އުމަރާއި ޔާމީނުގެ"ގަދަ ހިފުމާއި"، ޕީޕީއެމް ބައިބައިވުން؟

ޕީޕީއެމުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީ އަދި މިހާތަނަށް އިޢުލާންކޮށްފައި ނުވި ނަމަވެސް ރިޔާސީ ޓިކެޓް ހޯއްދެވުމަށް އެ ޕާޓީން ނުކުންނަވާނެ ކަމަށް ބެލެވޭ ދެ ބޭފުޅުން މިހާރު ވަނީ ގާތްގަނޑަކަށް ކަށަވަރުވެފަ އެވެ. ރައީސް މައުމޫންގެ ކޮއްކޯފުޅު އަދި އެ ޕާޓީގެ ޕާލިމަންޓްރީ ގުރޫޕްގެ ރައީސް އަބްދުﷲ ޔާމީންނާއި އެ ޕާޓީގެ އިންތިގާލީ ނައިބް ރައީސް އުމަރު ނަސީރު ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވައި އެކަމަށް މަސައްކަތް ފައްޓަވައިފަ އެވެ. އެއާ އެކު ފެންމަތިވާ ސުވާލުތައް ގިނަ އެވެ. ކުރީގެ ތާރީހު އަލުން އިއާދަވެ ޑީއާރުޕީގެ ބަޑުން ޕީއޭ އުފަންވި ގޮތަށް ޕްރައިމަރީގެ ނަތީޖާއާ އެކު ޕީޕީއެމް ރޫޅިދާނެ ބާއެވެ؟

އެ ބިރު ޕާޓީގެ އާންމު މެންބަރުންގެ ހިތުގައި ވެސް އުފެދުމާ އެކުހެން ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވާ ގޮތުން ޕާޓީގެ ރިޔާސީ ޕްރައިމަރީ ކިތަންމެ ވާދަވެރިކޮށް ދިޔަ ނަމަވެސް ޕްރައިމަރީ އަށް ފަހު ޕާޓީގެ ތެރޭގައި އެއްވެސް ބައިބައިވުމެއް ނުވަތަ ހަމަނުޖެހުމެއް ނޯންނާނެ އެވެ. އަދި ޕީޕީއެމް އަކީ ސިޔާސީ ގޮތުން ތަސައްރަފު ފުދިފައިވާ ނަމޫނާ ޕާޓީއެއްކަން ރައްޔިތުންނަށް ސާބިތުކޮށްދެއްވާނެ ކަމުގެ ވައުދު މައުމޫން ވަނީ ވެވަޑައިގެންފަ އެވެ.

"ރިޔާސީ ޕްރައިމަރީ މިދަނީ ވަރަށް ވާދަވެރިކޮށް. ނަމަވެސް ޕްރައިމަރީ އަށްފަހު ޕާޓީގެ ތެރޭގައި އެއްވެސް ބައިބައިވުމެއް ނޯންނާނެ. އަޅުގަނޑުމެން މިތިބީ ސިޔާސީ ގޮތުން އެއަށްވުރެ މާ ބޮޑަށް ތަސައްރަފް ފުދިފައި،" މައުމޫން ވިދާޅުވި އެވެ.

މައުމޫންގެ ޔަގީންކަމާ އެކު ސަޕޯޓަރުންނަށް ހިތްހަމަޖެހުން ލިބުނަސް ގަބޫލުކުރަން ދަތި ކިތަންމެ ކަމެއް ސިޔާސީ މައިދާނުގައި މީގެ ކުރިން ވަނީ ހިނގައިފަ އެވެ. މިސާލަކަށް ބަލާ ނަމަ މިހާރު ވެސް އެންމެ ޑިމޮކްރަސީ ވަރުގަދަ ކަމަށް ދައުވާ ކުރާ އެމްޑީޕީން ބޭއްވި ފުރަތަމަ ރިޔާސީ ޕްރައިމަރީއާ އެކު އެމްޑީޕީގެ ތެރޭގައި ބައިބައިވެ އިސްލީޑަޝިޕްގެ ބައެއް ފަރާތްތައް ޕާޓީއާ ފެއަށް ޖެހުނެވެ. ރައީސް މައުމޫންގެ ރަނިން މޭޓުކަން "ތަބަކަކަށް ލާފައި" ތަސްމީން އަލީއަށް ދެއްވުމުން އެކަމާ ހިތްހަނުޖެހި އެ ޕާޓީގައި ވެސް ބައިބައިވުން އުފެދުނެވެ.

ޕީޕީއެމްއިން އެ ޕާޓީގެ ފުރަތަމަ ރިޔާސީ ޕްރައިމަރީއަށް ނުކުންނަ އިރު ޕްރައިމަރީއަށް ފަހު ބައިބައިވުމެއް ނޫފެދި އޮތުމަކީ ދުރުކަމެކެވެ. ޕީޕީއެމްގެ ޕްރައިމަރީގައި ނުކުންނަވާނެ ކަމަށް މިހާތަނަށް އިޢުލާންކުރައްވާފައިވާ ދެބޭފުޅުންގެ ތެރެއިން ޔާމީނާއި އުމުރަކީ ވަރަށް ވެސް ތަފާތު ދެ ބޭފުޅުންނެވެ. ޔާމީނާއި އުމަރާއި ދެ ބޭފުޅުންނަކީ ވެސް އެހާމެ ދޫހެލޭ ސިޔާސީ ގޮތުން ހަރު ދެ ބޭފުޅުން ކަމަށްވާ އިރު އުމަރު ޕީޕީއެމާ ގުޅިވަޑައިގަތީ ހާޑްކޯ އެކްޓިވިސްޓެއްގެ ގޮތުގަ އެވެ. އެއާ ހިލާފަށް ޔާމީން އުޅުއްވަމުން ގެންދެވީ ޕާޓީގެ ލީޑަރެއްގެ ގޮތުގައި އެހާމެ މަޑުމައިތިރި ކޮށެވެ. ޕާޓީގެ އާންްމު މެންބަރުންނާ ތަންކޮޅެއް ދުރުގަ އެވެ.

އުމަރުގެ ބަސްމޮށިންތެރިކަން ގެންގުޅުއްވަނީ ޕާޓީގެ އާއްމު މެމްބަރުންގެ ތެރެއިން ގިނަ ބަޔަކު ބޭނުންވާ ގޮތަށެވެ. ބެލެވޭ ގޮތުގައި ޕާޓީގެ ގިނަ މެމްބަރުންނަށް އުމަރުގެ އެސިފަ ވަރަށް ކަމުދެ އެވެ. ޔާމީނަކީ އިގުތިސާދީ އަދި ފަންނީ ބޭފުޅެއް ކަމުގައިވުމުން ޔާމީންގެ ވާހަކަފުޅުތައް ގިނައިން ބައްޓަން ކުރައް ވަނީ ވެސް އެ ގޮތަކަށެވެ. ނަމަވެސް އުމަރާ ހިލާފަށް ޔާމީނަކީ ސިޔާސީ ތަޒުރިބާ ހުރި ބޭފުޅެއްގެ ގޮތުގައި ބުނެވިދާނެ އެވެ. އަދި ޔާމީންނަކީ އިގުތިސާދީ ގޮތުން މިހާތަނަށް ވެސް ގައުމަށް ބޮޑެތި ފައިދާތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.

އަންނަ ޖެނުއަރީ މަހު ބާއްވާ އެޕާޓީގެ ކޮންގްރެސްއަށް ފަހު ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީޒް އިޢުލާންކުރާނެ ކަމަށް ބެލެވިފައިވާ އިރު ރިޔާސީ ޕްރައިމަރީޒްގައި ނުކުންނަވާނެ ކަމަށް އިޢުލާން ކުރައްވާފައިވާ އުމަރާއި ޔާމީން މިހާރު ވެސް ވަނީ ކެމްޕޭން ފައްޓަވައިފަ އެވެ. އެހެން ކަމުގައިވާ އިރު މި ދެ ބޭފުޅުންގެ ކެމްޕެއިން ވަރަށް ވެސް ވާދަވެރިވެގެންދާނެ ކަމަށް ބެލެވެ އެވެ.

ޕީޕީއެމްއަކީ މައުމޫންނަށް ލޯބި ކުރާ ގިނަ ބަޔަކު ތަފްސީލް ކުރާ ޕާޓީއެއް ކަމުގައިވާ އިރު އެޕާޓީގެ ޕްރައިމަރީޒްއަށް ނުކުންނަވާ ދެ ބޭފުޅުންނަކީ ވެސް ޕީޕީއެމްގެ ބާރުގަދަ ދެ ބޭފުޅުންނެވެ. އެއިން އެއްވެސް ބޭފުޅަކަށް ކެމްޕެއިން ކޮށްދެއްވުމަށް މައުމޫން ނިކުންނަވާނެ ކަމަކަށް ނުބެލެވެ އެވެ. އެހެން ކަމުގައިވާ އިރު މައުމޫންގެ ބެކަޕެއް ނެތި އެ ދެ ބޭފުޅުންނަށް ވެސް މި ޕްރައިމަރީޒް ވަރަށް ބޮޑު ވާދަވެރިކަމަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނަވާނެ އެވެ.

އުމަރު ނަސީރު ވަނީ އޭނާގެ ކެމްޕެއިން ރަސްމީކޮށް މިހާރު ފައްޓަވައިފަ އެވެ. އޭނާގެ ކެމްޕެއިން ލޯގޯއެއްގެ ގޮތުގައި ބޭނުން ކުރަނީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބްގައި ރައީސް މައުމޫން ބޭނުންފުޅު ކުރައްވާފައިވާ އަތްތިލައިގެ ނިޝާނެ އެވެ. އުމަރު ދެކެވަޑައިގެންނަވާ ގޮތުގައި އެފަހަރު އިންތިހާބު އަތް ތިލަ ކާމިޔާބު ނުކުރި ނަމަވެސް މިފަހަރު އަތް ތިލަ ކާމިޔާބު ކުރާނެ އެވެ. މިއީ މައުމޫން ދެކެ ލޯބިވާ ޕީޕީއެމްގެ އެތައް ސަޕޯޓަރުންގެ ތާއީދު ހޯދުމަށް އުމަރު ޖައްސަވާފައިވާ އުކުޅެކޭ ބުނެވިދާނެ އެވެ.

އުމަރުގެ ކެމްޕޭން ލޯގޯއެއްގެ ގޮތުގައި މައުމޫނުގެ "އަތްތިލަ" ބޭނުން ކުރައްވާ އިރު 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އުމަރު ވަނީ މައުމޫނާ ދެކޮޅަށް ތެދުވެވަޑައިގެންފަ އެވެ. އެ ފަހަރު އޭނާ އަށް ބާތިލު ވޯޓާ އެއްވަރަށް ވެސް ވޯޓެއް ނުލިބެ އެވެ. ނަމަވެސް އެ ހަގީގަތް އެ ގޮތުގައި އަބަދު އޮވެދާނެ ކަމަށް ނުވެދާނެ އެވެ. ނަމަވެސް އެ ފަހަރުގެ އިންތިހާބުގައި އުމަރު ކުރިއަށް ނެރުއްވި، ވައްކަން ކުރާ މީހުންގެ އަތްކެނޑުން، މަސްތުވާތަކެތި އެތެެެރެކޮށް ވިޔަފާރި ކުރާ މީހުން މެރުން ފަދަ އުސޫލޫތަކަކީ ދިވެހި މުޖުތަމައު އޭރު ގަބޫލު ނުކުރި ކަން ކަމަކަށް ވެސް ބެލެވިދާނެ އެވެ. ހަމަ އެއާ އެކު އުމަރު ސިފައިން ތެރޭގައި އުޅުއްވި އިރު އުމަރު މީހެއްގެ މައި ބަދަ ބިންދާލި ކަމަށް އުމަރާ ދިމާލަށް ދިއްކުރާ ތުހުމަތުގެ އިންގިއްޔަކީ ވެސް އޭނާގެ ހަރުކަށިކަން ބަޔަކު ދައްކުވައިދޭ ކަމެކެވެ. ޔާމީންގެ މައްޗަށް 800 މިލިޔަން ރުފިޔާގެ ދަރަނީގެ ތުހުމަތުތަކެއް ކޮށްފައިވާ އިރު މާލޭގެ ގްރޫޕްތަކަށް ފައިސާދީގެން އެގްރޫޕްތައް ހިންގާ ކަމުގެ ތުހުމަތު ވެސް ވަނީ ކޮށްފަ އެވެ. ނަމަވެސް އެއިން އެއްވެސް މައްސަލައެއް މިހާތަނަށް ސާބިތުކުރެވިފައެއް ނުވެ އެވެ. އެފަދަ އެއްވެސް މައްސަލައެއް އުޅޭ ނަމަ އެކަމަށް މިހާތަނަށް ވެސް ހޯދި އެކަމާ މެދު ފިޔަވަޅު އެޅިފައިވާނެ ކަމަށް ޔަމީން ވަނީ ތަފާތު އެކިއެކި މަރުހަލާތަކުގައި ވިދާޅުވެފަ އެވެ.

ޔާމީންނާއި އުމަރު ވެސް ވިދާޅުވެފައި ވަނީ ޕީޕީއެމްގެ ޕްރައިމަރީގައި ވާދަވެރިކަމުގެ ސަބަބުން އެއްވެސް ވަރެއްގެ ބައިބައިވުމެއް ޕާޓީގެ ތެރެއަށް ނާންނާނެ ކަމަށެވެ. އަދި އެއިންތިހާބް ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން ދެ ބޭފުޅުންނަށް ވެސް އޮތް އިރު އިންތިހާބު ކާމިޔާބު ކުރައްވާނީ ކޮން ބޭފުޅަކު ކަމާ މެދު މިހާރު ވަނީ ސުވާލު އުފެދިފައި އެވެ.

ޕީޕީއެމްގެ ޕްރައިމަޒީޒްގައި ޔާމީނާއި އުމަރު ވާދަކުރައްވަން ނުކުންނަވާއިރު އުމަރު ނަސީރު އަބަދުވެސް ފެނިވަޑައިގެންނަވަނީ ރަޢީސް މައުމޫންގެ އަރިހުގައި އެކިއެކި ރަސްމިއްޔާތުތަކާއި ނޫސްވެރިންގެ ބައްދަލުވުންތަކާއި އެނޫން ވެސް ތަންތަނުގައި އިސް ސަފުގައި ހަރަކާތްތެރިވެވަޑައިގެންނަވާ ތަނެވެ. ނަމަވެސް އެއާ ހިލާފަށް ޔާމީން އާއްމުންނާ އެކު ނުވަތަ އާއްމުންނަށް ފެނިވަޑައިގެންނަވާލެއް މަދެވެ.

އުމަރު ވިދާޅުވާ ގޮތުން ޕްރައިމަރީގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ނަމަވެސް ޕްރައިމަރީ ކާމިޔާބު ކުރާ ބޭފުޅަކާ އެކު ޕީޕީއެމް އަށް ރިޔާސީ އިންތީޚާބު ކާމިޔާބުކޮށްދިނުމުގެ މަސައްކަތުގައި އަބަދު ވެސް ދެމިހުންނަވާނެ އެވެ.

ޕީޕީއެމްގެ ރިޔާސީ ކެމްޕޭންގެ ސަބަބުން ޕާޓީ ބައިބައި ނުވާނެ ކަމުގެ ޔަގީން ކަން މައުމޫން ދެއްވާފައިވާ އިރު ޕާޓީގެ ތެރެއިން ނުކުންނަވާ ދެ ބޭފުޅުންގެ ސަހުސިއްޔަތުގެ ތަފާތު ކަމާއި އާއްމުންގެ މަގުބޫލްކަން އޮތް ގޮތަށް ބަލާއިރު މި ކެންޕެއިން ވާދަވެރިކަން ވަރަށް ބޮޑުވެގެންދާނެ ކަމަށް ބެލެވެ އެވެ. ކޮންމެ ގޮތެއް ވިޔަސް ޕްރައިމަޒީޒް ކާމިޔާބު ކުރައްވާނެ ބޭފުޅަކު އަދި ކަނޑައެޅުމަކީ އެހާ ފަސޭހަ ކަމެއް ކަމުގައި ނުވާނެ އެވެ. އަދި އެ ޕްރައިމަރީއަށް ފަހު އެ ޕާޓީ ކުރިމަތިލާން ޖެހޭ ކަންތައްތައް ފަސޭހައެއް ނުވާނެ އެވެ. ޕީޕީއެމް ކުރިމަތިލާން ޖެހޭ ރާސްތާ އުނދަގޫވާނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް