ސިޔާސީ ގޮތުން ހިންގާ މާރާމާރީތައް ހުއްޓުވަން ޖެހޭ: މައުމޫން

ސިޔާސީ ގޮތުން ހިންގަމުން ގެންދާ މާރާމާރީތަކާއި ހަމަނުޖެހުންތައް ހުއްޓުވަން ޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

މީގެފަސް އަހަރު ކުރިން އެމަނިކުފާނު ހޯރަފުށީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަޑައިގެން އުޅުއްވަނިކޮށް، އެރަށުން އެމަނިކުފާނަށް މަރުހަބާ ކިޔުމަށް އެއްވެ ތިބި މީހުންގެ ތެރޭގައި ހުރި މީހަކު ވަޅިއަކުން އެމަނިކުފާނަށް ހަމަލާދިނުމަށް މަސައްކަތްކުރި ހާދިސާއަށް އިއްޔެ ވަނީ ފަސް އަހަރު ފުރިފަ އެވެ.

އެ ކަމާ ގުޅިގެން މައުމޫން އިއްޔެ ކުރެއްވި ޓުްވީޓެއްގައި ވިދާޅުވެފައިވަނީ ހޯރަފުށިން އެމަނިކުފާނަށް ދިން ހަމަލާއަށް ފަސް އަހަރުވެފައިވާއިރު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީއަށް ބަޔަކު ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ކަމަށެވެ. އަދި ސިޔާސީ ގޮތުން ހިންގާ އެފަދަ ގަޑުބަޑުތަކާއި ހަމަނުޖެހުންތައް ހުއްޓުވަން ޖެހޭ ކަމަށް މައުމޫން ވަނީ ވިދާޅުވެފަ އެވެ.

އަފްރާޝީމް ދިރިއުޅުއްވަމުން ގެންދެވި ހ.ފުންވިލު ގޭގެ ސިޑިކައިރީގައި އޭނާ މަރާލާފައި އޮއްވާ ފެނުނު މައްސަލާގައި ފުލުހުން ބުނެފައިވަނީ އެ އަމަލަކީ ދުރާލައި ބަޔަކު ރާވައިގެން ހިންގާފައިވާ ޖަރީމާއެއް ކަމަށާއި އެކަމުގެ އަޑީގައި ވަނީ ސިޔާސީ ބައެއް ކަމަށެވެ. ނަމަވެސް އެމައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާތީ އެއީ ކޮން ބައެއްކަން އަދި މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ޑރ. އަފްރާޝީމް މަރާލާފައިވަނީ މާލޭގައި ހަރަކާތްތެރިވާ ގޭންގް ގްރޫޕަކަށް ހަތަރު މިލިއަން ރުފިޔާ ހުށަހަޅައިގެން ކަމަށް ފުލުހުން ބުނެފައިވާއިރު އެކަމަށް ފައިސާ ޚަރަދުކުރި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. އެ ދެ މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޗެއާޕާޝަން އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކުގެ ދަނބިދަރިކަލުން އަބްުދުﷲ ޖާބިދު ހިމެނެ އެވެ. ނަމަވެސް އެެއީ ކޮން ބައެއް ކަމަށް ފުލުހުން މިހާތަނަށް ވެސް ހާމަކޮށްފައެއް ނުވެ އެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގެ ތުހުމަތުގައި މިހާތަނަށް އަމަލީ ގޮތުން ބައިވެރިވާ ކަމަށް ތަހުގީގަށް ޝާބިތުކުރެވޭ ދެ މީހެއްގެ މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ފްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާއިރު އެމައްސަލާގައި އިތުރު ބަޔަކު ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު