ކުރީގެ ރައީސް މައުމޫން ރައީސް ވަހީދާ ބައްދަލުކުރައްވައިފި

ކުރީގެ ރައީސް މައުމޫނު އަބުދުލްގައްޔޫމާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިރޭ ބައްދަލުކުރައްވަމުން އެބަ ގެންދަވަ އެވެ.

ރައީސް ވަހީދާއި މައުމޫން ބައްދަލު ކުރެއްވީ އިހުތިރާމުގެ ޒިޔާރަތެއްގެ ގޮތުގައި ކަމަށް ވެދާނެ ކަމަށާއި އެއީ ޕާޓީގެ ފަރާތުން ކުރައްވާ ރަސްމީ ބައްދަލުވުމެއް ނޫން ކަމަށް ޕްރޮގްރްސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބުންޏެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކު މިރޭ ވިދާޅުވީ ރައީސް މައުމޫނާއި ރައީސް ވަހީދު ބައްދަލުވުމެއްގައި އުޅުއްވާތާ މިހާރު ގަޑިއެއްހާ އިރު ވެއްޖެ ކަމަށާއި އެހެން ނަމަވެސް އެއީ ޕާޓީގެ ރަސްމީ ކަމަކަށް ނުވާތީ އެކަމާ ބެހޭ މައުލޫމާތު އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

"ވެދާނެ އެއީ ކާޓިސީ ކޯލަކަށް، ޕާޓީގެ ރަސްމީ ކަމެއް ނޫން،" ނިހާނު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު ކުރިއަށް ގެންދަވާ ބައްދަލުވުމާ ބެހޭ މައުލޫމާތު ރައީސް އޮފީހުން ލިބޭނެ ގޮތެއް ވަނީ ނުވެފަ އެވެ.

ރައީސް މައުމޫން މިރޭ ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޑރ. ވަހީދަކީ އެ މަނިކުފާނު ވަރަށް އިހުތިރާމް ކުރައްވާ ބޭފުޅެއް ކަމަށާއި އެ ދެ ބޭފުޅުންނަކީ ކުރިއްސުރެ ވެސް ދެ ރަހްމަތްތެރިން ކަމަށެވެ. އަދި މިރޭގެ ބައްދަލުވުމަކީ ވެސް ރަހުމަތްތެރިކަމުގެ ބައްދަލުވުމެއް ކަމަށެވެ.

"މި ބައްދަލުކޮށްލުމުގައި މާ ހާއްސަ ވާހަކައެއް ނުދެކެވޭ." ރައީސް މައުމޫން ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު