"ދާއިރާގެ ރައްޔިތުން ރުހޭނަމަ ޕީޕީއެމްއާ ވެސް ގުޅިދާނަން"

ޑީއާރްޕީން ވަކިވުމަށްފަހު، ދެން ގުޅޭނެ ޕާޓީއެއް ނިންމާނީ ދާއިރާގެ ރައްޔިތުން ނިންމާ ގޮތެއްގެ މަތިން ކަމަށާއި ރައްޔިތުން "ރުހޭނަމަ" ޕީޕީއެމްއާ ވެސް ގުޅިވަޑައިގެންފާނެ ކަމަށް ފުނަދޫ ދާއިރާގެ މެންބަރު އަލީ ސަލީމް މިއަދު ވިދާޅުވި އެވެ.

ސަންއަށް ދެއްވި އިންޓަވިއުއެއްގައި އަލީ ސަލީމް ވިދާޅުވީ އިތުރު ޕާޓިއަކާ ގުޅުމުގެ ކުރިން ރައްޔިތުންގެ ރޫހު ހުރި ގޮތް ބެލުމަށް ފުނަދޫ ދާއިރާގެ ތިން ރަށް ކަމަށްވާ ށ. ފުނަދުއާއި ށ. ޅައިމަގާއި ށ. މާއުނގޫދޫ ދަތުރުފުޅެއް ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ އޭނާއަކީ އަބަދުވެސް "ރައްޔިތުން ބޭނުންވާ ގޮތައް" މަސައްކަތްޕުޅު ކުރައްވާ މީހެއް ކަމަށެވެ.

"ރައްޔިތުންނާ ބައްދަލުކޮށްލާފައި ރައްޔިތުން ނިންމާ ގޮތެއްގެ މައްޗަށް އަޅުގަނޑުގެ މަސައްކަތް ހުންނާނީ. ދެން އަޅުގަނޑަކީ މީ އެއްވެސް އިރެއްގައި އަޅުގަނޑު ބޭނުންވާ ގޮތައް ރައްޔިތުން ގެންގުޅޭ މީހެއް ނޫން. ރައްޔިތުން ބޭނުންވާ ގޮތެއް އަޅުގަނޑު އުޅޭ މީހެއް މިއީ،" ރައީސް މައުމޫންގެ ސަރުކާރުގައި ގިނަ އަތޮޅުތަކެއްގެ އަތޮޅު ވެރިކަން ކުރައްވާފައިވާ ސަލީމް ވިދާޅުވި އެވެ.

މެންބަރުކަމަށް ވަޑައިގަތީ "ފައިސާގެ ތަނަވަސް ކަމެއް" އޮވެގެން ނޫން ކަމަށާއި ރައްޔިތުންނާމެދު އޮންނަ ގާތް ގުޅުމުގެ ސަބަބުން ރައްޔިތުން އިތުބާރު ކުރާތީ މެންބަރުންކަން ރައްޔިތުން ދިނީ ކަމަށް އަލީ ސަލީމް ވިދާޅުވި އެވެ. އަދި ވިދާޅުވީ މުސްތަގުބަލުގައި ވެސް މަސައްކަތްޕުޅު ކުރައްވާނީ ރައްޔިތުން ބޭނުންވާ ގޮތައް ކަމަށެވެ.

މަޖިލީހުގައި ނަގާ އިތުބާރު ނެތް ކަމުގެ ވޯޓްތައް ސިއްރު ކުރަން ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕުން ތްރީލައިން ވިޕެއް ނެރުނު މައްސަލާގައި އެ ޕާޓީން ވަކިވެޑައިގެންނެވި އަލީ ސަލީމް ޕާޓިއަކާ ގުޅުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާއިރު، މިދިޔަ މަހު މައުމޫން ވިދާޅުވެފައި ވަނީ ޕީޕީއެމްގައި ހިމެނިވަޑައި ނުގަންނަވާ އިތުރު މަޖިލިސް މެމްބަރުންތަކެއް ޕީޕީއެމް އަށް ސޮއި ކުރައްވާނެ ކަމަށެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ށ. އަތޮޅުގެ، އަތޮޅު ވެރިކަން ކުރާ ރަށް ށ. ފުނަދޫއިން ށ. މިލަންދޫއަށް ބަދަލު ކުރި މައްސަލަ ގަޑުގެ ތެރޭގައި ސަލީމް ވިދާޅުވެފައި ވަނީ އެމްޑީޕީއަށް އޭނާ ގެންދިއުމަށް "ކިތަންމެ މަޅިއެއް ޖެހިޔަސް، އެއީ ވާނެ ކަމެއް ނޫން" ކަމަށެވެ. އަދި އެ ދުވަހު އަލީ ސަލީމް ވަނީ އެމްޑީޕިއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު