އެމްޑީޕީ ދާއިރާތަކުގެ އިންތިހާބު: އެސްއެމްއެސް ނުފޮނުވިގެން ވޯޓު ހުއްޓައިލުމުން 300 އަށް ވުރެ ގިނަ ކެންޑިޑޭޓުންނަށް ބޮޑެތި މާލީ ގެއްލުން

"މިއީ މާ މޮޅު ގޮތެއް އެސްއެމްއެސްއެއް ފޮނުވައިލީމަ ނިމުނީ،"  އެމްޑީޕީ ދާއިރާތަކުގެ އިންތިހާބުގައި ވޯޓުލާން ދިޔަ މީހަކު ބުނެލި އެވެ. ތެދެކެވެ؛ އެމެރިކާގެ "ޕޯލްއެވްރީވެއާ" އާ ގުޅިގެން އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި އެސްއެމްއެސް މެދުވެރިކޮށް ވޯޓުލެވޭ ގޮތަށް ޕާޓީން ހަމަޖެއްސި އެވެ. އެސްއެމްއެސް ކުރަން ޖެހޭނީ އިނގިރޭސިވިލާތުގެ ނަމްބަރަކަށެވެ. މިއީ ރާއްޖޭގައި މިގޮތަށް ވޯޓުލާ ފުރަތަމަ އިންތިހާބެވެ. ވޯޓުލާ މީހުން ވެސް ކެންޑިޑޭޓުން ވެސް ތިބީ އެކަމާ ވަރަށް ހިތްހަމަޖެހިގެނެވެ.


އެހެންނަމަވެސް އިންތިހާބުގައި އިއްޔެ މާލެ އާއި އަތޮޅުތަކުގެ ރަށްރަށުން 6000 އަށް ވުރެ ގިނަ މީހުން ވޯޓުލާފައި ވަނިކޮށް ވޯޓުލުން ހުއްޓާލަންޖެހުނީ އެސްއެމްއެސް ފޮނުވުމުގައި "ތާއްޓެއް" އަރައިގެނެވެ.


ދާއިރާތަކުން ރައީސް ކަމަށާއި ނައިބު ރައީސު ކަމަށް 350 އަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކޮށް ބޮޑެތި ހަރަދުތަކާއި ކެމްޕޭނުތައް ކޮށްފައިވާ މި އިންތިހާބުގެ ވޯޓުލުމުގައި އެސްއެމްއެސް ފޮނުވުމުގައި ދިމާވި ޓެކްނިކަލް މައްސަލައިގެ ސަބަބުން އިންތިހާބުގެ ވޯޓުލުން ހުއްޓައިލައި އިންތިހާބު ފަސްކުރުމުން ކެންޑިޑޭޓުންނަށް މާލީ ގެއްލުންތައް ލިބި ވަރަށް ގިނަ ކެންޑިޑޭޓުން ވަނީ މާޔޫސްވެފަ އެވެ.


"އަޅުގަނޑު ވަރަށް ހިތްމަ ނުޖެހޭ. އެކަމަކު އަޅުގަނޑު ވެސް އެދުނީ މައްސަލަ އުޅެންޏާ ހުއްޓައިލާން. ވަރަށް ބޮޑު ގެއްލުން ވެއްޖެ،" ކެންޑިޑޭޓަކު ވިދާޅުވި އެވެ.


ކުޅުދުއްފުށީ ދެކުނު ދާއިރާގެ ރައީސް ކަމަށް ކުރިމަތި ލެއްވި އާދަމް ވަހީދު ވިދާޅުވީ ކެމްޕޭނާ ނުލައި ދަތުރުތަކަށާއި ކާރަށާއި ސަޔަށް އޭނާގެ އަތުން އިއްޔެ ބޮޑު ހަރަދެއް ހިނގައި ބޮޑު ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.


"މި ދާއިރާގެ ވޯޓު ލުމުގައި އެއްވެސް މައްސަލައެއް ދިމައެއް ނުވޭ. އެހެން އޮއްވާ ކުރި މަސައްކަތް ކެންސަލް ކޮށްލެއްވުމުން ބޮޑެތި ގެއްލުން ކެންޑިޑޭޓުންނަށް ވެއްޖެ، އެބައުޅުއްވާ މިއަދު އެކަނި ވެސް 30000ރ. ހަރަދު ކުރެއްވި ކެންޑިޑޭޓުން،" އާދަމް ވަހީދު ވިދާޅުވި އެވެ. "މިކަމުގައި އަޅުގަނޑުގެ ޝަކުވާ މިހާރު ވާނީ އިންތިހާބާ ބެހޭ ކޮމެޓީގެ ސަމާލުކަމަށް ގެންގޮސްފައި، އަދި މިއީ ދިމާވެދާނެ ގޮތެއްކަމަށް އަޅުގަނޑަށް ފެންނާތީ ކުރިން ވެސް ވާނީ މިކަން ސަމާލު ކަމަށް ގެނެސްފައި،"


ކުޅުދުއްފުށީ ދެކުނު ދާއިރާގެ އެމްޑީޕީ ސްޕޯކްސްމަން އަބްދުލް މަޖީދު ވިދާޅުވީ ދާއިރާތަކުގެ އިންތިހާބު ޓެކްނިކަލް މައްސަލައަކާ ހުރެ ކުއްލި ގޮތަކަށް ހުއްޓައިލުމުން ވަރަށް ގިނަ ކެންޑިޑޭޓުންނަށް ނޫފުލޭ ވަރުގެ މާލީ ގެއްލުންތައް ލިބިފައިވާ ކަމަށެވެ. މަޖީދު ވިދާޅުވީ އިއްޔެ ހެނދުނުއްސުރެ ރަށުގެ ޓެކްސީތައް ކެންޑިޑޭޓުން ހިފައި ބޮޑު ހޭދައެއް ކޮށްފައިވާ ކަމަށާއި ދަތުރުތަކަށާއި ކެމްޕޭނަށް ކުރި ހަރަދަށް ފަހު ވޯޓު ކެންސަލްވުމުން ކުރިން ކުރި ހަރަދު އަލުން ކުރަން ޖެހުމަކީ ކެނޑިޑޭޓުންނަށް އުފުލަން ޖެހުނު ބޮޑު ބުރައެއް ކަމަށެވެ.


ކެލާ ދާއިރާގެ ރައީސް ކަމަށް ކުރިމަތިލެއްވި އިބްރާހިމް ޝަރީފު ވިދާޅުވީ އޭނާ އިންތިހާބުގެ ކެމްޕޭނު ފެށީ މެލޭޝިޔާގައި ހުންވާފައި ރާއްޖެ ވަޑައިގެން ކަމަށާއި އިއްޔެ ވަށަފަރަށާއި ފިއްލަދު އަށް ދަތުރު ކުރުމަށާއި އިނތިހާބުގައި ސަޕޯޓް ހޯދުމަށް 40000ރ. ހޭދަކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ވޯޓު ކެންސަލުވުމުން ބޮޑު ގެއްލުމެއް ލިބުނު ނަމަވެސް އަދި ޝަކުވާ އުފުލާފައި ނުވާނެ ކަމަށެވެ.


"އަޅުގަނޑުގަނޑަކަށް ނޭނގޭ އެ ޝަކުވާ ކުރެވޭ ކަމެއްވެސް. އެކަމަކު އަޅުގަނޑަށް ވަރަށް ބޮޑު މާލީ ގެއްލުން ވެއްޖެ،" އޭނާ ވިދާޅުވި އެވެ.


އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި އެކި ސަރަހައްދުތަކުން ވާދަކުރެއްވެވި ވަރަށް ގިނަ ކެންޑިޑޭޓުން ވަނީ އިންތިހާބު ކެންސަލް ކުރުމުން ހިތްހަމަ ނުޖެހުންތައް ފާޅުކޮށް، ބޮޑެތި މާލީ ގެއްލުން ލިބިފައިވާ ކަމަށް ބުނެފަ އެވެ.


"ދަތުރު ފަތުރަކީ އެންމެ ބޮޑު ހަރަދު، އެ ހަރަދުތައް އަލުން މިޖެހެނީ ކުރަން. އެއީ ބައެއް ކެންޑިޑޭޓުންނަށް ދެވަނަ ފަހަރަށް އުފުލޭނެ ބުރައަކަށް ނުވާނެ، އެހެންވީމާ އެއީ ކިހާ ބޮޑު ގެއްލުމެއް،" ކެންޑިޑޭޓަކު ވިދާޅުވި އެވެ.


ސަންއެފްއެމް އޮންލައިނަށް އެނގިފައިވާ ގޮތުގައި އިންތިހާބުގެ ކެންޕޭނަށާއި އިއްޔެ އޮތް ވޯޓަށް ވަރަށް ގިނަ ކެންޑިޑޭޓުން މާލޭގައި ތިބެފައި ވަނީ ރަށްރަށް ގޮސް ބޮޑެތި ހަރަދުތައްކޮށްފަ އެވެ. އޭގެ ތެރޭގައި ލޯންޗު ދަތުރުތަކާއި ވައިގެ މަގުން ކުރި ދަތުރުތައް ހިމެނެ އެވެ.


އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހު ވިދާޅުވީ ރޭހުގައި ވާދަކުރާ އިރު  ރިސްކާ ދިމާވާނެ ކަމަށާއި އިންތިހާބު ކެންސަލް ކުރަންޖެހުމުގެ ސަބަބުން ކެންޑިޑޭޓުންނަށް މާލީ ގޮތުން ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.


"ވަރަށް ގިނަ ކޯލުތައް ވެސް އައި އެކަމަކު މިކަހަލަ އިންތިހާބުތަކުގައި ރިސްކް އޮންނާނެ. މިދިމާވި ގޮތުން އަޅުގަނޑުމެން ދެރަވޭ، ވަރަށް ބޮޑަށް ހިތާމަ ކުރަން އަދި ވަރަށް ބޮޑަށް މާފަށް އެދެން،" ޝާހު ވިދާޅުވި އެވެ.


އޭނާ ވިދާޅުވީ ދިމާވި މައްސަލަ ހައްލުކޮށް އިންތިހާބާ ބެހޭ ކޮމެޓީން ގޮތެއް ނިންމެވުމަށް ފަހު ވަރަށް އަވަހަށް އިންތިހާބު ބާއްވާނެ ކަމަށާއި ދެމެދަށް ބޮޑު ހުސް ތަނެއް ނާންނަ ގޮތަށް ޕާޓީން އެކަން ރާވާނެ ކަމަށެވެ.


"ބޮޑު ގެޕެއް ނާންނަ ގޮތަށް އެކަން މި ރާވަނީ އެހެން ވެއްޖިއްޔާ ކެނޑިޑޭޓުންނަށް ލިބުނު ގެއްލުންތައް ފޫބެއްދޭނެ،" ޝާހު ވިދާޅުވި އެވެ.


ކިތަންމެ އަވަހަކަށް އިންތިހާބު ބޭއްވި ނަމަވެސް އިންތިހާބުގެ ސަބަބުން ވީ ގެއްލުމެއް އިޔާދައެއް ނުވާނެ އެވެ. ރޭހުގައި މޮޅުވާ މީހާ ވެސް ދަތުރުފަތުރު ކުރަންޖެހޭ ނަމަ އަދިވެސް އެ ދަތުރުތައް ކުރަން ޖެހޭނެ އެވެ.


"އެސްއެމްއެސް ފޮނުވައިގެން މިކަން ކުރަން ފެށީމަ އެނގޭ މިކަހަލަ މައްސަލަގަނޑެއް ޖެހޭނެކަން،" އެކަކު ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް