ރައްޔިތުންގެ ހަޒާނާއިން ޚަރަދުކޮށްގެން ހިންގާ ސިޔާސީ ޕާޓީތައް ޒިންމާދާރުބާ؟

ރާއްޖޭގައި އުފެއްދި އެންމެ ފުރަތަމަ ސިޔާސީ ޕާޓީ އަކީ 1951 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އުފެއްދި "މުތަޤައްދިމް ޕާޓީ" އެވެ. އޭރުގެ ރައީސް އަލް އަމީރު މުހައްމަދު އަމީން ދީދީގެ ޒަޢީމް ކަމުގައި އުފެއްދި މި ޕާޓީ ދެމި އޮތީ ވެސް އެ މަނިކުފާނުގެ ވެރިކަން ނިމުމާ ހަމައަށެވެ. އަމީން ދީދީގެ ވެރިކަމުގައި އެމަނިކުފާނުގެ ޒަޢީމު ކަމުގައި މުތަޤައްދިމް ޕާޓީ އުފެއްދެވި ނަމަވެސް އެ ޕާޓީއާ ވާދަ ކުރާނެ އެހެން ސިޔާސީ ޕާޓީއެއް އޭރަކު ނެތެވެ. އަދި ދީމުޤްރާތީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ގިނަ ޕާޓީ ތަކުން ވާދަ ކޮށްގެން ވެރިކަން ކުރުމުގެ ވެއްޓެއް ވެސް އޭރަކު ނެތެވެ. އޭގެ ފަހުން ބައި ޤަރުނު ފާއިތު ވެގެން ދިޔަ އިރު ވެސް ރާއްޖޭގައި އިތުރު ސިޔާސީ ޕާޓީއެއް އުފެދިފައެއް ނުވެ އެވެ.


މިހާރު މި ހިންގާ މަލްޓި ޕާޓީ ސިސްޓަމް ނިޒާމުގެ ތެރެއިން ރާއްޖޭގައި ފުރަތަމަ ރަޖިސްޓްރީ ކުރި ސިޔާސީ ޕާޓީ އަކީ އެމްޑީޕީ އެވެ. ގ.ކެނެރީގޭ އަލްފާޟިލް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން ރަޖިސްޓްރީ ކުރެއްވުމަށް ހުށަހެޅުއްވި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ރަޖިސްޓްރީ ކޮށްދީފައި ވަނީ 26 ޖޫން 2005ގަ އެވެ. އޭގެ ފަހުން ހަމަ އެ އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހު ޑީއާރްޕީ ރަޖިސްޓްރީ ކޮށްފައިވެ އެވެ. ތިން ވަނަ އަށް ރަޖިސްޓްރީ ކުރީ ޢަދާލަތު ޕާޓީ އެވެ. އެއީ 18 އޯގަސްޓް 2005ގަ އެވެ. މި ގޮތުގެ މަތީން ޕާޓީތައް އިތުރު ވަމުން އައިސް މިހާރު ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ސިޔާސީ ޕާޓީ ތަކުގެ ޢަދަދު ވަނީ 13 އަށް އަރައިފަ އެވެ.


ސިޔާސީ ޕާޓީ ތަކާ ބެހޭ ގަވައިދުގެ ހަތް ވަނަ މާއްދާ ބުނާ ގޮތުން ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް ޓަކައި  އުމުރުން 18 އަހަރު ފުރިހަމަ ވެފައިވާ، މަދުވެގެން 3000 މީހުންގެ ސޮއި ހޯދައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހެ އެވެ. މާނަ އަކީ ސިޔާސީ ޕާޓީއެއް ކަމަށް ޤަބޫލު ކުރެވޭނެ އެންމެ ކުޑަ ނުވަތަ ދަށް މިންގަނޑަކީ މަދު ވެގެން 3000 މެންބަރުން އެ ޕާޓީ އަކަށް ނިސްބަތްވުމެވެ. މީ ގަވައިދުގައި ލިޔެފައި އޮތް ގޮތެވެ. ޢަމަލު ކުރަން ޖެހޭނެ ކަމަށް ޤަބޫލު ކުރެވޭ ގޮތެވެ.


ސިޔާސީ ޕާޓީ ތައް ހިންގުމަށް ދައުލަތުގެ ބަޖެޓުން، އެ  އަހަރެއްގެ އަހަރީ ބަޖެޓުގެ %0.1 އާއި %0.2 އާ ދެމެދުގެ ޢަދަދަކަށް ޕާޓީ ތަކަށް ފައިސާ ދޭން ޖެހެ އެވެ. މީގެ ތެރެއިން %40 ފައިސާ، ބަޖެޓު ފާސް ކުރާ އިރު ސިޔާސީ ޕާޓީ ތަކުގެ ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ޕާޓީ ތަކުގެ މެދުގައި ހަމަހަމަކޮށް ބަހައިލާން ޖެހެ އެވެ. އަނެއް %60 ބަހަން ޖެހެނީ ސިޔާސީ ޕާޓީ ތަކުގައި ތިބި ސައްހަ މެންބަރުންގެ ނިސްބަތުންނެވެ. އެހެން ކަމުން ގިނަ މެންބަރުން ތިބޭ ޕާޓީ އަކަށް މި ބައިން ލިބޭ ފައިސާގެ އަދަދު ގިނަވެ އެވެ.


މި ގޮތުގެ މަތީން މި އަހަރުގެ ދައުލަތުގެ ބަޖެޓުން 12،762،119.00ރ. (ބާރަ މިލިއަން ހަތް ސަތޭކަ ފަސްދޮޅަސް ދެހާސް އެއް ސަތޭކަ ނަވާރަ ރުފިޔާ) ސިޔާސީ ޕާޓީ ތަކަށް ދޫކޮށްފައިވެ އެވެ. މި ފައިސާ ބެހި އިރު، ދަފުތަރުގައި ނަން އޮތީތީ ލިބޭ %40 ގެ ގޮތުގައި ކޮންމެ ޕާޓީ އަކަށް ވެސް 392،680.585ރ. ލިބިފައިވެ އެވެ.


ސިޔާސީ ޕާޓީއެއް އުފަން ވެގެން އަންނަ ގޮތާއި ޕާޓީގެ މަގުޞަދަށް ބަލާ އިރު، ވަރަށް އަސާސީ ކަންތައްތަކެއް ހުރިހާ ސިޔާސީ ޕާޓީއެއްގެ މަގުޞަދު ތެރޭން ވެސް ރައްޔިތުންނަށް ބޭނުންވެ އެވެ. އެއްގޮތް ސިފަ ތަކެއް ހުރިހާ ސިޔާސީ ޕާޓީއެއްގައި ވެސް ހުންނާން އެބަ ޖެހެ އެވެ. އެއީ ބޮޑެތި ކަންތައް ތަކެވެ. ކޮށްފި ނަމަ މޮޅެތި ކަންތައް ތަކެވެ. އެއީ ގާނޫނީ އިންތަކުގެ ތެރެއިން ވެރިކަމަށް އަންނަން މަސައްކަތް ކުރުމެވެ. ރައްޔިތުން ސިޔާސީ ގޮތުން ހޭލުންތެރި ކުރުވުމަށް މަސައްކަތް ކުރުމެވެ. ސަރުކާރު ޒިންމާދާރު ކުރުވުމެވެ. ޖަވާބުދާރީ ކުރުވުމެވެ. ރައްޔިތުންގެ މެދުގައި ސުލްހަ މަސަލަސް ކަމާއި އެކުވެރިކަން ޤާއިމު ކުރުމަށް މަސައްކަތް ކުރުމެވެ. ޤައުމުގެ އިޖުތިމާޢީ ފޭރާން ހެޔޮ ކުރުމަށް ހިތްވަރު ދިނުމެވެ. ޤާނޫނު އަސާސީ އާއި ޤާނޫނު ތަކާއި ގަވައިދު ތަކަށް ބޯލެނބުމުގެ ސަޤާފަތެއް ގާއިމު ކޮށްދިނުމަށް މަސައްކަތް ކުރުމެވެ.


ސިޔާސީ ޕާޓީ ތަކާ މެދު ރައްޔިތުންގެ އުއްމީދު ތަކަކީ މިއީ ނަމަވެސް، މި އުއްމީދު ތަކާ ހަޤީޤަތް ގުޅިފައި ވަނީ ކިހާ ވަރަކަށްތޯ ބަލައިލާން ޖެހެ އެވެ. ސިޔާސީ ޕާޓީ ތަކުން ރައްޔިތުންނަށް ވީ ފައިދާ އަކީ ކޮބައިތޯ ވިސްނައިލާން އެބަ ޖެހެ އެވެ. ރައްޔިތުންގެ މެދުގައި ސުލްހަ މަސަލަސް ކަމާ އެކުވެރިކަން ޤާއިމު ކޮށް ދެވުނީ ކިހާ ވަރަކަށްތޯ އެނގެން އެބަ ޖެހެ އެވެ. ސިޔާސީ ޕާޓީ ތަކުގެ ވިސްނުމުގެ ތެރެއިން ޤައުމުގެ އިޖުތިމާޢީ ފޭރާން ވީ ހެޔޮތޯ ނުވަތަ އެ ފޭރާން އިތުރަށް ވީދިގެން ދިޔައީތޯ ވެސް އެނގެން އެބަ ޖެހެ އެވެ.


ސިޔާސީ ޕާޓީ ތަކަށް ރައްޔިތުންގެ ޚަޒާނާ އިން ކުރާ ބޮޑު ހޭދަ އަށް ބަލާ އިރު، އެ ޕާޓީ ތަކުން ރައްޔިތުންނަށް ލިބޭ މަންފާ ކުޑަ ކަމުގައި ފާހަގަ ކުރަން ޖެހެ އެވެ. ނިމިގެން ދިޔަ ރިޔާސީ އިންތިޚާބާ ދިމާކޮށް ދައުލަތުގެ މީޑިއާ އިން ދިން "ހިލޭ ވަގުތު" ފުރި ސިޔާސީ ޕާޓީ ތަކުގެ ތެރެއިން ބައެއް ޕާޓީ ތަކުގެ އެއްވެސް އަޑެއް މިހާރަކު ނީވެ އެވެ. އެ ޕާޓީ ތަކުން ހިންގާ ހަރަކާތެއް ނޭނގެ އެވެ. ކުރާ ކަމެއް ނުފެނެ އެވެ. އެކަމަކު ވެސް ރައްޔިތުންގެ ޖީބުން ލައްކައިން މިލިއަނުން ފައިސާ ދޭން އެބަ ޖެހެ އެވެ. މީ އިންސާފެއް ކަމަށް ޤަބޫލު ކުރާނެ ޖާގައެއް ނެތެވެ.


ސިޔާސީ ހަރަކާތް ތަކަށް ބަލާ އިރު، ރީކޯ އިބްރާހީމް މަނިކުގެ މޯލްޑިވިއަން ސޯޝަލް ޑިމޮކްރެޓިކް ޕާޓީ، އިބްރާހީމް އިސްމާޢީލް (އިބްރާ)ގެ ސޯޝަލް ލިބެރަލް ޕާޓީ، ޕީޕަލްސް ޕާޓީ، މޮނާޒާ ނަޢީމުގެ މޯލްޑިވިއަން ނެޝަނަލް ކޮންގްރެސް، އަހުމަދު ސަލީމް ނުވަތަ ރެޑްވޭވް ސަލީމުގެ މޯލްޑިވްސް ލޭބަރ ޕާޓީ އަދި ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ނިސްބަތްވެވަޑައިގަންނަވާ ޤައުމީ އިއްތިހާދު ޕާޓީގެ މާ ބޮޑު ހަރަކާތް ތަކެއް ފާއިތުވި މަސް ތަކުގެ ތެރޭގައި ފެނިފައެއް ނުވެ އެވެ. އެހެން ނަމަވެސް ސިޔާސީ ޕާޓީ ތަކުގެ ދަފުތަރުގައި ނަން އޮތީތީ ރައްޔިތުންގެ ޚަޒާނާ އިން އެ ޕާޓީ ތަކަށް ވެސް ފައިސާ ހޭދަ ކުރެ އެވެ. މި ގޮތުން، ދަފުތަރުގައި ނަން އޮތީތީ ލިބޭ 40 ޕަސެންޓާ އެކު، ޕާޓީގައި މެންބަރުން ތިބި ނިސްބަތަށް ބަލައި، ދިވެހި ރައްޔިތުންގެ ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އަށް 2944 މެންބަރުން ތިބީތީ، މި އަހަރުގެ ބަޖެޓުން 618،020.52 ރުފިޔާ، ސޯޝަލް ލިބެރަލް ޕާޓީ އަށް 988 މެންބަރުންގެ ނިސްބަތުން ޖުމުލަ 468،304.18 ރުފިޔާ، ޕީޕަލްސް ޕާޓީ އަށް 2403 މެންބަރުންގެ ނިސްބަތުން ޖުމުލަ 576،611.24 ރުފިޔާ، މޯލްޑިވިއަން ނެޝަނަލް ކޮންގްރެސް އަށް 2340 މެންބަރުންގެ ނިސްބަތުން 571،789.09 ރުފިޔާ، މޯލްޑިވިއަން ލޭބަރ ޕާޓީ އަށް 2023 މެންބަރުންގެ ނިސްބަތުން 547،525.25 ރުފިޔާ އަދި ޤައުމީ އިއްތިހާދަށް 3726 މެންބަރުންގެ ނިސްބަތުން ލިބޭ ފައިސާ އާ އެކު ޖުމުލަ 677،876.44 ރުފިޔާ ރައްޔިތުންގެ ޚަޒާނާއިން ދޫކޮށްފައިވެ އެވެ.


ރައްޔިތުންގެ ޚަޒާނާ އިން ކޮންމެ ކަމަކަށް ޚަރަދު ކުރި ނަމަވެސް  އޭގެ ސަބަބުން ރައްޔިތުންނަށް ފައިދާ ކުރަން ޖެހޭނެ އެވެ. އެ ގޮތުގެ މަތީން ބަލާ އިރު ސިޔާސީ ޕާޓީ ތަކަށް ދޫކުރާ ފައިސާ އަކީ ވެސް އެ ބޭނުމުގައި ދެވޭ ފައިސާ އެކެވެ. އެކަމަކު އެ ފައިސާ އިން ކުރާ ކަމެއް ފެންނާން ނެތް ނަމަ އޭގެ ބޭނުމެއް ނެތެވެ. އެ ފައިސާ އިން ރައްޔިތުންނަށް ވީ ފައިދާއެއް އެނގެން ނެތް ނަމަ އެ ފައިސާ ދިނުމުގެ މަގުސަދެއް ހާސިލެއް ނުވެ އެވެ. އަދި އެ ފައިސާ އިން ކުރެވޭ ޚަރަދުން ޤައުމަށް ލިބުނު މަންފާއެއް އެނގޭ ބަޔަކު ނެތް ނަމަ އެ ފައިސާ ދިނުމުގެ ބޭނުމެއް ވެސް ނެތެވެ.


ޕާޓީތައް އުފަން ވުމުން އެޔާ ގުޅިގެން ރައްޔިތުންގެ އުއްމީދުތައް ހާސިލުވީ މިންވަރަށް ބަލައިލާ އިރު، ޕާޓީ ތަކުން ފެންނާން ޖެހޭ ސިފަތައް ބައެއް ޕާޓީ ތަކުން އެއް ގޮތަކަށް ވެސް ނުފެނެ އެވެ. ޤާނޫނީ އިމުގެ ތެރެއިން ވެރިކަމަށް އަންނާން މަސައްކަތް ކުރާ ތަނެއް ނުފެނެ އެވެ. ނިމިގެން ދިޔަ ރިޔާސީ އިންތިޚާބަށް ފަހު، އަދި އޭގެ ކުރިން ކޯލިޝަން ހެދި ބައެއް ކުދި ޕާޓީ ތަކުގެ ޚަބަރެއް ވެސް މިހާރަކު ނެތެވެ. ވެރިކަން ކުރާ ޕާޓީގެ ވަށައިގެން އުޅޭ ތަނެއް ނުފެނެ އެވެ. ވެރިކަމަށް އަންނާން މަސައްކަތް ކުރާ ޕާޓީ ތަކުގެ ވަށައިގެން އުޅޭ ތަނެއް ވެސް ނުފެނެ އެވެ. ރައްޔިތުންގެ ސިޔާސީ ހޭލުންތެރިކަން އިތުރު ކުރުމަށް ޓަކައި ބައެއް ސިޔާސީ ޕާޓީ  ތަކުން އެއްވެސް ހަރަކާތެއް ހިންގާފައެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އެ ފަދަ ޕާޓީ ތަކުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ނުވަތަ ޒިންމާދާރު ކުރުވުމަށް އެއްވެސް ކަމެއް ކުރާ ތަނެއް ނުފެނެ އެވެ. ދެން އޮތީ ރައްޔިތުންގެ ސުލްހަ މަސަލަސް ކަމާ އެކުވެރި ކަމުގެ ވާހަކަ އެވެ. ބައެއް ސިޔާސީ ޕާޓީ ތަކުގެ ސިޔާސީކަން ވަނީ އިންތިޙާ އަށް ބޮޑު ވެފަ އެވެ. އަމިއްލަ އެދުމުގެ ޢަމަލުތައް އިންތިހާ އަށް ބޮޑު ވުމުގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ މެދުގައި އުފެދެނީ ފިތުނަ ފަސާދަ އެވެ. މި ފިތުނަ ފަސާދައިގެ ތެރެއިން ޤައުމުގެ އިޖުތިމާޢީ ފޭރާން ވަނީ އާދަޔާ ޚިލާފަށް ދަށްވެފަ އެވެ. ޤާނޫނު އަސާސީ އާއި ޤާނޫނު ތަކާއި ގަވައިދު ތަކަށް ތަބާ ނުވުމުގެ ސަޤާފަތް މި ވަނީ ޢާއްމު ވެފަ އެވެ. އަމިއްލަ ޤައުމުގަ އާއި ބައިނަލް އަޤުވާމީ ދުނިޔޭގެ މޫނު މަތީގައި ދިވެހިން މި ދަނީ އޮރިޔާން ވަމުންނެވެ.


ކުރިން ވެސް ބަޔާން ކުރި ފަދައިން، ސިޔާސީ ޕާޓީ އެއް އުފެއްދުމަށް 3000 މީހުންގެ ސޮއި ހުށަހަޅަން ޖެހޭ ގޮތަށް އޮތުމުން ދޭހަވާ މާނަ އަކީ، ސިޔާސީ ޕާޓީއެއް ދެމި އޮތުމުގެ އެންމެ މަދު މިންގަނޑަކީ އެއީ ކަމަށެވެ. އެހެން ނަމަވެސް މި މަހުގެ ދެވަނަ ދުވަހާ ހަމައަށް އިލެކްޝަންސް ކޮމިޝަނުން ހާމަ ކޮށްފައިވާ ތަފާސް ހިސާބު ތަކަށް ބަލާ އިރު 3000 މެންބަރުން ހަމަ ނުވާ ފަސް ޕާޓީއެއް އެބަ އޮތަ ކަމަށް ދައްކަ އެވެ. އެ ގޮތުން މޯލްޑިވިއަން ސޯޝަލް ޑިމޮކްރެޓިކް ޕާޓީގައި ތިބީ 2481 މެންބަރުންނެވެ. ޕީޕަލްސް ޕާޓީގައި ތިބީ 2300 މެންބަރުންނެވެ. މޯލްޑިވިއަން ނެޝަނަލް ކޮންގްރެސް ގައި ތިބީ 1930 މެންބަރުންނެވެ. މޯލްޑިވިއަން ލޭބަރ ޕާޓީގައި 1211 މެންބަރުން ތިބި އިރު ސޯޝަލް ލިބެރަލް ޕާޓީގައި ތިބީ އެންމެ 849 މެންބަރުންނެވެ. މި ޢަދަދު ތަކަށް ބަލާ އިރު، ޕާޓީއެއް އުފެއްދުމަށް 3000 މީހުންގެ ސޮއި ހުށަހަޅަން ޖެހޭ ގޮތަށް އޮތުމުގެ ރޫހެއް ނޭނގެ އެވެ. ނުވަތަ އޭގެ މަޤުޞަދެއް ހާސިލެއް ނުވެ އެވެ.


މި ހުރިހާ ކަމެއް ހައްލު ކުރަން ބަލާ އިރު ސިޔާސީ ޕާޓީގެ ޤަވައިދުގެ ބަލިކަށިކަން ވަރަށް ބޮޑެވެ. ޕާޓީއެއް އުފެއްދުމަށް 3000 މީހުންގެ ސޮއި ބޭނުންވިޔަސް، އުފެއްދުމަށް ފަހު އެ ޕާޓީއެއްގައި އެންމެ މެންބަރަކު ނެތަސް ކުރެވޭނެ ކަމެއް ނެތެވެ. އެޅޭނެ ފިޔަވަޅެއް ނެތެވެ. ބަލައިގެން ތިބުން ނޫން ގޮތެއް ނެތެވެ. ރައްޔިތުންގެ ޚަޒާނާއިން ފައިސާ ދޫކުރުން ނޫން ގޮތެއް ވެސް ނެތެވެ. މީ އަވަސް ހައްލެއް އަންނާން ޖެހޭ މައްސަލަ އެކެވެ. ޒިންމާދާރު ގޮތުގައި ސިޔާސީ ޕާޓީތައް ނުހިންގާ ނަމަ ދައުލަތުގެ ޚަޒާނާ އިން މިލިއަނުން އެ ފަރާތްތަކަށް ރައްޔިތުންގެ ފައިސާ ދެވިގެން ނުވާނެ އެވެ. އަދި ހަމަ އެހެންމެ ޒިންމާދާރު ކަމާ އެކު ނުހިންގާ ސިޔާސީ ޕާޓީ ތަކުން ރައްޔިތުންގެ ފައިސާ މި ގޮތަށް ބޭނުން ވެސް ކޮށްގެން ނުވާނެ އެވެ. ރައްޔިތުންނަށް ތެދުވެރި ވުމާ އަމާނާތްތެރި ވުމަކީ އެއީ އެވެ.


 


 

ގުޅޭ ޓެގު
comment ކޮމެންޓް