އަންނަ އަހަރު ހުރިހާ ސްކޫލްތަކެއްގައި ދެ ޖިންސަށް އެއްކޮށް ކިޔަވައިދިނުމަށް ހަމަޖައްސައިފި

ރާއްޖޭގެ ހުރިހާ ސެކަންޑަރީ ސްކޫލްތަކެއްގައި އަންނަ އަހަރު ދެ ޖިންސުގެ ކުދިންނަށް އެކުގައި ކިޔަވައިދޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސައިފި އެވެ.


އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރު ޝާކިރު މުހައްމަދު މިއަދު ވިދާޅުވީ، ސަރުކާރުގެ "ވަށައި ޖެހޭ" ތައުލީމީ ސިޔާސަތުގެ ދަށުން އަންނަ އަހަރުގެ ދިރާސީ އަހަރު ފެށޭއިރު، ހުރިހާ ސެކަންޑަރީ ސްކޫލުތަކެއްގައި އަންހެން އަދި ފިރިހެން ޖިންސުގެ ދަރިވަރުންނަށް އެކުގައި ކިޔައިދޭ ގޮތަށް ނުވަތަ "ކޯ އެޑިއުކޭޝަން" ސިސްޓަމެއް ގާއިމްކުރުމަށް ނިންމައި އެކަމާ ގުޅޭ މަޝްވަރާތައް ކުރިއަށް އެބަދާ ކަމަށެވެ.


ޝާކިރު ވިދާޅުވީ، އަތޮޅުތަކުގެ ތެރޭގަ އާއި އަދި މާލޭގައި ހުރި ބައެއް ޕްރައިވެޓް ސްކޫލްތަކުގައި ވެސް، ދެ ޖިންސުގެ ކުދިންނަށް އެކީގައި ކިޔަވައިދޭ ކަމަށާއި އެ ސްކޫލްތަކުން ފެންނަން ހުރި ނަތީޖާ ވަރަށް ސާފު ކަމަށެވެ. އެހެންކަމުން، މިހާރު އަންހެން ފިރިހެން ދަރިވަރުންނަށް ވަކިން ކިޔަވައިދެމުންދާ ސެކަންޑަރީ ސްކޫލުތައް ކޯ އެޑިއުކޭޝަން ސްކޫލުތަކަށް ބަދަލުކުރުމުން ގިނަ ފައިދާތަކެއް ކުރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


ފުރާވަރުގެ ކުދިންނަށް އެއް ސްކޫލެއްގައި ކިޔަވައިދިނުމާ ގުޅޭ ގޮތުން ބައެއް ފަރާތްތަކުން، ޚާއްސަކޮށް ދީނީ ބޭފުޅުންގެ ޚިޔާލުތަފާތުވާ މައްސަލައިގައި މިނިސްޓްރީން ކަންތައް ކުރާނީ ކިހިނެތްތޯ ދެންނެވުމުން ޝާކިރު ވިދާޅުވީ، ޑިމޮކްރެސީއެއްގައި ޚިޔާލު ތަފާތުވުމަކީ އޮންނަ ކަމެއް ކަމަށެވެ. އަދި މިނިސްޓްރީން އެ ޚިޔާލުތަކަށް މަރުހަބާ ކިޔާ ނަމަވެސް، ކަންތައް ކުރިއަށްގެންދާނީ "މެޖޯރިޓީ" ލިބޭ ގޮތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.


"އަޅުގަނޑުމެން ކަންތައް ކުރިއަށްގެންދާނީ މެޖޯރިޓީ ލިބޭ ގޮތަކަށް. އަޅުގަނޑުމެން ސްކޫލް ބޯޑުތަކުގައި ވެސް ތިޔަކަމާ (ކޯ އެޑިއުކޭޝަން) ގުޅޭ ގޮތުން މަޝްވަރާ ކުރަމުން މިދަނީ. އަޅުގަނޑުމެންނަށް ތިޔަކަމާ އިދިކޮޅު ފަރާތްތަކެއް ނެތް ފާހަގަކުރެވިފައި" ޝާކިރު ވިދާޅުވި އެވެ.


ޝާކިރު އިތުރަށް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތު ތަންފީޒުނުކޮށް ނުދާނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ދިރާސީ އަހަރު ފަށާ އިރު އެޑިއުކޭޝަން މިނިސްޓްރީން މަސައްކަތްކުރަމުންދަނީ ސެކަންޑަރީ ސްކޫލްތައް ކޯ އެޑިއުކޭޝަން ސްކޫލްތަކަށް ބަދަލުކުރުމުގެ އިތުރަށް، އެ ސްކޫލްތަކުގައި ޕްރައިމަރީ ގްރޭޑްތައް ވެސް ހިމަނައިގެން ކިޔައިދޭ ގޮތަށް ހަމަޖެއްސުމަށް ކަމަށެވެ. އަދި ޕްރައިމަރީ ސްކޫލްތަކުގައި ގްރޭޑް 8 އުފައްދާނެ ކަމަށް ވެސް ވިދާޅުވި އެވެ.


މިފަދަ ބޮޑު ބަދަލުތަކަކަށްދާ އިރު، އެކަށީގެންވާ ވަގުތާއި ރިސޯސަސް އެބަހުރިތޯ ދެންނެވުމުން ޝާކިރު ވިދާޅުވީ، އެ ބަދަލުގެ ސަބަބުން ސްކޫލްތަކުގެ ދަރިވަރުންގެ އަދަދަށް ބަދަލެއް ނާންނާނެ ކަމަށެވެ. ޝާކިރު ވިދާޅުވި ގޮތުގައި، "ހަމައެކަނި ޖެހޭނީ އެކި ލެވެލްތަކުގައި ހުރި ޓީޗަރުން ޓްރާންސްފާކޮށް، ގްރޭޑް 8 އުފައްދާ ސްކޫލްތަކުގައި ލެބޯރެޓްރީ އުފައްދައި ކެމިކަލް ހޯދުމެވެ."


އޭނާ އަދި ވިދާޅުވީ، 2011 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށެން މިހާރު ތިން މަހެއްހާ ދުވަހުގެ މުއްދަތަށްވެފައިވާ އިރު، އެ އެ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމާލުމަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި މި މަސައްކަތް ކުރުމަށް އެއްވެސް "އުނދަގުލެއް ނެތް" ކަމަށްވެސް ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު