ޕާޓީގެ ތެރޭގައި އާއިލީ ނުފޫޒު ފަތުރައްވަން މަސައްކަތް ނުކުރައްވާ ކަމަށް ދުންޔާ މައުމޫން ވިދާޅުވެއްޖެ

ކައުންސިލް މެންބަރެއްގެ ހައިސިއްޔަތުން، ޕާޓީގެ ކަންކަމުގައި ދޭން ޖެހޭ ހިޔާލާއި މަޝްވަރާ ދިނުމުގެ އިތުރުން، ވަކި ބަޔަކަށް ތާއީދުކޮށް ޕާޓީތެރޭގައި އާއިލާގެ ނުފޫޒު ފެތުރުމަށް މަސައްކަތް ނުކުރައްވާކަމަށް ޑީއާރުޕީގެ އަންހެން ގޮފީގެ ރައީސާ ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.


ޑީއާރުޕީގެ ލީޑަރު ތަސްމީން އަލީ އާއި ނާއިބު ލީޑަރުން ކަމަށްވާ އުމަރު ނަސީރާއި އިލްހާމް އަހުމަދުގެ މެމެދުގައި، ހިޔާލުތަފާތުވުންތައް އުފެދި މައްސަލަ ގޯސްވެފައިވާ މި ދަނޑިވަޅުގައި، ޕާޓީގެ ޒައީމް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބުދުލްގައްޔޫމުގެ އާއިލާ އިން، ވަކި ބަޔަކަށް ތާއީދުކޮށް ޕާޓީއަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފެތުރެމުންދާ ވާހަކަތަކާ ގުޅިގެން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޑީއާރުޕީ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ، ރައީސް މައުމޫނުގެ ދެ ބޭފުޅުންގެ ތެރެއިން، ދުންޔާ މައުމޫނު ވިދާޅުވީ، ޒަޢީމު މައުމޫނު ބޭނުންފުޅުވަނީ، ޕާޓީގެ އެކުވެރިކަމާއި އެއްބައިވަންތަކަން ވަރުގަދަ ކުރެއްވުން ކަމަށެވެ. އަދި އާއިލާގެ ބޭފުޅުން ވެސް ބޭނުންވަނީ އެގޮތް ކަމަށް ދުންޔާ ވިދާޅުވި އެވެ.


ދުންޔާ އަދި ވިދާޅުވީ، ޕާޓީ ތެރޭގައި އުފެދިފައިވާ ދެބަސްވުމުގެ ސަބަބުން މިއީ ޕާޓީއަށް ދިމާވެފައިވާ ދަތި ދުވަސްކޮޅެއްކަމަށެވެ. އަދި ހިޔާލު ތަފާތުވުމަކީ އޮންނާނެކަމެއް ކަމަށާއި، މިފަދަ ދަނޑިވަޅެއްގައި، ޕާޓީގެ މަސްލަހަތު ކުރިއަށް ނެރެ އެއްބައިވަންތަކަމާ އެކު މަސައްކަތްކުރުމަކީ މުހިއްމުކަމެއް ކަމަށާއި އެގޮތުގައި މަސައްކަތްކޮށްދެއްވާނެ ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ. އަދި އެގޮތުގައި މަސައްކަތްކޮށް  މައްސަލަ ހައްލު ކުރެއްވިއްޖެ ނަމަ ޑިމޮކްރަސީ ވަރުގަދަވެގެންދާނެ ކަމަށް ވިދާޅުވެ އެގޮތުގައި މަސައްކަތް ކުރުމަށް ހުރިހާ މެންބަރުންނަށް ގޮވައިލެއްވި އެވެ. އަދި އޭނާ އާއި ކޮއްކޮ ގައްސާން މައުމޫނު ވެސް ކައުންސިލްގައި މަސައްކަތް ކުރައްވަނީ، އެހެން ކައުންސިލް މެންބަރުންނެކޭ އެއްފަދައިން ޕާޓީގެ މަސްލަހަތާއި ޕާޓީގެ މެންބަރުން އެދޭގޮތަށް ޕާޓީ ކުރިއަށް ގެންދިއުމަށް ކަމަށާއި އެހެން ގޮތްގޮތުން ޕާޓީއަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރައްވަމުން ނުގެންދަވާ ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.


އިއްޔެ ބޭއްވި ޑީއާރުޕީގެ ކައުންސިލް ބައްދަލުވުމުގައި ހިޔާލު ތަފާތުވުން ބޮޑުވެ އުމަރު ނަސީރުގެ މައްސަލަ ޑިސިޕްލިނަރީ ކޮމިޓީއަށް ފޮނުވުމަ ނެގި ވޯޓުގައި، ވެސް ދުންޔާ މައުމޫނާއި ޣައްސާން މައުމޫނު ވޯޓު ދެއްވާފައި ވަނީ، އުމަރުނަސީރާ އެއްކޮޅަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު