އަލީ ވަހީދުގެ ރައްދު ޑރ. ޝަހީދަށް: ގިޓްމޯ އިން ޓެރަރިސްޓަކު ގެންނަން ރުހުން ހޯދުމަށް ވުރެ ރަނގަޅުވާނީ ޑރ. ޝަހީދަށް މަޖިލީހުގެ ރުހުން ލިބޭތޯ މަސައްކަތް ކުރެއްވުން

ރައްޔިތުންގެ މަޖިލީހުގެ ރުހުމެއް ނެތި ގުއަންޓަނާމޯބޭ ޖަލު (ގިޓްމޯ) އިން ގައިދީން ނުގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފައިވަނިކޮށް، އެ ޖަލުގެ ގައިދީއަކު ރާއްޖެ ގެންނާނެ ކަމަށް އިޝާރާތް ކުރައްވައި، ހާރިޖީ ވަޒީރު ޑރ. އަހުމަދު ޝަހީދު ދެއްކެވި ވާހަކަފުޅަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީގެ ނައިބު މުގައްރިރު އަލީ ވަހީދު ރައްދު ދެއްވައިފި އެވެ.


ސަންއެފްއެމް އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި އަލީ ވަހީދު މިއަދު ވިދާޅުވީ ގުއަންޓަނާމޯބޭގެ ޖަލުގައި ހުރި ކުށްވެރިއަކަށް މަޖިލީހުގެ ރުހުން ހޯދައިދޭން މަސައްކަތްޕުޅު ކުރެއްވުމަށްވުރެ ބޮޑަށް ޑރ. ޝަހީދަށް ރަނގަޅުވާނީ އެމަނިކުފާނާ މެދު މަޖިލީހުގެ ރުހުން އޮތްތޯ ބެއްލެވިއްޔާ ކަމަށާއި އަދި ރުހުން ލިބޭތޯ ގަދައަޅައި މަސައްކަތް ކުރެއްވިއްޔާ ކަމަށެވެ.


ޑީއާރްޕީގެ ޑިޕިއުޓީ ލީޑަރު އަދި ތޮއްޑޫ ދާއިރާގެ މެންބަރު ވިދާޅުވީ ސްޕިންކޮށް ގޮތްގޮތަށް އަނބުރައިގެން ގިޓްމޯގައި ހުރި ފަލަސްތީނު މީހަކު ގެންނަ ވާހަކަ ދައްކަވަނީ އޮޅުވާލުމުގެ ގޮތުން ކަމަށާއި ބޮޑު ޓެރަރިސްޓެއްގެ ވާހަކަ ދެއްކެވުމަށް ވުރެ ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ އާއިލާތަކުން ނިކަމެތި ކުއްޖެއްގެ ވާހަކަ ދައްކަވައި އެފަދަ ކުއްޖަކު ނުވަތަ މީހަކު ގެންނަން އުޅުއްވަވާނަ މާ ރަނގަޅުވީސް ކަމަށެވެ.


އަލީ ވަހީދު ވިދާޅުވީ ފަލަސްތީނާއި މުސްލިމުންނަށް ހަމްދަރުދީ އޮތްކަން ދައްކަން ޑރ. ޝަހީދު މަސައްކަތްޕުޅު ކުރެއްވެވި ނަމަވެސް މިކަމަކީ ފަލަސްތީނާ ގުޅުމެއް އޮތް ކަމެއް ނޫން ކަމަށާއި މިއީ ގިޓްމޯގައި ހުރި ބޮޑު ޓެރަރިސްޓަކާބެހޭ ސިރިއަސް މައްސަލައެއް ކަމަށެވެ.


"އެމެރިކާއަށް ނުކަތައިގެން އެތާގެ ސެނެޓްގެ ރުހުން ނުލިބިގެން ގައުމުތަކަށް ފޮނުވާލާ ޓެރަރިސްޓުންތަކެއްގެ ތެރެއިން މީހަކު ގެންނަން މިއުޅެނީ، އެވާހަކަ މިދެކެވެނީ،" އަލީ ވަހީދު ވިދާޅިވި އެވެ.


އޭނާ އަދި ވިދާޅުވީ ގައުމީ ސަލާމަތުގެ ކޮމެޓީން ވަކި ގޮތަކަށް ނިންމާފައިވާ ވަނިކޮށް އެ ކޮމެޓީއަށް ނޭނގި، އަދި މަޝްވަރާ ނުކޮށް ބޭރުގައި އޮތް ކޮންފަރެންސެއްގައި އެގޮތަށް ވާހަކަފުޅު ދެއްކެވުމަކީ ހައިރާންވެ ވަޑައިގަންނަވާ ކަމެއް ކަމަށެވެ. އެ ގޮތަށް އެކަން ކުރެއްވިޔަ ނުދެއްވާނެ ކަމަށާއި މި މައްސަލަ ކޮމެޓީގައި ނަންގަވާނެ ކަމަށް ވެސް ވިދާޅުވި އެވެ. މަޖިލީހުގެ ރުހުން ނެތި ގިޓްމޯގެ އެއްވެސް ގައިދީއަކު ރާއްޖެ ނުގެނައުމަށް މަޖިލީހުން ފާސްކޮށްފައި ވަނީ މިއަހަރުގެ ޖުލައި 14 ގައެވެ.  


މަޖިލީހުގެ ނިންމެވުމާ ފުށު އަރާ ގޮތަށް ގިޓްމޯބޭގެ ގައިދީއަކު ގެންނާނެ ކަމަށް ދޭހަވާ ގޮތަށް ޑރ. ޝަހީދު ވާހަކަފުޅު ދެއްކެވީ މިދިޔަ ހޮނިހިރު ދުވަހު އެމެރިކާގެ ނިއުޔޯކްގައި އޮތް އިސްލާމީ ގައުމުތަކުގެ ހާރިޖީ ވަޒީރުންގެ އަހަރީ ބައްދަލުވުމުގަ އެވެ.


ޑރ. ޝަހީދު ދެއްކެވި ވާހަކަފުޅާ ހަވާލާދީ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން، ރާއްޖެއަށް އައުމަށް ދައުވަތު ދެނީ، އެ ޖަލުގައި ހުރި ހަމައެކަނި ފަލަސްތީނަށް ނިސްބަތްވާ މީހާއަށެވެ. އަދި ފަލަސްތީނުގައި އުޅޭ އަޚުންނާ މެދު ދިވެހިންގެ މެދުގައިވާ ލޯތްބާއި އަޅާލުން ދައްކައިދިނުމަށްޓަކައި، ގިޓްމޯއިން ރާއްޖެ އައުމަށް ދައުވަތު ދީފައިވާ ގައިދީއަށް ރައްޔިތުންގެ މަޖިލީހުން "މަރުހަބާ" ކިޔާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ފޮރިން މިނިސްޓަރ ވިދާޅުވި ކަމަށް ވެސް އެބަޔާނުގައި ވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު