ހިންމަފުށީ ކައުންސިލަރުގެ 17 މައްސަލައެއް ފާހަގަކޮށް އެ ދާއިރާގެ މެންބަރަށް ހުށަހަޅައިފި

ހިންމަފުށީ ކައުންސިލަރުގެ 17 މައްސަލައެއް ފާހަގަކޮށް ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމަށް ހުށަހަޅައިފި އެވެ.


ކައުންސިލަރާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގެ ލިސްޓުގައި، އެ ރަށު ޕްރީސްކޫލާއި، ގަބުރުސްތާނާއި ހިނަވާގެ އާއި ބަނދަރުން ކުނި ނެގުމުގެ ވަޒީފާގައި އުޅުނު ތިން މީހަކު ވަޒީފާއިން ވަކިކުރުމާއި، އޭގެ ތެރޭގައި ހިމެނޭ ޓީޗަރަށް ވަޒީފާ ދިނުމަށް އަތޮޅު ކައުންސިލަރު އެންގެވުމުން ވެސް ވަޒީފާ ދީފައިނުވާ މައްސަލަ ހިމެނެ އެވެ. އަދި މިސްކިތްދޮށް ޒީނަތްތެރިކުރުމަށް ބަޔަކު ހަދިޔާކުރި ތިން ދޯނި ވެލި ވިއްކައިލުމާއި، ރަށުގެ ސިނާއީ މަސައްކަތްކުރާ ބައެއް ފަރާތްތަކަށް ރަށު އޮފީހުގެ ނަމުގައި ސިޓީ ފޮނުވައިގެން އެކި ކަންކަމަށް ފައިސާ ހޯދުން ފަދަ ކޮރަޕްޝަންގެ މައްސަލަތަކެއް ވެސް އެ ލިސްޓުގައި ވަނީ ފާހަގަކޮށްފަ އެވެ. މީގެ އިތުރުން ހުތުރު ބަހުން ރައްޔިތުންނާ މުއާމަލާތް ކުރުމާއި މާރާމާރީ ހިންގަން މަސައްކަތްކޮށް ބިރު ދެއްކުމުގެ މައްސަލަތަކެއް ވެސް މި ލިސްޓުގައި ފާހަގަކޮށްފައިވެ އެވެ.


މިކަމާ ބެހޭ މައުލޫމާތު ދެއްވަމުން ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް މިއަދު ވިދާޅުވީ، ރަށުގެ ރައްޔިތުން މިފަދަ ލިސްޓެއް ހުށަހެޅުމާ ގުޅިގެން ރަށުގެ ހާލަތު ބެލުމަށް ވަރަށް އަވަހަށް އެރަށަށް ޒިޔާރަތް ކުރައްވާނެ ކަމަށެވެ. އަދި އެ މައްސަލަތަކާ މެދު ކައުންސިލަރާ ވާހަކަ ދައްކަވާނެ ކަމަށް ވެސް ރޮޒައިނާ ވިދާޅުވި އެވެ.


ރޮޒައިނާ އަދި ވިދާޅުވީ، މި މައްސަލަ އަކީ އަންނަ މަހު ނުވައެއްގައި ނެގުމަށް ހަމަޖެހިފައިވާ އިދާރީ ގޮތުން ގުޅުވާލެވޭ ރަށްތައް ސަރުކާރުން ކަނޑައަޅުމުގެ ރެފަރެންޑަމަށާއި ކުރިއަށް އޮތް ކައުންސިލްތަކުގެ އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވުމަށް ކައުންސިލަރުން މެދުވެރިކޮށް ކުރިއަށް ގެންދާ މަސައްކަތްތަކެއް ކަމަށެވެ. އަދި މިކަމުގައި ސަރުކާރުގެ ފިކުރަށް ތާއީދުނުކުރާ މީހުން ވަޒީފާއިން ވަކިކުރުމަށް ބިރުދެއްކުން ހިމެނޭ ކަމަށް ވެސް ރޮޒައިނާ ވިދާޅުވި އެވެ. އެހެންކަމުން ރައްޔިތުންނަށް ބިރުދައްކާ މިފަދަ ކައުންސެލަރުން މަގާމުން ވަކި ކުރުމަށް ރޮޒައިނާ ވަނީ ސަރުކާރަށް ގޮވާލައްވައިފަ އެވެ.


ހިންމަފުށީ ޕްރީ ސްކޫލުން ކަނޑާލި މުވައްޒަފަށް އަލުން އަނބުރާ ވަޒީފާ ނުދިން މައްސަލައެއްގައި، މިދިޔަ ބުދަ ދުވަހާއި، ބުރާސްފަތި ދުވަހު، ރައްޔިތުންގެ ބަޔަކު، ރަށު އޮފީސްތެރެއަށް ވަދެ ވަނީ ރަށު އޮފީސް ބަންދުކުރިޔަނުދީ ހިފަހައްޓައިފައެވެ. އެމީހުން އޮފީސް ދޫކޮށް އެ ސަރަހައްދުން ގޮސްފައި ވަނީ ސްޕެޝަލް އޮޕަރޭޝަންސް ކޮމާންޑްގެ ފުލުހުން އެ ރަށަށް ގޮސް އެމީހުންނާ ވާހަކަ ދެއްކުމުންނެވެ.


ހިންމަފުށީ ކައުންސިލަރު ފަރުހާދު އިބްރާހިމް އިއްޔެ ވިދާޅުވެފައި ވަނީ، ސްކޫލް ސެކްރެޓަރީ ވަޒީފާއިން ވަކިކޮށްފައި ވަނީ އެ ސުކޫލްގެ ބެލެނިވެރިންނާ ވެސް ވާހަކަ ދެއްކުމަށް ފަހު ކަމަށެވެ. އަދި އޭނާ ވަޒީފާއިން ވަކިކުރީ ޕްރީ ސުކޫލް މިހާރަށް ވުރެ ރަނގަޅަށް ހަރުދަނާކޮށް ހިންގުމުގެ ބޭނުމުގައި ކަމަށް ވެސް ކައުންސެލަރު ވަނީ ވިދާޅުވެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު