައް މަހެއް ފާއިތުވެގެން ދިޔަ އިރު ވެސް ރައީސުލްޖުމްހޫރިއްޔާ އޭނާ އެ މަގާމަށް އައްޔަނެއް ނުކުރައްވަ އެވެ. ހަސަން ލުތުފީ މަދަނީ ކޯޓުގައި ދައުވާ ކުރީ އޭނާ އެ މަގާމަށް އައްޔަންކޮށްފައިނުވާތީ އެކަން ރައީސުލްޖުމްހޫރިއްޔާ އަށް ލާޒިމުކަމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި އެވެ.