ޑރ. އަބްދުﷲ ދީދީއާ ބެހޭ ގޮތުން ހުށަހެޅި މައްސަލަ: ސުޕްރީމް ކޯޓާއި ފަނޑިޔާރުގެ ހައިބަތަށްޓަކައި މައްސަލަ ބަލައި ދެވޭކަށް ނެތް: މަދަނީ ކޯޓް

ދާއިމީ ސުޕްރީމް ކޯޓަށް އައްޔަން ކުރައްވާފައިވާ ޑރ. އަހުމަދު ޢަބްދުﷲ ދީދީ އަކީ ފަނޑިޔާރުކަމުގެ ޝަރުތު ހަމަނުވާ ބޭފުޅެއް ކަމަށް ބުނެ މަދަނީ ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަނެ މަދަނީ ކޯޓުގައި ހިންގެން ނެތް ކަމަށް އެ ކޯޓުން ބުނެފި އެވެ.


ޑރ. އަހުމަދު އަބްދުﷲ ދީދީއާ ބެހޭ ގޮތުން މަދަނީ ކޯޓަށް މައްސަލަ ހުށަހެޅި ފ. ފީއަލީ ރޭވާ ވިލާ މުހައްމަދު ފަރީދާއި މ. ބަޑިކުޅިމާގޭ އަނަސް އަބްދުއް ސައްތާރަށް މަދަނީ ކޯޓުން ދިން ޖަވާބުގައި ބުނަނީ ސުޕްރީމް ކޯޓަކީ ރާއްޖޭގެ އަދުލު އިންސާފު ގާއިމު ކުރުމުގެ އެންމެ އިސް ފަރާތް ކަމަށްވެފައި ގާނޫނު އަސާސީއާއި ގާނޫނު މާނަ ކުރުމުގަ އާއި މައްސަލަތަކުގައި އެންމެ ފަހުގެ ނިޔާ ކަނޑައެޅުމުގެ ބާރު ލިބިދީފައިވާ ފަރާތް ކަމަށްވެފައި އެ ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރައްވާފައިވާ ބޭފުޅެއްގައި ފަނޑިޔާރު ކަމުގެ ޝަރުތު ހަމަވޭތޯ  މަދަނީ ކޯޓުން ބެލުމަކީ އެ ފަނޑިޔާރާއި އެ ކޯޓުގެ މިނިވަން ކަމާއި މުސްތަގިއްލު ކަމާއި ހައިބަތާއި ގަދަރާއި ހުރުމަތައްޓަކައި މަދަނީ ކޯޓަށް ކުރެވިދާނެ ކަމެއް ކަމަކަށް ނުފެންނަ ކަމަށެވެ.


"... ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފައިވާ ސުޕްރީމް ކޯޓަށް އައްޔަން ކުރައްވާފައިވާ ފަނޑިޔާރެއްގެ ޝަރުތު ފުރިހަމަ ވޭތޯ ބެލުމަކީ އިސްވެ ދެންނެވުވުނު ސަބަބުތަކަށްޓަކައި މި ކޯޓުގެ އިހުތިސޯސްގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައި ނުފެންނާތީ މި މައްސަލަ މި ކޯޓަށް ބަލައިގަނެ ހިންގެން ނެތް ކަމުގައި ދެންނެވީމެވެ،" ދައުވާ ފޯމް ހުށަހެޅި ފަރާތަށް މަދަނީ ކޯޓުން ފޮނުވި ޖަވާބު ގައި  ބުނެފައިވެ އެވެ.


ޖަވާބުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުން ފާސް ކުރާ ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ވިޔަސް ގާނޫނު އަސާސީއާ ހިލާފުވޭތޯ ބެލުމާއި އެފަދަ މައްސަލަތަކުގައި ގޮތެއް ނިންމުމުގެ ބާރު ލިބެނީ ހައިކޯޓަށާއި ސުޕްރީމް ކޯޓަށްކަން ގާނޫނު އަސާސީގެ 143 ވަނަ މާއްދާގެ (ހ) އިން އެނގޭ ކަމަށެވެ.


އަދި ބުނެފައި ވަނީ 2008 ގައި ރައްޔިތުންގެ މަޖިލިސް ޗުއްޓީއާ ގުޅިގެން  މަޖިލީހުގެ ތިން ވަނަ ދައުރުގެ 33 ވަނަ ޖަލްސާގައި ނިންމި ނިންމުމަކީ  ގާނޫނު އަސާސީއާ ހިލާފަށް ނިންމި ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށް  ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ނިންމި އިރު، ރައްޔިތުންގެ މަޖިލީހުން ނިންމާ ކަމެއްގެ ސައްހަކަން ބެލުމަކީ ސުޕްރީމް ކޯޓުގެ އިހުތިސޯސްގައި ހިމެނޭ ކަމެއްކަން އނެގޭ ކަމަށެވެ. އެހެން ކަމުން ޑރ. އަހުމަދު އަބްދުﷲ ދީދީ ގެ ނަން ފާސްކޮށް ފައި ވަނީ ރައްޔިތުންގެ މަޖިލީހުން ކަމަށްވާތީ އެމަޖިލީހުން ނިންމާ ކަމެއްގެ ސައްހަކަން މަދަނީ ކޯޓުން ބެލުމަކީ  ސުޕްރީމް ކޯޓުގެ ކުރިން ނިންމާފައި ހުކުމާ ތައާރުޒުވާނެ ކަމެއް ކަމަށެވެ.


މި މައްސަލަ ބަލައި ނުދެވޭނެ ކަމަށް މަދަނީ ކޯޓުން އެންގީ މީގެ ކުރިން ވެސް އެ މައްސަލަ މަދަނީ ކޯޓަށް ބަލައި ނުގަތުމުން ހައިކޯޓަށްލުމާ ގުޅިގެން ހައިކޯޓުން  ވެސް ބަލައި ނުގަނެ ދޫކޮށްލުމުން ދެ ވަނަ ފަހަރަށް މަދަނީ ކޯޓަށް ލުމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު