ކައުންސިލަރުންނަށް އަލުން މަގާމަށް ވާދަކުރެވޭ ގޮތް ހެދުމަށް އިސްލާހެއް ހުށަހަޅައިފި

ގާނޫނު އަސާސީގައި ބުނެފައިވާ އިންތިހާބީ މަގާމުތަކުގައި ތިއްބަވައިގެން ވެސް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުތަކަށް ކުރިމަތިލެވޭ ގޮތަށް ލޯކަލް ކައުންސިލްތަކުގެ ގާނޫނަށް އިސްލާހު ހުށަހަޅުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީޙުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު ހަސަން ލަތީފު މިއަދު ރައްޔިތުންގެ މަޖިލީހަށް އެ އިސްލާހު ހުށަހަޅުއްވަމުން ވިދާޅުވީ، އެފަދަ އިސްލާހެއް ހުށަހެޅުއްވުމުގެ މައިގަނޑު ބޭނުންފުޅަކީ ގާނޫނު އަސާސީގެ ދަށުން އިންތިހާބުކޮށްފައިވާ މަގާމެއްގައި ހުންނަ މީހަކު ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލުމަށް ގާނޫނުގައި މިހާރު އޮތް ހުރަސްތައް ނައްތާލެއްވުން ކަމަށެވެ.

ހަސަން ލަތީފް ހުށަހެޅުއްވި އިސްލާހްގައި ބުނަނީ، ކައުންސިލްތަކުގެ މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ޝަރުތުތައް ބަޔާންކޮށްފައިވާ، ކައުންސިލް އިންތިހާބުތަކާ ބެހޭ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ)ގެ ހަވަނަ ނަމްބަރު އުވާލުމަށެވެ. އެ މާއްދާގައި ބުނަނީ، ގާނޫނު އަސާސީގެ ދަށުން އިންތިހާބު ކުރެވޭމަގާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުން ހިމެނޭ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން އެ އިސްލާހު ފާސްވެއްޖެ ނަމަ އިންތިހާބުވެވަޑައިގެން މިހާރު ތިއްބެވި ކައުންސިލަރުންނަށް ދެން ބާއްވާ ކައުންސިލްތަކުގެ އިންތިހާބުތަކަށް ކުރިމަތި ލެވޭނެ އެވެ. ނަމަވެސް އެ އިސްލާހު ފާސް ނުވެއްޖެ ނަމަ އެ ފުރުސަތެއް އެފަރާތްތަކަކަށް ނޯންނާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ދިޔަ ބަހުސްގައި ވަރަށް ގިނަ މެންބަރުން ވަނީ އެ އިސްލާހަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު