ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ މަކަރާއި ހީލަތުގެ ދައުވާގެ ޝަރީއަތަށް ދައުލަތުން ހުށަހަޅާފައިވާ ލިޔުންތަކެއްގެ ތަރުޖަމާ ދައުލަތުން ހުށަނާޅާ ހުރުމުން އަނެއްކާވެސް ތަރުޖަމާ ޑޮކިއުމެންޓްތައް ހުށަހަޅަން ޝަރީއަތުން ދައުލަތަށް އަންގައިފި އެވެ.
ނާޒިމާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ މަކަރާއި ހީލަތުގެ ދައުވާގެ ޝަރީއަތް މިއަދު ބޭއްވީ ފަސް މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު އެވެ. މިއަދުގެ ޝަރީއަތަށް ނާޒިމް ވަޑައިގެން އިންނެވި އެވެ.
މިއަދު ޝަރީއަތުގައި ގާޒީ ވިދާޅުވީ މި މައްސަލަ ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ޑޮކިއުމަންޓްތަކުގެ ތެރޭގައި ތަރުޖަމާ ބޭނުންވާ، އިނގިރޭސީ ބަހުން ހުރި ޑޮކިއުމެންޓްތައް ހުރުމުން އެކަން ފުރިހަމައަށް ހުށަހެޅުމަށް ދައުލަތަށް އަންގާފައިވާނެ ކަމަށާއި މިހާތަނަށް ވެސް ހުށަހަޅާފައި ނުވާ ކަމަށެވެ.
ގާޒީ ވިދާޅުވީ މައްސަލަ ކުރިޔަށް ގެންދެވޭނީ ތަރުޖަމާ ލިޔުންތައް ލިބިގެން ކަމަށާ އެހެން ނޫންމަ ދައުވާ ރަށްދުވާ ފަރާތަށް ދައުވާގެ ދިފާއު ބިނާ ކުރުމަށް އުނދަގޫވާނެ ކަމަށެވެ.
ދައުލަތުން ބުނީ ލިޔުންތައް ތަރުޖަމާ ކުރުމަށް ހަވާލުކޮށްފައިވާ ކަމަށާއި ލިބުނުހާ އަވަހަކަށް ހުށަހަޅާނެ ކަމަށެވެ.
ކުރީގެ އެޓޯލްސް މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ބައެއް މައްސަލަތަކާ ގުޅިގެން ނާޒިމާ ދެކޮޅަށް ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން އުފުލާފައިވާ ދައުވާގެ ޝަރީއަތް ނުބޭއްވި ދުވަސްތަކެއް ވެފައި ވަނީ ހޯމް މިނިސްޓްރީން ލިބެން ޖެހޭ ލިއުންތަކެއް ލިބުން ލަސްވެގެން ކަމަށް ޖިނާއީ ކޯޓުން ހޯމަދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.