ޒައީމް މައުމޫންގެ ހާއްސަ އިންޓަވިއު: ޑީއާރްޕީ ފޮތިފޮއްޗެއް ނުވާނެ! ކުދިކުއްޖެއް ވެސް ނުވާނެ

ޑީއާރްޕީގެ ރޫޅި ފޮތިފޮތިވެގެން ނުދާނެ ކަމަށް ޑީއާރްޕީގެ ޒައީމް އަދި ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.


ސަންއެފްއެމް އޮންލައިނަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް މައުމޫނު މިއަދު ވިދާޅުވީ ޑީއާރްޕީ އަކީ ވަރަށް ވަރުގަދަ، ވަރަށް އެއްބައިވަންތަ ޕާޓީއެއްގެ ގޮތުގައި ދެމިއޮންނާނެ ޕާޓީއެއް ކަމަށެވެ.


"އަޅުގަނޑު ދަންނަވާނީ އިރާދަކުރެއްވިއްޔާ ޑީއާރްޕީ ނުރޫޅޭނޭ، ފޮތިފޮއްޗެއް ވެސް ނުވާނޭ، ކުދިކުއްޖެއް ވެސް ނުވާނޭ. މިހާރު އެއުޅޭ އަޑުތަކަކީ މުޅިން ހަގީގީ އަޑުތަކެއް ނޫނޭ. އިރާދަކުރެވިއްޔާ ޑީއާރްޕީ އަކީ ވަރަށް ވަރުގަދަ ޕާޓީއެއްގެ ގޮތުގައި ދެމިއޮންނާނެ،" ޒައީމް ވިދާޅުވި އެވެ.  


ޒައީމް ވިދާޅުވީ ޑީއާރްޕީގެ ތެރޭގައި ވަކި ބަޔަކު ކަންކުރީ ރަނގަޅަށް ކަމަށް، ވަކި ބަޔަކު ކަންތައް ކުރީ ގޯސްކޮށް ކަމަށް ވިދާޅުވާން ބޭނުންފުޅުނުވާ ކަމަށާއި ސަބަބަކީ އެމަނިކުފާނު މިވަގުތު ހުންނެވީ ސިޔާސީ ކަންތައްތަކުން ދުރަށް ޖެހިވަޑައިގެން ކަމަށްވުން ކަމަށެވެ.  


"އަޅުގަނޑު ކުރާ މަސައްކަތަކީ ޑީއާރްޕީގެ ޒައީމުގެ ހައިސިއްޔަތުން އަޅުގަނޑު ކުރަންޖެހޭނެ ކަމަށް ގަބޫލުކުރާ މަސައްކަތްތައް. ޑީއާރްޕީގެ އެތެރޭގައި މައްސަލަތައް އުޅޭކަން އެބަ އެނގޭ. އެ މައްސަލަތައް ހައްލުކޮށް ޑީއާރްޕީ އިތުރަށް ހަރުދަނާކޮށް އެއްބައިވަންތަކޮށް ހަރުދަނާ ކުރުމަކީ ޕާޓީގެ ޒައީމުގެ ހައިސިއްޔަތުން އަޅުގަނޑު ކުރަންޖެހޭނެ ކަމެއް ކަމަށް ފެންނާތީ އެ މަސައްކަތް އެބަކުރަން،" ކުރީގެ ރައީސް ވިދާޅުވި އެވެ.


މައުމޫނު ވިދާޅުވީ ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީއާ އެމަނިކުފަނާ ދެމެދު ވަރަށް ރަނގަޅު، ހަރުދަނާ ގުޅުމެއް އެބައޮތް ކަމަށާއި ވަރަށް ގިނަ ކަންކަމުގައި މަޝްވަރާކޮށް ވާހަކަ ދައްކަވާ ކަމަށެވެ.


"އަދި އަޅުގަނޑު ވެސް ބައެއް ވާހަކަތައް ދަންނަވަމުން ގެންދަން. އެހެންވީމާ އޮތީ ވަރަށް ރަނގަޅު ގުޅުމެއް."


ޕާޓީތެރޭގައި އުޅޭ މައްސަލައަކީ އެހެން ޕާޓީތަކުގައި ވެސް ހުރުން އެކަށީގެންވާ މައްސަލަތައް ކަމަށާއި ބައެއް ކަންކަމުގައި ހިޔާލު ތަފާތުވުމަކީ ނެތްކަމެއް ނޫން ކަމަށާއި ޑިމޮކްރެޓިކް އުސޫލުން ހިންގާ ޕާޓީއަކަށް ވާތީ އެކަންކަން ހައްލުވަމުންދާނެ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.


"އަޅުގަނޑާއި ތަސްމީނާ ދެމެދު ގުޅުން ވަރަށް ރަނގަޅު. އަޅުގަނޑުމެން ދެމީހުން ވާހަކަ ދައްކަމުން އެބަގެންދަން. މި މައްސަލަ ހައްލުކުރުމުގައި ތަސްމީނުގެ ފަރާތުން ވަރަށް ބޮޑު ތަރުހީބަކާއި ތާއީދެއް ލިބެމުންދޭ،" ރައީސް މައުމޫން ވިދާޅުވި އެވެ.


ރައީސް މައުމޫން ވިދާޅުވީ ތަސްމީނަކީ ޕާޓީގެ ގައުމީ ޖަލްސާއިން އިންތިހާބުކޮށްފައިވާ ޕާޓީގެ ލީޑަރު ކަމަށާއި އެ އިންތިހާބަކީ ޑިމޮކްރެޓިކް އިންތިހާބެއް ކަމަށެވެ. އެހެންކަމުން ތަސްމީންގެ ލީޑަޝިޕްގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ މިހާރު ދިމާވެގެން އުޅޭ މައްސަލައަކީ ވެސް ލީޑަޝިޕްގެ މައްސަލައެއް ނޫން ކަމަށާއި އެއީ ސްޓެރްޓެޖީކް މައްސަލައެއް ކަމަށެވެ. އަދި އެއީ އާދައިގެ ކަމެއް ކަމަށެވެ.


މިރޭ ޑީއާރްޕީން ބާއްވާ މުޒާހަރާ "މައްކާރު ސަރުކާރު" ގައި ބައިވެރިވެވަޑައިގަންނަވަންތޯ ދެންނެވުމުން ރައީސް މައުމޫން ވިދާޅުވީ މުޒާހަރާއަށް ވަޑައިގަންނަވާނެ ކަމަށާއި ނަމަވެސް ވާހަކަފުޅު ނުދައްކަވާނެ ކަމަށެވެ.


"އަޅުގަނޑު މިހުރީ ސިޔާސީ ހަރަކާތުން ދުރަށްޖެހި. އެހެންވީމާ އެކަހަލަ ޖަލްސާއެއްގައި ވާހަކަ ދެއްކުމަކީ އެނޫން ގޮތަކަށް މާނަކުރެވިދާނެ ކަމެއް. އެހެންވީމާ ވާހަކައެއް ނުދައްކާނަން."  

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު