ސިއްރު ވޯޓު ދިފާއުކުރައްވައި ގާސިމް ވާހަކަ ދައްކަވައިފި

ރައީސުލްޖުމްހޫރިއްޔާ އާއި ރައީސްގެ ނައިބާއި ވަޒީރުންގެ މައްޗަށް ރައްޔިތުންގެ މަޖިލީހުން ނަގާ އިތުބާރު ނެތް ކަމުގެ ވޯޓްތައް ސިއްރު ކުރުމަށް ފާސްކުރި ފާސްކުރުން ދިފާއު ކުރައްވައި ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވާހަކަދައްކަވައިފި އެވެ.

ގާސިމް ވަނީ ވޯޓުތައް ސިއްރުކުރަން ތާއީދުކޮށް ވޯޓުދެއްވައިފަ އެވެ.

ރޭ ވީޓީވީގެ ފަސް މަންޒަރު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ އިތުބާރު ނެތް ކަމުގެ ވޯޓުތައް ސިއްރުކުރުމަކީ މިހާރުގެ ސިޔާސީ ވެށި ބައްޓަންވެފައިވާ ގޮތުން ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށާއި އެކި ސަބަބުތަކާ ހުރެ ސަރުކާރުގައި ހުންނަވައި ފަރާތަކުން އެފަދަ ވޯޓުތައް ސިއްރުކުރަން އެއްވެސް އިރެއްގައި ތާއީދު ނުކުރާ ކަމަށެވެ. އެންމެ ބޮޑު ސަބަބެއް ކަމުގައި އޭނާ ފާހަގަކުރެއްވީ ވެރިކަމުގައި ހުންނަ ފަރާތްތަކުން ބާރުތައް ނާޖާއިޒު ގޮތުގައި ބޭނުން ކުރުންކަމުގައި ކަމަށެވެ.

"ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށް ވަކާލާތުކޮށް ދެއްވުމަށް ތިއްބަވާ މަންދޫބުންނަށް އެބައިމީހުންގެ ސަލާމަތާއި ރައްކާތެރިކަން ލިބިގެން މި އަންނަނީ އެ ވޯޓް ތައް ސިއްރު ވެގެން. އޭގެ އަސްލަށް ބަލާލާއިރު ގާނޫނެއް ވެސް އޮންނާކަށް. ގާނޫނު އަސާސީ އެއް ވެސް އޮންނާކަށް އަދި ގަވާއިދެއް ވެސް އޮންނާކަށް. އެ ބޭނުންވަނީ ހަގީގަތުގަ ތިމާމެން ބޭނުންވާ ގޮތަށް ކަންތައްތައް ހިންގުމުގެ ބާރުވެރިކަން ތިމާމެންގެ އތްމަޗަށް ލިބިގެން އަންނަނީ އެހެން. އެ ބޭފުޅޫން ބޭނުން ވަނީ އެބާރުވެރި ކަމުގަ އަބަދަށް ދެމި ތިބެން،" ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވޯޓް ސިއްރު ކުރުމާއި ނުކުރުމުގައި ފޮރުވިފައިވާ ވަރަށް ބޮޑެތި ކަންތައް ތަކެއް އުކުލެވިގެންވާ ކަމަށެވެ. އެގޮތުން ވޯޓް ސިއްރު ނުކޮށް އިސްމަގާމެއްގައި ހުންނަވާ ބޭފުޅެއްގެ އިތުބާރު ނެތްކަމަށް ވޯޓް ނަގައި އެ ވޯޓް ފާސް ނުވެއްޖެ ނަމަ އިތުބާރު ނެތްކަމަށް ވޯޓް ދެއްވި މެންބަރުންނަށް ތަފާތު އެކި ދުއްތުރާތަކާއި ކުރިމަތިލާން ޖެހޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ވިދާޅުވީ އޭގެ ސަބަބުން ސަރުކާރު ޒިންމާދާރު ކުރުވުމަށް މެންބަރުން ކުރާ މަސައްކަތްތަކަށް ވަރަށް ބޮޑެތި ހުރަސް ތަކެއް އެޅިގެންދާނެ ކަމަށެވެ. ސަބަބަކީ މެންބަރުން ބިރުވެރި ކަމެއްގެ ތެރޭގައި ތިބެގެން މަސައްކަތް ކުރަން ޖެހުންކަމަށް އޭނާ ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ގާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މެދުގައި ނަގާ ހުރިހާ ވޯޓް ތަކެއް ވެސް ނަގަނީ ސިއްރު ވޯޓެއްގެ ގޮތުގައި ކަމަށާއި އެހެން ކަމުން ސަރުކާރާއި ދައުލަތުގެ އިސްވެރިންގެ މައްޗަށް މަޖިލީހުގައި ނަގާ އިތުބާރުގެ ވޯޓް ތައް ވެސް ނަގަން ޖެހޭނީ ސިއްރުން ކަމަށެވެ. އަދި ދުނިޔޭގެ އެހެން ގައުމު ތަކުގައި ވެސް އަމަލު ކުރަމުން އަންނަނީ އެ އުސޫލަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ފެހި ގާނޫއަސާސީގަވެސް ބުނާ ގޮތުން ރައްޔިތުންގެ މެދުގައި ނަގާ ހުރިހައި ވޯޓް ތަކެއް ނަގަން ޖެހޭނީ ސިއްރުން. އެއީ ކައުންސިލަރުން ކަމަށް ވިޔަސް، މަޖިލިސް މެންބަރުން ކަމަށް ވިޔަސް އަދި އެއް ވެސް ސަބަބަކާ ހުރެ ނަގަން ޖެހޭ ރެފެރެންޑަމް ވޯޓެއް ކަމަށް ވިޔަސް ނަގަން ޖެހޭނީ ސިރުން،" ގާސިމް ވިދާޅުވި އެވެ.

ވޯޓުތައް ސިއްރުކުރަން ތާއީދުކުރުމުން ގާސިމަށް ރައްދުވައި ބައެއް ފާޑުކިއުންތަކަށް ރައްދުދެއްވާ ގާސިމް ވިދާޅުވީ ވޯޓް ސިއްރުކުރަން އޭނާ ތާއިދު ކުރާ ހަމައެކަނި ސަބަބަކީ މަންބަރުންނަށް ބިރު ދެއްކުމުގެ ކަންތައްތައް ސަރުކާރުން ކުރިއަށް ގެންދާތީ ކަމަށެވެ. އަދި ވޯޓް ސިއްރު ކުރުމުގެ ސަބަބުން އެމްޑީޕީއަށް ފައިދާ ތަކެއް ލިބިދާނެ ކަމަށް ދެކެވެމުންދާ ވާހަކަތަކަށް ރައްދު ދެއްވައި ގާސިމް ވިދާޅުވީ އެކަމުގެ ސަބަބުން އެމްޑީޕީއަށް ލިބޭނެ އެއް ވެސް ފައިދާއެއް ނޯންނާނެ ކަމަށާއި އެގޮތަށް އެ ވާހަކަތައް ދައްކަނީ މިހާރުގެ ސިޔާސީ މަސްރަހު އޮތް ގޮތުން ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު