"ރުއިމުގެ އަޑުފައްގަޑާ އެކު ފެނުނީ އެ ތުއްތުކުއްޖާ"

ފަތިހުގެ ތެތް ފިނިކަމުގެ ތެރޭގައި ފާހާނާއަކަށް ދާންވެގެން ފާތިމަތު އަލީ 37، (އަސްލުނަމެއް ނޫން) ތެދުވިއިރު އޭނާގެ ކަންފަތުގައި ޖެހުނީ ރުއިމުގެ އަޑެކެވެ. ފުރަތަމަ ހީކުރީ އެއީ ބުޅަލެއްގެ ހަޅޭކުގެ އަޑު ކަމަށެވެ. އެ ކުކުރުމުގެ އަޑު އައީ އިތުރަށް ގަދަވަމުންނެވެ. ގަދަވަމުން އަންނަ ރުޔުމުގެ އަޑަށް ކަންފަތް ހުއްޓުނު ގޮތަށް ހުރިހާ ހަރަކާތެއް ވެސް އެއަޑާ ދިމާލަށް ހުރީ ހުއްޓިފަ އެވެ. ޔަގީނުން ވެސް އަޑު އަންނަނީ ބޭރުންނެވެ. ބެލްކަންޏަށް ނުކުމެ ބޭރު ބަލައިލި އިރު ލިބުނީ ޝޮކެކެވެ. ފެނުނީ މައުސޫމް ތުއްތު ކުއްޖެކެވެ. ނޫކުލައި ކޮތަޅެއްގެ މަތީގައި އެކަނި އޮވެ ރޮނީ އެވެ. ފެނުނު މަންޒަރު ގަބޫލުކުރަން ބޭނުން ނުވިޔަސް އެއީ ހަމަ ހަގީގަތެވެ.

ބަލަން ނުހުރެ ދުވެފައި ކަހަލަ ކަހަލަ ގޮތަކަށް ފާތުމަދިޔައީ ތިރިއަށެވެ. ތިރިއަށް ގޮސް ކުއްޖާ ގަޔާލާ ބައްދާލި އެވެ. އޭނާ މ. ރިލީޒްގައި އުޅެން ފެށިފަހުން މިވީ ދެ އަހަރެވެ. ކުރީގެ ފިރިމީހާ އާ އެކު ފާތުމަ އެގޭގައި މިވީހާ ދުވަހު ވެސް އެކަހަލަ ކަމެއް ނުފެނެ އެވެ. އެގެއަށް ވަދެވެން ހުންނަނީ ބަދުވެފައި އޮންނަ ހަނިގޯޅި ގަނޑަކަށް ވިޔަސް އެތަނަށް "ޕާޓޭން"ގެ އުނދަގޫ ނުފޯރަ އެވެ. އެ ސަރަހައްދުގައި އެވަގުތު ވެސް މީހެއްގެ ހިލަމެއް ވެސް ނެތެވެ. އެ ތުއްތު ކުއްޖާ ގަޔާލާ ބައްދަލައިގެން ފާތުމަ ވަނީ އަވަހަށް އެތެރެއަށެވެ. އޭރު ވެސް ތުއްތު ކުއްޖާ އަޑުން އަޑު ނަގާފައި ރޮނީ އެވެ. ހައިރާން ކުރުވަނިވި އެ ހަބަރު ފުރަތަމަ އޭނާ ދިނީ އެ ގޭގެ ދެ ވަނަ ފުލޯގައި އޭނާއާ ވަކިން ދިރިއުޅެމުން އަންނަ ކުރީގެ ފިރިމީހާއަށެވެ.

"އަހަރެން ވަގުތުން އައީ ތިރިއަށް. އަހަރެން ތިރިއަށް އައި އިރު އޭނަ ހުރީ ކުއްޖާ އަތްދަނޑިމައްޗަށް ލައިގެން މައްސަލާ ކުރަން. އަހަރެން އަވަހަށް ފުލުހުންނަށް ގުޅައި ހަބަރު ދިނީ ކުއްޖަކު އެއްލާލައިފައި އޮއްވާ ފެނިއްޖޭ. ގާތްގަނޑަކަށް އޭރު ފަތިހު 5:45 ވެދާނެ. އޭނާ ބުނީ ކޮޓަރިން ނުކުމެ ބެލްކަނިން ބަލާލި އިރު ކުއްޖާ އޮއްވައޭ ފެނުނީ. ނޫކުލައިގެ ކޮތަޅެއްގެ މަތީގައޭ ބާއްވާފައި އޮތީ. އެކަމަކު އެ ކޮތަޅެއް ނުފެނުން ފުލުހުންނަކަށް ވެސް އަދި އަހަރުމެންނަކަށް ވެސް އެކަމަކު މިގޯޅިގަނޑު ތެރެ ފުލުހުން ވަރަށް ބޮޑަށް ބަލައި ފާސްކުރި. އެކޮތަޅުގައި ވެސް ލޭހުރި އޭނާ ބުނި،" މިހާރު އެހެން ޖަވާޒީ ހަޔާތާ ފަށާފައިވާ އެ މީހާ (ނަންޖަހަން ބޭނުމެއް ނުވޭ) ސަން އޮންލައިންއަށް އެ ވާހަކަ ކިޔައިދެމުން ބުންޏެވެ.

ފާތުމައާ އޭނާ އިނދެގެން އެ ކައިވެންޏަށް ވެސް ހަތަރު ކުދިން ވަނީ ލިބިފަ އެވެ. ފާތުމަ ކައިރި ހުންނަނީ އޭގެ ތެރެއިން ހަ އަހަރުގެ ފިރިހެން ކުއްޖާ އެކަންޏެވެ. އެހެން ކުދިން ތިބެނީ ފާތުމަގެ ރަށުގައި އޭނާގެ މަންމަ ކައިރީގަ އެވެ.

އެތަނުގައި އެ ކުއްޖާ ބާއްވާ އޮތުމުން ބުރަކަށި ވެސް އޮތީ ކޮންމެވެސް ވަރަކަށް ރަތްވެފަ އެވެ. ނަމަވެސް އަނިޔާގެ އެއްވެސް ނިޝާނެއްނެތެވެ. މާގިނަ އިރެއް ނުވެ ފުލުހުން ވެސް އައިސްފި އެވެ. އޭރު ކުޑަކުއްޖާ އަށް އޮތީ ބޮޑުކަމު ވެސް ދެވިފަ އެވެ. ފާތުމަ އަވަސްވެ ގަތީ ކުއްޖާ ސާފުކުރާށެވެ. "އޭނާ ކުއްޖާ ސާފު ވެސް ކުރީ. ކޮންމެވެސް ވަރަކަށް ލޭ ވެސް ހުރި ކަމަށްވޭ ބޮލުގައި، ނަމަވެސް ގެއްލުމެއް ލިބިފައެއް ނެތް،" އޭނާ ބުންޏެވެ.

ފުލުހުން މިހާރު ވަނީ އެ ތުއްތު ކުއްޖާގެ އިތުރުން ފާތުމަ ގެންގޮސްފަ އެވެ. އެ މައްސަލަ ބެލުމަށް ފާތުމަ ގެންގޮސްފައިވާކަން އޭނާ ކަށަވަރުކޮށްދެ އެވެ. ނަމަވެސް ފުލުހުން މިހާތަނަށް ބުނެފައި ވަނީ އެއްވެސް މީހަކު އެ މައްސަލައިގައި ހައްޔަރު ނުކުރާ ކަމަށެވެ. މިހާތަނަށް އާންމު ކުރި މައުލޫމާތަކީ ކުއްޖާ ޖެންޑާއާ ހަވާލުކޮށް އަދިވެސް އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށެވެ.

"އޭރު އޭނާ [ފާތުމަ] ގެންދިޔަ ގޮތަށް އަދިވެސް ނުގެނޭ،" ހާސްވެފައި ހުރި ކުރީގެ ފިރިމީހާ ބުންޏެވެ.

"ސަން"ގެ ނޫސްވެރިންނަށް ފާތުމަ ދިރިއުޅެމުން ދިޔަ ކުޑަ ކޮޓަރި އޭނާ މިއަދު ވަނީ ދައްކާލައިފަ އެވެ. އެއީ ފަސްޓް ފްލޯގައި ހުރި ކުޑަގޮޅިއެއް ކަހަލަ އާދައިގެ ސާދާ ކޮޓަރި އެކެވެ. ކޮޓަރިއަށް ވަންނަން ދެވެނީ ކުޑަވަރެއްގެ ބަދިގެއެއްހެން ހުރިތަނެއްގެ ތެރެއިން ލާފަ އެވެ. އެތަނުގައި ސިންކަކާއި އުދުނެއް ވެސް ހުރި އިރު ކުއްޖާ ސާފު ކުރި ބައެއް ސާމާނު ވެސް ސިންކް ކައިރީ ބިންމަތީގައި ބަހައްޓާފައި ހުއްޓެވެ. އެ ކުނިތަކު ތެރޭގައި ކޮތަޅަކަށް ލާފައި އޮތް ފެހިކުލައިގެ ސޯޓެއް ކަހަލަ ފޮތިގަނޑެއްއޮތެވެ. "މިއީ ޕުއްޕު [ސީ] ފުހުނު ފޮތިގަނޑު،" ތަފްސީލް ދެމުން އޭނާ ބުންޏެވެ.

ކޮތަޅުތައް ބޮޑަށް ހާވާލައިފީމެވެ. ލޮލުގައި އަޅައިގަތީ އިތުރު އެހެން ކޮތަޅެކެވެ. އޭގެ ތެރޭގައި ޕާރުސަލްކޮށްފައިވާ ފާޑުގެ އެއްޗެއް އޮތެވެ. ފުށުން ޖަހައި ބަލައިލި އިރު އެއީ ގިނަ ލެއިން ތަތްތެޅިފައިވާ ދެ ޕެޑެވެ. ކުރިން ހީކުރީ އެއީ ކުއްޖާ ސާފުކުރުމަށް ގެންގުޅުނު ފޮތިގަނޑެއް ކަމަށެވެ. ލަފާކުރެވޭ ގޮތުން އެއީ މައްސަރު ކަންތައްތައް ޖެހިގެން ބޭނުންކޮށްފައިވާ ޕެޑެއް ނޫނެވެ. އޭގައި އެއަށް ވުރެ މާގިނައިން ލޭހުއްޓެވެ.

"މިވެދާނެ އޭނަގެ އެއްޗަކަށް ވެސް. އެކަމަކު އޭނާއާ މެދު އެއްވެސް ޝައްކެއް ކުރެވޭނެ ޖާގައެއް ވެސް ނެތް. މިހެން މިބުނީ މިބައިގައި އުޅޭނީ އަހަރެންގެ ކުރީގެ އަންހެނުންނާއި މަގޭ ހަ އަހަރުގެ ފިރިހެން ދަރިފުޅު އެކަނި. އިތުރު މީހަކު ނޫޅޭނެ މިބަޔަކު ނުވެސް އަންނާނެ އެހެން މީހަކު މިގޭގައި އުޅޭކަށް ވެސް،" އެ ޕެޑާގުޅޭ ގޮތުން ވާހަކަ ދައްކަމުން އޭނާ ބުންޏެވެ. އޭނާގެ ފަރާތުން އެނގުނު ގޮތުގައި ފުލުހުން އެތަން ބަލާފައެއްނުވެ އެވެ. ހަމައެކަނި ގޯޅިތެރޭގައި ފޮރެންސިކް ޓީމުން ހަރަކާތްތެރިވުމަށް ފަހު ދިޔައީ އެވެ. އެކަމާ ގުޅުން ހުރި އެއްވެސް ހެއްކެތް ނުގެންދެ އެވެ.

"ފުލުހުން އައިސް ކުއްޖާ ގެންދިޔައީ ގޯޅިގަނޑާ އެއްޗެހި ޕޮރެންސިކް ޓީމުން ބެލުމަށް ފަހު، ނަމަވެސް ގޭތެރެ އެއްވެސް ވަރަކަށް ބަލާފައެއް ނެތް، ދެން އެމީހުން ދިޔައީ. އެކުއްޖާ އޮތް ކަމަށް އަންހެން މީހާ ބުނި ކޮތަޅު ގަނޑެއްވެސް އެކައްޗެއް ވެސް ނުގެންދޭ،" އެމީހާ ބުންޏެވެ.

ނަމަވެސް މިހާރު ފުލުހުންގެ ފޮރެންސިކް ޓީމުން ގެންދަނީ އެގޭގައި ހަރަކާތްތެރިވަމުންނެވެ.

ފުލުހުން އެކަމާ އެއްވެސް ކޮމެންޓެއް ކުރާކަށް ބޭނުމެއްނުވި އެވެ. ސީރިއަސް އެ މައްސަލައަކީ އާންމު މުޖުތަމައު މީގެ އަހަރެއްހާ ދުވަސް ކުރިން ވަރަށް ބޮޑަށް ސީރިއަސްވި މައްސަލަ އެކެވެ. ވިހެއުމަށް ފަހު ކުޑަކުދިން އެއްލައިލުމަކީ އޭރު އާންމު ކަމަކަށްވި އެވެ. ނަމަވެސް އަނެއްކާވެސް އޭގެ ކޭސްއެއް މިވަނީ ކުރިމަތިވެފަ އެވެ. ތަފާތު ގޮތަކަށެވެ. ތަފާތު ޝައްކުތަކާވެސް އެކު އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް