މަގުމަތިން ސަރުކާރު ވައްޓާލާން ގޮވާ މީހުން އެ ތިބީ ކުށްވެރިވެފައި: މައުމޫން

މަގުމަތިން ސަރުކާރު ވައްޓާލާނެ ކަމަށް ބުނެ ވާހަކަ ދެއްކުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށާއި އެ ވާހަކަތައް ދެއްކި މީހުން އެތިބީ ކުށްވެރިވެފައި ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ތިން ރަށެއްގެ ކައުންސިލަރުން ޕީޕީއެމްއަށް ސޮއި ކުރުމަށް މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ރަސްމިޔާތެއްގައި ޕީޕީއެމްގެ އިންތިގާލީ ރައީސް، މައުމޫނު ވިދާޅުވީ މަގުމަތިން ވެރިކަން ވައްޓާލުމަކީ ގާނޫނާ ހިލާފްކަމެއް ކަމަށާއި އެ ވާކަތައް ދެއްކުމަކީ ވެސް ކުށެއް ކަމަށާއި އެބަޔަކާ މެދު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.

"އެހެންވީމާ އެ ދައްކަވަނީ ވަރަށް ގޯސް ވާހަކައެއް. ހަގީގަތުގައި އެހާ ހިސާބުން އެ ބޭފުޅުން އެތިބީ ކުށްވެރިވެފައި. ގާނޫނާ ހިލާފަށް ކަމެއް ކުރާނަމޭ ބުނީމާ އެއަށް ފިވަޅު ވެސް އެޅެންވާނެ،" މައުމޫނު ވިދާޅުވި އެވެ.

އެމްޑީޕީ ސަރުކާރު ބަދަލުވުމަށް ފަހު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ބޮޑު ހިއްސާއެއް އޮންނަ ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫނު ވިދާޅުވީ އެއްވެސް ގައުމެއްގެ ވެރިކަން މަގުމަތިން ބަދަލު ކުރުމަކީ ގާނޫނު ހުއްދަކުރާ ކަމެއް ނޫން ކަމަށެވެ.

"[ ސަރުކާރު މަގުމަތިން ވައްޓާލާނެ ކަމަށް ބުނެ] ގާނޫނާ ހިލާފް ވާހަކައެއް އެ ދައްކަވަނީ. ދެއްކެވިގެން ނުވެސް ވާނެ ވާހަކައެއް، ދެއްކެވުން ކުށްވެރި ވެސް ވާނެ ވާހަކައެއް. އަޅުގަނޑުމެން އެންމެންނަކީ ގާނޫނު އަސާސީ އަށް ހުރުމަތްތެރިކޮން ހިތަން ތިބި ބައެއް. އަޅުގަނޑުމެންގެ ގާނޫނު އަސާސީ ބުނާ ގޮތުން ކޮންމެ ދިވެހި ރައްޔިތެއްގެ މައްޗަށް ލާޒިމް ގާނޫނު އަސާސީ ގަބޫލުކުރަން. އެއަށް އިހްތިރާމް ކުރަން. ގާނޫނު އަސާސީއަކު ނޯންނާނެ މަގުމަތިން ސަރުކާރު ބަދަލުކުރާ ވާހަކައެއް،" ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރާއި އަބްދުއްރަހީމް އަބްދުﷲ ބައިވެރިވެޑައިގެންނެވި އެ ރަސްމިޔާތުގައި މައުމޫނު ވިދާޅުވި އެވެ.

އެމްޑީޕީގެ ސަރުކާރު ބަދަލުވެފައި އޮތީ މަގުމަތިން ކަމަށް ބުނެ ވާހަކަ ދައްކަނީ އެކަން އޮޅުވާލައްވަން ކަމަށާއި އެމްޑީޕީގެ ސަރުކާރު ބަދަލުވީ މަގުމަތިން ނޫން ކަމަށް ވެސް މައުމޫނު ވިދާޅުވި އެވެ.

"ހަތެއް ފެބްރުއަރީގައި ވެސް މަގުމަތިން ސަރުކާރު ބަދަކުކުރީކީ ނޫން. އެވެސް ތިޔަ އޮތީ އޮޅިވަޑައިގެންފައި. ނުވަތަ އޮޅުވާލަން އުޅުއްވަނީ. އެ ދުވަހު ވެސް އޭރު ހުންނެވި ރައީސުލްޖުމްހޫރިއްޔާ [މުހައްމަދު ނަޝީދު] އަމިއްލަފުޅަށް އިސްތިއުފާ ދެއްވީ. އެވެނި ތަނަކަށް ގެންގޮސް ބަނދެފައި ހައްޔަރުކޮށްފައި މަޖުބޫރުން ނޫނެއްނޫންތޯ،" މައުމޫނު ވިދާޅުވި އެވެ.

އަދި މައުމޫނު ވަނީ މަގުމަތިން ސަރުކާރު ވައްޓާލަނެ ކަމަށް ބައެއް ފަރާތްތަކުން ދައްކަވާ ވާހަކަތަކަށް ގޮންޖައްސަވައި މަގުމަތިން ސަރުކާރު ނުވެއްޓޭނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

"[ ސަރުކާރު މަގުމަތިން ބަދަލު] ނުކުރެވޭނެ ނޫންތޯ. ކިހިނެތްތޯ ކުރެވޭނީ. އެއްވެސް ކަހަލަ ވަސީލަތެއް ވެސް އެއްވެސް ކަހަލަ ފުރުސަތެއް ވެސް ނޯނާނެ." ހިނިފުޅުވަޑުވަމުން މައުމޫނު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު