ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމުގެ ކާރު ރޯކޮށް އަންދައިލާނެ ކަމަށް ސިފައިންގޭގެ ނަމްބަރަކުން ގުޅައި މިއަދު އިންޒާރު ދީފައިވާ ކަމަށް މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު، އާޒިމު ވިދާޅުވީ ސިފައިންގޭ ނަމްބަރަކުން ގުޅައި އޭނާގެ ކާރު ރޯކޮށްލާނެ ކަމަށް ބުނެ އިންޒާރު ދިނީ އޭނާގެ ކޮއްކޮ، ނިއުރޭޑިއަންޓްގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ގުޅައިގެން ކަމަށެވެ.
އަދި ބުނީ ސިފައިންގޭ ނަމްބަރުން މޯހަން އަށް ގުޅީ މިއަދު 11:27 ގައި ކަމަށާއި ގުޅާފައި ވަނީ 3310409 ނަމްބަރު ފޯނުން ކަމަށެވެ. އެ ނަމްބަރަށް މިއަދު ސަންއެފްއެމް އޮންލައިނުން ގުޅުމުން ވެސް ބުނަނީ އެއީ އެމްއެންޑީއެފް ކަމަށެވެ.
"ކޮއްކޮއަށް ގުޅާފައި ބުނަނީ ބޭބެއާ ނުގުޅިގެނޭ މިއުޅެނީ ބުނާށޭ ބޭބެގެ ކާރުގައި އަލިފާން ރޯކޮށްލާނަމޭ،" އާޒިމް ވިދާޅުވި އެވެ. "އަޅުގަނޑު ވާނީ މިކަން ފުލުހުންނަށް ވެސް އަދި އެމްއެންޑީއެފަށް ވެސް ހުށަހަޅާފައި، އަޅުގަނޑަށް ލަފާ ކުރެވެނީ މިއީ އެފްއޭއެމް އިން (ސިފައިންނާ ދެކޮޅަށް) ފިޔަވަޅު އެޅުމާ ގުޅިގެން ހިންގާލި ކަމެއްހެން،"
ފުލުހުންގެ ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ފުލުހުންގެ ކޮމާންޑް ސެންޓަރަށް ގުޅުއްވައި އާޒިމް އެކަން ރިޕޯޓްކުރައްވާފައިވާ ކަމަށާއި މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ ލެފްޓިނެންޓް އަބްދުﷲ އަލީ އަށް ގުޅުމުން ވިދާޅުވީ އެ މައުލޫމާތު އެނގިވަޑައިގަންނަވާނީ މޭޖާ އަބްދުއްރަހީމަށް ކަމަށެވެ. އޭނާގެ ފޯނަށް ގުޅައިގެން މިއަދު މައުލޫމާތު ލިބޭ ގޮތެއް ނުވި އެވެ.
އަލީ އާޒިމަކީ އެފްއޭއެމްގެ ޗެއާމަނެވެ. މީގެ ދުވަސްކޮޅެއް ކުރިން އެފްއޭއެމް އިން ވަނީ އެ ފަރާތުން ރާވާ ހިންގާ މުބާރާތްތަކުގައި ސިފައިންނާއި ފުލުހުންނަށް ވާދަކުރުމުގެ ފުރުސަތު ނުދޭން ނިންމާފަ އެވެ.