އުއްމީދެއް ނެތް ދަރިފުޅާ އެކު ތިނަދޫއިން އޭޑީކޭއިން އައިޖީއެމްއެޗަށް!

ގއ. ވިލިގިލީ ކޯޒީ ވިލާ، މުޖީބު އަންވަރު ޒަވާޖީ ހަޔާތެއްފެށީ މީގެ އަށްއަހަރު ކުރިންނެވެ. އެ ކައިވެންޏަށް ދެ ކުދިން ލިބިފައިވާއިރު ތިން ވަނަ ކުއްޖަކަށް ބަލިވެ އިނުމާ އެކުހެން އަންވަރަށް ކުރަން ޖެހުނީ ތަފާތު ތަޖުރިބާތަކެކެވެ. އެއީ މުޖީބުގެ ހަޔާތުގައިވެސް މިހާތަނަށް ކުރި އެންމެ ހިތި ތަރުޖިބާ އެވެ. މުޅި އާއިލާއަށް ސިހުން ގެނުވި ހާދިސާ އެވެ.

އެ އުފާވެރި ކައިވެންޏަށް ތިން ވަނަ ކުއްޖަކު އުފަންވާން އުޅޭކަމުގެ ހަބަރު މުޖީބަށްވެސް އަދި ދެ ފަރާތުގެ އާއިލާއަށްވެސްވީ ބޮޑު އުފަލަކަށެވެ. އުފަންވާން އުޅޭ ތިން ވަނަ ދަރިފުޅަށް ތައްޔާރުވުމަށް އަންވަރުވެސް ވަޒީފާއިން ދުރުވެލާ ޗުއްޓީ ނެގި އެވެ. އަންހެނުންނަށް ވަގުތު ދިނުމާއި އުފަން ރަށުގައި ދުވަސް ކޮޅެއް ހޭދަކޮށްލުމަށް ދެ މަފިރިން އަޒުމް ކަނޑައެޅި އެވެ.

އޭޑީކޭއަށް ޑޮކްޓަރަށް ދެއްކުމަށް ފަހު އޮކްޓޯބަރު މަސް ތެރޭ ދެމަފިރިން ނައްޓާލީ އަންވަރުގެ ރަށް ގއ. ވިލިގިއްޔަށެވެ. ބަނޑަށް ތިން މަސްވުމުން ހަނދަން ޖެހޭ ސްކޭން ހަދަން ދެމަފިރިން ނިންމައިގެން ތިބީ އެރަށުގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލުންނެވެ.
ދުވަސްކޮޅެއްގައި އަންހެނުންނާ އެކު މަޑުކުރުމަށް ފަހު އަންވަރު މާލެ އައީ އަންހެނުންނާއި ދެ ދަރިން އަންހެނުންގެ ރަށް ގއ. ދެއްވަދޫގައި ބަހައްޓާފަ އެވެ. ބަނޑަށް ތިން މަސްވީ ދެއްވަދޫގައި ހުއްޓަ އެވެ. ސްކޭން ހަދަން ވިލިގިއްޔަށް ދާން ނިންމާ ހުރިހާ ކަމެއް ރެޑީވި ނަމަވެސް އެންމެ ފަހު ވަގުތު އެނގުނީ ސްކޭން މެޝިން ހަލާކުވެ އެރަށުން ސްކޭނެއް ހެނދެން ނެތް ކަމެވެ. ދެން ސްކޭނެއް ހެދޭނެ އެންމެ ކައިރި މަގަކީވެސް ގދ. ތިނަދު އެވެ.

އަންވަރު ބުނީ އޭނާ މާލެ އައިތާ ގިނަ ދުވަހެއް ނުވެ އަންހެނުންނަށް އެކި ވަރުގެ ސިއްހީ މައްސަލަތައް ދިމާވާން ފެށި އެވެ. އެކި ފަހަރު ދެއްވަދޫ ސިއްހީ މަރުޒުގައި އެޑްމިޓްވެސް ކުރަންޖެހުނެވެ.

" ދަރިފުޅުގެ ފުރަތަމަ ސްކޭން ރިޕޯޓެއް ހެއްދުނީ ހަތަރު މަހުގައި، އެއީ ތިން މަހުގައި ހައްދަން ޑޮކްޓަރު ލަވާދެއްވާފައިވާ ސްކޭނެއް، ނަމަވެސް ދަތުރުފަތުރުގެ ކަންތައްތައް ހުރި ގޮތުން ތިން މަހުގައި އެސްކޭން ހެއްދޭ ގޮތެއް ނުވި، އަޅުގަނޑުމެންގެ ރަށުގައި (ވިލިގިނލި) ހުރި ސްކޭން މެޝިންވެސް ހުރީ ހަލާކުވެފަ، އެހެންވެ ގދ. ތިނަދޫއަށް ދިޔައީ ހަތަރު މަހު،" އަންހެނުން ޑޮކްޓަރަށް ދެއްކުމުގައި ކުރިމަތިވި ދަތިތަކުގެ ވާހަކަތައް އޭނާ ކިޔައިދިނެވެ.

އަންހެނުންގެ ބަނޑަށް ހަތަރު މަހުގައި ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުން ހެއްދި ސްކޭން ރިޕޯޓުން ދެއްކީ ބިރުވެރި ނަތީޖާ އެކެވެ. އެއީ މުޅި އާއިލާއަށް ސިހުމާއި މާޔޫސްކަން ގެނުވި ނަތިޖާ އެކެވެ. "ރިޕޯޓް ބަލާފައި ޑޮކްޓަރު ވިދާޅުވީ އަންހެނުން ބަނޑުގައި އޮތް ދަރިފުޅުގެ ބޮލުގެ ނާށިގަނޑެއް ނެތޭ، އަވަހަށް މާލެ ދިއުމޭ ރަނގަޅީ" މުޖީބު ބުންޏެވެ. އޭރު މުޖީބު ހުރީ މާލޭގަ އެވެ. އެހެންނަމަވެސް ޑޮކްޓަރު ދިން އެ ހިތާމަވެރި ހަބަރާ އެކު މުޖީބު އޭނާގެ އަންހެނުން މާލެ ގެނައީ މިދިޔަ މަހުގެ 26 ގަ އެވެ.

މާލެ އައިސް ޖެހިގެން އައި ދުވަހު އަންހެނުން އަނެއްކާ ވެސް އޭޑީކޭއަށް ދެއްކި އެވެ. އޭޑީކޭ އިން ވެސް އިތުރު ސްކޭނެއް ހައްދަން ލަފާދިނެވެ. މުޖީބު ބުނީ ދެވަނަ ފަހަރަށް އޭޑީކޭއިން އެރިޕޯޓް ހައްދަން ޖެހުނީ ތިނަދޫއިން ހެއްދި ސްކޭން ރިޕޯޓް އެރަށު ހޮސްޕިޓަލުން ނުދޭ ކަމަށް އަންހެނުން ބުނުމުންނެވެ. އޭޑީކޭއިން ސްކޭން އެޕޮއިންމަންޓެއް ނުލިބިގެން އަންހެނުން ގޮވައިގެން ދިޔައީ އިންޕީރިލަށެވެ. މުޖީބު ބުނީ އިމްޕީރިއަލުން ސްކޭން ހެދުމަށްފަހު، އެ ރިޕޯޓް ބެއްލެވި އައިޖީއެމްއެޗްގެ ޑޮކްޓަރު ރިޕޯޓާ މެދު ޝައްކުތަކެއް ކުރެވިގެން އައިޖީއެމްއެޗުން އެ ޑޮކްޓަރަށް އެޕޮއިންމަންޓެއް ދިން ކަމަށާއި އެއަށްފަހު އައިޖީއެމްއެޗަށް ދިއުމުން އެޑޮކްޓަރު ވެސް ބުނީ ތިނަދޫ ހޮސްޕިޓަލުން ދިން ޖަވާބު ކަމަށެވެ.

ސްކޭން ބެލުމަށްފަހު އެޑޮކްޓަރު ވަނީ އައިޖީއެމްއެޗްގެ އަންހެނުންގެ ހާއްސަ ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންމަންޓް ދީފަ އެވެ. އައިޖީއެމް އެޗުން ބެލި ދެ ޑޮކްޓަރުން ވެސް ދަރިފުޅުގެ ބޮލުގެ ނާށިގަނޑެއް ނެތް ވާހަކައާއި ވީހާ ވެސް އަވަހަށް ވިއްސުމަށް އެދުނެވެ. " ޑޮކްޓަރުން ބުނި ނާށިގަނޑު ނެތިއްޔާ ބަނޑުގައި ނުވަ މަސް ދުވަހު އޮތަސް ދަރިފުޅު ދުނިޔަށް އަންނާނެ ކަމުގެ އުއްމީދެއް ނެތޭ، ބަނޑުގައި ވެސް މަރުވެދާނެ އޭ، އެހެންވެ އަޅުގަނޑު ވެސް އެއްބަސްވީ ފަސްމަހުގައި ދަރިފުޅު ވިއްސަން،" މުޖީބު އެދަރިފުޅާ މެދު އުއްމީދު ކަނޑާލަން ނިންމި ގޮތް ކިޔާދިނެވެ.

އައިޖީއެމްއެޗްގެ ޑޮކްޓަރުން ބަލާފައި އަންހެނުން ފުރަތަމަ ދައްކާފައިވަނީ އޭޑީކޭއިން ޑރ. ވިކާސްއަށް ކަމުގައިވާތީ އައިޖީއެމްއެޗުން ޑރ. ވިކާސަށް ދެއްކުމަށް ރިކޮމެންޑް ކުރި އެވެ. އަންހެނުން ވިއްސުމަށް އޭޑީކޭއަށް ދެއްކުމުން އޭޑީކޭއިން ބުނީ އެތަނުގައި ވަސީލަތްތައް ނެތް ކަމަށާއި އެތަނުގައި އެކަމަށް އޮތް ޕްރޮސީޖާ ދިގުވާނެތީ ރަނގަޅު ގޮތަކީ އައިޖީޢެމްއެޗަށް ދިއުން ކަމަށެވެ." މިތަނުގައި ނެތޭ ބޭސް އައިޖީއެމްއެޗްގައި ހުންނާނެއޭ ވިއްސުމަށްޓަކައި ތަދު ގެންނަ ބޭސް، އެހެންވެ ދިޔައީ ދެވަނަ ފަހަރަށް ވެސް އައިޖީއެމްއެޗަށް،" މުޖީބު ބުންޏެވެ.

ބޮލުގެ ނާށިގަނޑާއި ސިނކުޑި ރަނގަޅަށް ނުއުފެދޭ ނުވަތަ ސިކުނޑިން ބައެއް މަދުފައިވާ ހާލަތްތަކަށް ބޭނުންކުރާ މެޑިކަލް ޓާމަކީ "އެނެންސެފަލީ" އެވެ. ސިއްހީ ދިރާސާތަކުން ދައްކާ ގޮތުގައި މިފަދަ ކުދިންގެ ތެރެއިން ގިނަ ކުދިން ބަނޑުގައި މަރުވާއިރު އޭގެތެރެއިން ބައެއް ކުދިން ވިހެވުމުގެ ތެރޭގައި މަރުވެ އެވެ. އަދި ދުނިޔެއަށް އުފަންވުމަށްފަހު ވެސް އެފަދަ ކުދިން ދިރި ހުރުމުގެ ފުރުސަތު ހަންޏެވެ. އޭޑީކޭގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކު ވިދާޅުވި ގޮތުގައި އައިޖީއެމްއެޗްގައި ވިއްސި ތުއްތު ކުއްޖާ ދުނިޔޭގައި އޮވެދާނެ ކަމުގެ އޮތީ ވަރަށް ވެސް ކުޑަ ޗާންސެކެވެ. އަދި ބަނޑަށް ފަސް މަހުގައި ވިއްސުމަށް އައިޖީއެމްއެޗްގެ ޑޮކްޓަރުން ނަނގާފައިވާ ޑިސިޝަނަކީ ރަނގަޅު ނިންމުމެއް ކަމަށް ދެކޭ ކަމުގައި ވިދާޅުވި އެވެ. " އެކުއްޖާގެ ބަރުދަނުގައި ހުރީ 200 ގްރާމް، ވިހެއި ބަނޑަށް 20 ހަފްތާގައި، އެފަދަ ހާލަތެއްގައި ވިހާކުއްޖަކު ދުނިޔޭގައި ނޯންނާނެ،" ޑޮކްޓަރު ވިދާޅުވި އެވެ.

މުޖީބުގެ އަންހެނުން ރަށުން ފެށިގެން މާލޭގައި ޑޮކްޓަރަށް ދެއްކުމުގައި ކަނޑަތު ކުރަންޖެހުނު ދިގު މަރުހަލާއާ މެދު އަދި އެމީހުންގެ ދަރިފުޅު ދުނިޔޭގައި ނޯންނާނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ބުނުމާ މެދުވެސް އެއްވެސް ޝަކުވާއެއް ނެތެވެ. އޭނާ ދެކޭ ގޮތުގައި އެއީ ގުދުރަތީ ކަމެކެވެ. އެހެންވެ އެކަމަށް ބަދަލެއް ނުގެނެވޭނެ އެވެ. އޭނާގެ ހަމައެކަނި ޝަކުވާއަކީ އަންހެނުންގެ ބަނޑަށް ފަސް މަހުގައި މަޖުބޫރު ހާލަތުގައި ވިއްސަން ޖެހުނު އެތުއްތު ދަރިފުޅު މަރުނުވަނީސް މަރުވި ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރުން ނިންމުމާ އެދަރިފުޅު ވަޅުލަންވެގެން އާސަހަރާއަށް ގެންދިޔަފަހުން އެތުއްތު ކުއްޖާ ނޭވާލާކަން އެނގުނީމަ އެވެ. ފަސް މަހުގެ ވިއްސަންޖެހުނު އެކުއްޖާ މަރުވީ އާސަހަރާއިން އައިޖީއެމްއެޗަށް ގެންގޮސް އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.

"މަރުވި ކަމަށް އައިޖީއެމްއެޗުން ފުރަތަމަ ފަހަރަށް ބުނުމުން، އެދުވަހުގެ އަސުރު ނަމާދަށް ފަހުން ވަޅުލާ ގޮތަށް އޮތީ. އާއިލާގެ މީހުން މޫނު ބަލާލަން ވެގެން ފޮތިގަނޑު ނަގައި ބެލިއިރު ނޭވާލަނީ. އޭރު ވިންދު ވެސް ހުރި، ދެން އެވަގުތު އެތަނުގައި އައިޖީއެމްއެޗްގެ ބަސް ވެސް އޮތީމާ އަވަހަށް ޖަމާތްތެރިންގެ އަތްމަތީގައި ބާއްވައިގެން ގެނެސް އައިސީޔޫގައި ފަރުވާދޭން ފެށީ،" ފަސް މަހުގައި ވިއްސި އެ ކުއްޖާގެ ބައްޕަ ބުންޏެވެ.

މުޖީބުގެ އަންހެނުން ފަސް މަހުގައި ވިހެއި ދަރިފުޅުގެ ދިގު މިނުގައި ގާތްގަނޑަކަށް ހަ އިންޗި އިރު އިރު ބަރުދަނުގައި ހުރީ ގާތްގަނޑަކަށް 200 ގްރާމެވެ. އެ ކުއްޖާ ވިހެވުމަށްފަހު ފަސް މިނެޓުން އެއް ފަހަރު ނޭވާ ލާފައިވާއިރު އެކުއްޖާގެ ހާޓް ބީޓް ހުރީ މިނެޓަކު ދެ ބީޓު ކަމަށްވެ އެވެ. އެހެން ކަމުގައިވާނަމަ އެކުއްޖާގެ މަރުވިކަން ކަށަވަރުކުރުމުގެ ތެރޭގައި މައްސަލަތަކެއް ވަނީ ދިމާވެފަ އެވެ.

އެކުއްޖާ މަރުނުވަނީސް މަރުވި ކަމަށް ނިންމި މައްސަލާގަ އައިޖީއެމްޗުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ކުއްޖާ އާސަހަރާއަށް ފޮނުވާލީ ފުރާނަ ނެތް ކަމުގެ އަލާމާތްތަކެއް ހުރުމުން ކަމަށެވެ.

ދަރިފުޅުގެ ވިހެވުމަށްފަހު ކަންތައްތައް ހިނގާދިޔަ ގޮތާ މެދު ކަންބޮޑުވެފައިވާ މުޖީބު ވަނީ އެމައްސަލާގަ އައިޖީއެމްއެޗުން އިހުމާލުވެފައިވާ ކަމަށް ބުނެ އެމައްސަލަ ބަލައިދިނުމަށް އެދި ފުލުހުންނަށް ހުށަހަޅަފަ އެވެ. އަދި މުޖީބުގެ ޝަކުވާއާ ގުޅިގެން އެމައްސަލަ އައިޖީއެމްއެޗުން ވެސް ގެންދަނީ އިންޓާނަލް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ. " އައިޖީއެމްއެޗުން ވެސް ގަބޫލްކުރޭ އެކަމުގައި އެހޮސްޕިޓަލުން އިހުމާލްތަކެއް ވެފައިވާ ކަމަށް، ދެން ބުނި ހަތް ދުވަސް ތެރޭގައި ދޭނެ ކަމަށް އެކަންތައް ހިނގި ގޮތުގެ ރިޕޯޓެއް،" އެހާދިސާއާ ގުޅިގެން އައިޖީއެމްއެޗުން ބުނެފައިވާ ކަމަށް މުޖީބު ބުންޏެވެ.

މުޖީބު ވަނީ އޭނާގެ އަންހެނުން ވިހެއި އެދަރިފުޅު ވިހޭތާ ކުޑައިރުކޮޅެއް ފަހުން ނަގާފައިވާ ވީޑިއޯއެއް ސަންގެ ނޫސްވެރިންނާ ހިއްސާކޮށްފަ އެވެ. އެވީޑިއޯއިން ފެންނަ ގޮތުގައި އެތުއްތު ކުއްޖާގެ ބޮލުގެ ނާށިގަނޑުގެ އިތުރުން ސިކުނޑިއެއް ވެސް ނޯވެ އެވެ. އަދި ބޯމަތި އޮންނަނީ ހޮއި ހެދިފަ އެވެ. "އަންހެނުންގެ ބަނޑަށް ފަސްމަހުގައި ވިއްސީ އެތުއްތު ދަރިފުޅު މައިމީހާގެ ބަނޑުގައި އޮވެ މަރުވެދާނެތީއާއި މައިމީހާގެ ބަނޑުތެރެ އިންފެކްޓްވެ، ފުރާނައަށް ނުރައްކަލެއް ވެދޭނެ ކަމަށް ހުރިހާ ޑޮކްޓަރުންވެސް ބުނުމާ ގުޅިގެން،" މުޖީބު ބުންޏެވެ.

މިފަދަ ގިނަ މައްސަލަތައް އަންނަނީ އެކި ދުވަސްވަރު ފެންމަތިވަމުންނެވެ. މިއީ ސިއްހީ ދާއިރާގެ ދޯހަޅިކަމުގެ މައްސަލަ އެވެ. ފަރުވާ ކުޑަވުމާއި ވަސީލަތްތައް ހަމައަށް ނެތުމުގެ މައްސަލައެކެވެ. މިފަދަ މައްސަލަތަކަށް ހައްލުތައް ހޯދަން ޖެހެ އެވެ. އަތޮޅުތަކުގެ ސިއްހީ ފަރުވާ އާއި މާލޭގެ ސިއްހީ ފަރުވާއާ މެދު ފުންކޮށް ވިސްނަން މިވަނީ ޖެހިފަ އެވެ. ނޫންނަމަ މިފަދަ ކިތަންމެ ހާދިސާއެއް ތަކުރާރުވާނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް