ސްކޫލްތައް އެއްކޮށްލުން: ދެ ޖިންސްގެ "މަސްހުނީ"ގެ ރަހަ ލިބޭނީ ކޮން ގޮތަކަށް!

އަންނަ އަހަރުގެ ދިރާސީ އަހަރު ފެށޭއިރަށް ތައުލީމީ ނިޒާމަށް ބޮޑު ބަދަލެއް ގެނައުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ "ބޮޑު ޕްލޭނެ"އް ތައްޔާރުކޮށްފަ އެވެ. "ވަށައިޖެހޭ" ތައުލީމީ ސިޔާސަތުގެ ދަށުން އެޑިއުކޭޝަނުން ތައްޔާރުކޮށްފައިވާ ޕްލޭނުގައި ހަގީގީ ކުލަވަރު ޖެހިއްޖެ ނަމަ، ރާއްޖޭގެ މުޅި ތައުލީމީ ނިޒާމު ބޮޑު ފުރޮޅުމަކަށް ދާނެ އެވެ. މަޖީދިއްޔާ އަދި އަމީނިއްޔާ ފަދަ ތާރީހީ ސްކޫލްތަކުގެ ތާރީޚު ބަދަލުވެގެންދާނެ އެވެ. މި ބޮޑު "އިންގިލާބު" ގެނައުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ތައްޔާރުވެފަ އެވެ. އެހެން ނަމަވެސް މިކަމުގެ އަސަރު ސީދާކުރާނެ ފަރާތްތައް ކަމުގައިވާ ދަރިވަރުންނާއި ބެލެނިވެރިންނާއި އަދި ސްކޫލް މެނޭޖްމަންޓްތަކާއި ޓީޗަރުން ތިބީ މިނިސްޓްރީގެ "ބަދަލަށް" ތައްޔާރުވެގެންތޯ އެއީ އުފެދޭ ސުވާލެކެވެ.


އެޑިއުކޭޝަންގެ ޕްލޭން ތެރޭގައި ހިމެނެނީ މައިގަނޑު ތިން ކަމެކެވެ. ފުރަތަމަ ކަމަކީ ދެ ޖިންސަށް ވަކިވަކިން ކިޔަވައިދޭ އަމީނިއްޔާ، މަޖީދިއްޔާ އަދި ދަރުމަވަންތަ އަދި ހިރިޔާ ސްކޫލްގެ ޖިންސު "މަސްހުނި" ކޮށްލުމެވެ. ދެވަނަ ކަމަކީ އެ ސްކޫލްތަކަކީ ހަމައެކަނި ގްރޭޑް އަށަކުން 10 އަށް ކިޔަވައިދޭ ސްކޫލްތަކެއްގެ ބަދަލުގައި، ޕްރައިމަރީ ގްރޭޑުތައް ވެސް ހިމެނޭ ގްރޭޑް އެކަކުން 10 އަށް ކިޔަވައިދޭ ސްކޫލްތަކަށް ކުރިއަށް އޮތް ހަތް އަހަރު ތެރޭ ބަދަލުކުރުމެވެ. ފަހު ކަމަކީ ކުރިން ސެކަންޑަރީ ސްކޫލްތަކުގައި އޮންނަ ގްރޭޑް އަށެއް ޕްރައިމަރީ ގްރޭޑެއްގެ ގޮތުގައި ހަމަޖެއްސުމެވެ. އެއީ ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި އެ ސްކޫލްތައް ވެސް ގްރޭޑް އެކަކުން އިން 10 އަށް ބަދަލު ކުރުމަށެވެ.


މީގެ މާނައަކީ ދެން ރާއްޖޭގައި ހުންނާނީ، ގްރޭޑް އެކަކުން 10 އަށް، ދެޖިންސް "މަސްހުނި" ވެފައިވާ ސްކޫލްތަކަކަށް ވުމެވެ. އަންހެން ކުދިންނަށް ކިޔައިވައިދެމުން އަންނަތާ 60 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ އަމީނިއްޔާއާއި އަދި އެ ސްކޫލް ބައި ކުރުމަށްފަހު އުފެއްދި ހިރިޔާ ސްކޫލަށް މުޅިން އަލަށް ފިރިހެން ކުދިން ދާން ފަށާނެ އެވެ. އަދި މަޖީދިއްޔާ، ދަރުމަވަންތަ ބެޖު ޖެހި ޔުނީފޯމުގައި އަންހެން ކުދިން އެ ސްކޫލްތަކަށް ކިޔަވަންދާން ފަށާނެ އެވެ.


އެޑިއުކޭޝަނުން ތައްޔާރުކޮށްފައިވާ ލިޔުމެއްގައި ގްރޭޑް އެކަކުން 10 އަށް ކިޔަވައިދޭ ސްކޫލްތައް އުފެއްދުމުގެ ބޭނުން ލިޔެފައި ވެއެވެ.


އޭގައި ބުނަނީ "މައިގަނޑު ބޭނުމަކީ ދަރިވަރުންނަށް އެއް ފުރާޅެއްގެ ދަށުން ސްކޫލް ތައުލީމް ލިބިދިނުމެވެ. ކުދިން ދަންނަ ސްކޫލެއްގެ ތެރެއިން ޒިންމާދާރުކަމާއެކު ބަލަދުވެރިވާ ބައެއްގެ ބެލުމުގެ ދަށުން ކުރިއަށް ގޮސް، ހެޔޮ އަސަރު އެކުދިންގެ ކިޔެވުމާއި ތަރުބިއްޔަތަށް ގެނުވައި، އެކަކު އަނެކަކަށް އަޅާލާނެ ރަނގަޅު މާހައުލެއް ސްކޫލްތަކުގައި ގާއިމްކުރުމެވެ"


މިއީ ތަފާތު ކަމެއް ކަން އެންމެންވެސް ގަބޫލުކުރެ އެވެ. ތަންފީޒުކުރަން އުނދަގޫ ވާނެ ކަމެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެއެވެ. ނަމަވެސް، އެޑިއުކޭޝަން މިނިސްޓްރީން ބުނާ ގޮތުގައި، އެ މިނިސްޓްރީއަށް މި ބަދަލު ތަންފީޒުކުރުމުގެ ގާބިލުކަން އިދާރީ ގޮތުންނާ އަދި މާލީ ގޮތުން ލިބިފައި ވެއެވެ. އަދި ބަދަލު ގެނެވިއްޖެ ނަމަ، މިކަމުން ގިނަ ފައިދާތަކެއް ކުރާނެ ކަމަށް ވެސް ސަރުކާރުން ދެކެއެވެ.


"ވަރަށް ބޮޑަށް ވިސްނާފައި މިކަން ކުރަނީ. ވަރަށް ގިނަ ފައިދާތަކެއް ކުރާނެ މި ބަދަލު ގެނައުމުން. ކުދިންގެ އަހުލާގަށް ހެޔޮ ބަދަލު އަންނާނެ. ސްކޫލުގައި ގިނަ ދުވަހު އުޅެން ޖެހުމުން، ސްކޫލާ މެދު އޮންނަ ލޯބި ކުދިންގެ ހިތުގައި އިތުރުވެގެން ދާނެ. އެ ކުދިންގެ ތައުލީމީ ހަޔާތުގެ ރިކޯޑްސްތައް މާ ރަނގަޅަށް ސްކޫލް ތަކަށް ބެލެހެއްޓޭނެ" އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރ ޝާކިރު މުހައްމަދު ވިދާޅުވި އެވެ.


ސެކަންޑަރީ ސްކޫލުގެ ޓީޗަރަކު ވިދާޅުވި ގޮތުގައި ދެ ޖިންސުގެ ކުދިންނަށް މަސްހުނިކޮށް ކިޔަވައިދިނުމުން، "ހުޅުވިފައިވާ" މާހައުލެއްގައި ކުދިންނަށް ކިޔެވުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި އެއް ޖިންސުގެ ކުދިންނަށް ވަކިން ކިޔަވައިދިނުމުން ފެންމަތިވާ އަޚްލާގީ މައްސަލަތައް މަދުވެގެންދާނެ އެވެ.


އަމީނިއްޔާގައި ކިޔަވާ ދަރިވަރެއްގެ ބައްޕަ ބުނި ގޮތުގައި ސްކޫލް ރަނގަޅަށް "މެނޭޖް" ކުރެވޭ ކަމަށް ވަންޏާ، ފިރިހެން ކުދިންނާއެކު އޭނާގެ އަންހެން ދަރިފުޅު ކިޔަވަން ފޮނުވުމުގައި އެއްވެސް މައްސަލައެއް ނެތެވެ.


ނަމަވެސް، ބައެއް ބެލެނިވެރިންގެ ހިޔާލު ތަފާތެވެ. ބައެއް ބެލެނިވެރިން މިހާރުވެސް ވަނީ މިކަމާމެދު ހިތްހަމަނުޖެހިފަ އެވެ. ފާޅުގައި ވެސް ފާޑުކިޔަމުން ދެއެވެ. މައިގަނޑު ޝަކުވާއަކީ، ފުރާވަރަށް އަރާފައިވާ ދެ ޖިންސުގެ ކުދިން އެކުގައި ކިޔަވާ މާހައުލެއްގައި ނުކުންނާނެ "ބިޓިން" މައްސަލަތަކެވެ. ކުދިންގެ އަޚްލާގު ދަށްވެދާނެ ކަމުގެ ބިރެވެ. ތައުލީމީ ހަޔާތުގައި ކުދިންނަށް ލިބޭ ދީނީ ތަރުބިއްޔަތު ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު ބެލެނިވެރިންނަށް އެބަ އޮތެވެ.


ބެލެނިވެރިން ފާހަގަކުރާ އިތުރު މައްސަލައެއްވެސް އޮވެއެވެ. އެއީ ބުލީ ކުރުން ނުވަތަ ދިމާ ކުރުމުގެ  މައްސަލައެވެ. ބައެއް ބެލެނިވެރިން އެމީހުންގެ ތުއްތު ދަރިން، ބޮޑެތި ދަރިވަރުންނާއެކު ކިޔަވަން ފޮނުވަން ފަސްޖެހެ އެވެ.


"އަޅުގަނޑުގެ ދަރިފުޅު ގްރޭޑް ދޭއްގައި ކިޔަވަނީ. މިހާރު ވެސް ހުންނަނީ އެހާ ކުޑަކޮށް. އޭނައަށް ވުރެ ބޮޑުކޮށް ތިބޭ ކުދިން، އޭނަގެ ފަންސުރާ، ފޮތާ އެއްޗެހި ނަގާ ވާހަކަ ގެއަށް އައިސް އަބަދު ދައްކާ. ބުނާނެ ކުދިން މަލާމާތްކޮށް، ދިމާކުރާ ވާހަކަވެސް. ދެން އަނެއްކާ މަޖީދިއްޔާ ފަދަ ސްކޫލްތަކުގައި ކިޔަވައި ބޮޑެތި ފިރިހެން ކުދިންތަކެއްގެ ތެރޭ ކިޔަވަން ވެއްޖެއްޔާ މި ބުލީ ކުރުމުގެ މައްސަލަ ބޮޑުވާނެ" ތާޖުއްދީން ސްކޫލުގައި ކިޔަވާ ދަރިވަރެއްގެ މަންމަ ބުންޏެވެ.


ކިޔަވައިދިނުމުގެ ދާއިރާގައި މިހާތަނަށް 15 އަހަރު ހޭދަކުރައްވާފައިވާ އަބްދުﷲ މުހައްމަދު ވެސް އެޑިއުކޭޝަނުގެ ނިންމުމާމެދު ހިތްހަމައެއް ނުޖެހެއެވެ. އޭނާ ވިދާޅުވާ ގޮތުގައި، މިކަމަކީ "އަޚްލާގީ މައްސަލަތަކަށް ކޮށާލެވޭ މަގެކެވެ." އަދި މިފަދަ "އިންގިލާބު" ގެނެސްފިނަމަ، ތައުލީމީ ނިޒާމް ބޮއްސުން ލައިގެން ހިނގައިދާނެކަމުގެ އިންޒާރުވެސް، ޓީޗާސް އެސޯސިއޭޝަން ގެ ރައީސްގެ މަގާމު ފުރުއްވާ އަބްދުﷲ ދެއްވި އެވެ. އޭނާ ސިފަކުރައްވާ ގޮތުގައި މިކަމަކީ، ދީނީ ރޫހު ފެތުރެމުންދާތީ އެކަން ހުއްޓުވުމަށް ސަރުކާރުން ހިންގާ "މަކަރުވެރި" ރޭވުމެކެވެ.


ނަމަވެސް، އިސްލާމިކް އެފެއާޒްގެ މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ވިދާޅުވަނީ، ދެޖިންސު މަސްހުނިވެއުޅުމުގައި އޮންނަ ދީނީ މިންގަނޑުގެ ތެރެއިން، ދެޖިންސު އެކީ ކިޔެވުމަކީ މައްސަލައެއް ނޫން ކަމަށެވެ. އަދި ދެ ޖިންސު މަސްހުނިވުމަށް ވުރެ ބޮޑަށް، ކުޑަކުދިންނާއި ބޮޑެތި ކުދިން އެއް މާހައުލެއްގައި ކިޔަވާނަމަ ނުކުމެދާނެ އަޚްލާގީ މައްސަލަތަކަކީ މާ ބޮޑަށް ކަންބޮޑުވާން ޖެހޭ ކަމެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރައްވަ އެވެ.


އެހެންނަމަވެސް، އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އަދާލަތު ޕާޓީން ވަނީ، ދެޖިންސުގެ ކުދިންނަށް މަސްހުނިކޮށް ކިޔަވައިދޭން ސަރުކާރުން ނިންމި ނިންމުމަކީ އެއްވެސް އުސޫލެއް ނެތި ކުރި "ނުރަނގަޅު" ކަމެއް ކަމަށް ބުނެ، އެކަމާ ދެކޮޅަށް ނުކުންނަން މިހާރުއްސުރެ ދަހަނާ އަޅައިފަ އެވެ. ސަބަބަކީ، އަދާލަތު ޕާޓީގެ ރައީސް ޝެއިހު ހުސެން ރަޝީދު ވިދާޅުވާ ގޮތުގައި، "ކާމިޔާބީ އޮތީ ދެޖިންސުގެ ކުދިންނަށް ވަކި ވަކިން ކިޔަވައިދިނުމުން" ކަމަށް ވާތީ އެވެ.


ނަމަވެސް، ތައުލީމީ ނިޒާމް ހަރުދަނާކޮށް، ބައްޓަން ކުރުމުގައި އެޑިއުކޭޝަނުން ދެކޭ ގޮތް ތަފާތުވާއިރު، އެ މިނިސްޓްރީގެ ޑިރެކްޓަރ ޝާކިރު ވިދާޅުވީ، "ސަރުކާރުގެ ސިޔާސަތު ތަންފީޒު ނުކޮށް ނުދާނެ" ކަމަށެވެ. އެހެންކަމުން، ކާމިޔާބު އޮތީ އެޑިއުކޭޝަނުން އެކުލަވާލާފައިވާ "ބޮޑު ޕްލޭން" ހަގީގަތަކަށްވުމުން ކަމަށް މިނިސްޓްރީން މިހާރުއްސުރެ ނިންމާ، އެއަށް އަމަލުކުރަން ފަށާފައިވާއިރު، ކަމުގެ "މަތިބައްދަން" އިތުރު މަޝްވަރާތަކެއް ކުރުމުގެ ބޭނުމެއް ނެތް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.


"ކީއްކުރަން ދެން މަޝްވަރާކުރަނީ. އަޅުގަނޑުމެން ކައިރީ ބުނީ މިހާރު މި ގޮތަށް ނިމިފައޭ އޮތީ" ޕްރައިމަރީ ސްކޫލެއްގެ ބޯޑު މެމްބަރަކު ވިދާޅުވި އެވެ. ނަމަވެސް މިކަމާ ދެކޮޅަށް ނިކުންނަން ވެސް ބައެއް ފަރާތްތަކުން ދަނީ ތައްޔާރުވަމުންނެވެ. އެކަމުގައި އަދާލަތު ޕާޓީއާ ޓީޗާސް އެސޯސިއޭޝަން އުޅޭނެ ކަމުގެ އިޝާރާތެއް މިހާރުވެސް އެފަރާތްތަކުން ވަނީ ދީފަ އެވެ.


ދިރާސީ އަހަރު ފެށެން ދެން އޮތް ތިން މަހެއްހާ ދުވަސް ވެގެންދާނީ، އެޑިއުކޭޝަން މިނިސްޓްރީއަށް "ހޫނުވެގެންދާނެ" މައްސަރުތަކަކަށެވެ. މިނިސްޓްރީގެ ނިންމުމާމެދު ހިތްހަމަނުޖެހޭ މީހުންގެ ފާޑުކިޔުންތައް އިތުރުވެ، މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާ ހިސާބަށް ހިނގައިދާނެ ދުވަސްވަރަކަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް