އެކާވީސް އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒު ކޮށްގެން އަންނަ މަހު ފަށާ "ޔޫތު ޗެމްޕިއަންޝިޕް 2013" ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ބީޖީ ސްޕޯޓްސް ކުލަބުގެ ހެޑްކޯޗަކަށް ނިއުގެ ކުރީގެ ކޯޗު ހަސަން ހަމީދު (ޑަކޭ) ހަމަޖައްސައިފި އެވެ.
އަންނަ މަހުގެ 10 ވަނަ ދުވަހު ފެށުމަށް ހަމަޖައްސާފައިވާ ޔޫތް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތައް ތައްޔާރުވުމުގެ ގޮތުން ބީޖީއިން މިހާރު ވަނީ ފަރިތަކުރުންތައް ފަށައިފަ އެވެ.
ބީޖީގެ އިސް އޮފިސަލަކު ވިދާޅުވީ، މުބާރާތައް ތައްޔާރު ވުމުގެ ގޮތުން ޓީމުގެ ފަރިތަކުރުންތައް ފަށާފައި ވާއިރު ޓީމުގައި ހިތް ހަމަޖެހޭ ވަރުގެ ސްކޮޑެއް މިހާރުވެސް ތިބި ކަމަށާއި އަދި ޓީމުގެ ކޯޗް ކަމާ ހަވާލުވި "ކޯޗް ޑަކޭ" އާމެދު ވަރަށް ހިތް ހަމަޖެހޭ ކަމަށެވެ. އަދި ކޯޗް ކަމާ ހަވާލުވި ޑަކޭ އަކީ ޓީމަށް ކާމިޔާބު ހޯދާ ދެވޭނެ ވަރުގެ ހުނަރު ވެރި ކޯޗެއް ކަމަށް ވެސް އޮފިސަލް ވިދާޅުވިއެވެ
ބީޖީގެ ޔޫތް ޓީމުގެ ކޯޗް ކަމާ ހަވާލުވި ޑަކޭ އަކީ މީގެ ކުރިން ނިއުއަށް ކުޅުނު ކީޕަރަކެވެ.
ބީޖީގެ އިތުރުން މުބާރާތުގައި ވާދަކުރާ ޓީމް ތަކަކީ ކުލަބް ވެލެންސިޔާ އާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ވިކްޓްރީ ސްޕޯޓްސް ކުލަބާއި ވީބީ އައްޑޫ އެފްސީ އާއި ކުލަބް އީގަލްސް އާއި އޯލް ޔޫތް ލިންކޭޖް (އޭވައިއެލް) އަދި މާޒިޔާ އެވެ. އަދި މިމުބާރާތުގައި އަތޮޅުތަކުން މުބާރާތުގައި ވާދަކުރާނީ ބ. އޭދަފުށީ ފުޓްބޯޅަ ޓީމާއި އދ. މަހިބަދޫ ޒުވާނުންގެ ޖަމްޢިއްޔާ އަދި ހއ. ކެލާ، ކެލާ ނާޅި ސްޕޯޓްސް އަދި މިފަހަރުގެ ތިން ވަނޑިވިޒަންގެ ފައިނަލްގައި ކުޅުނު ކްލަބް ގްރީންސްޓްރީޓެވެ.
މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުން ނަކީ ވިކްޓަރީ އެވެ.