އުމަރު ނަސީރުގެ މައްސަލަ ޑީއާރުޕީ ކައުންސިލުން ބަލަން ނިންމައިފި

ރައީސް ނަޝީދުގެ ސަރުކާރު ޒިންމާދާރު ކުރުމުގެ ނަމުގައި ޑީއާރުޕީގެ  ދެ ނައިބު ލީޑަރަކު އިސްވެ ތިއްބަވައިގެން މުޒާހަރާއެއް ރޭވީތީ އުމަރު ނަސީރުގެ މައްސަލަ ބެލުމަށް ޑީއާރު ކައުންސިލުން ނިންމައިފި އެވެ.


މިއަދު އެ ޕާޓީ އޮފީހުގައި ބޭއްވި ކައުންސިލް ޖަލްސާގައި އުމަރުގެ މައްސަލަ ޑިސިޕްލަނަރީ ކޮމެޓީން ބެލުމަށް ނިންމި އިރު "ގަންނާނެބާ ސަރުކާރު"ގެ މުޒާހަރާ ރޭވުމުގައި އޭނާ އާ އެއްކޮށް އެންމެ އިސް ދައުރެއް އަދާކުރެއްވި އަނެއް ނާއިބު ލީޑަރު އަދި ގެމަނުފުށީ ދާއިރާގެ މެންބަރު އިލްހާމު އަހުމަދުގެ މައްސަލަ ބެލުމަކަށް ކޮމެޓީ އަކުން ފާހެއް ނުވި އެވެ.


އުމަރުގެ މައްސަލަ ކޮމެޓީން ބަލަން ނިންމީ ޑީއާރުޕީގެ ރަސްމީ ލެޓަހެޑްގައި މުޒާހަރާއެއް އޮންނާނެ ކަމަށް ބުނެ ނޫސްބަޔާނެއް ނެރެފައިވާތީ އެވެ. އުމަރާއި އިލްހާމް އެ ނޫސްބަޔާން ނެރުއްވީ އެ ދެ ބޭފުޅުން އިސްވެ ތިއްބަވައި މުޒާހަރާއެއް ބާއްވާނެ ކަމަށް އެސްއެމްއެސްތަކެއް ފެތުރެން ފެށުމުން އެއީ ޑީއާރުޕީގެ މުޒާހަރާއެއް ނޫން ކަމަށް ބުނެ ޑީއާރުޕީގެ ރަސްމީ ލެޓާހެޑްގައި ނޫސްބަޔާނެއް ނެރުމާ ގުޅިގެންނެވެ.


މިއަދުގެ ކައުންސިލް ބައްދަލުވުމުގައި އެ ޕާޓީގެ މުޒާހަރާއެއް ހޮނިހިރު ދުވަހުގެ ރޭ ބޭއްވުމަށް ވެސް ނިންމި އެވެ. އަދި ޑީއާރުޕީގެ ލީޑަރު ތަސްމީނު އަލީގެ އިތުބާރު އޮތްތޯ ބެލުމަށް ވެސް ވޯޓެއް ނެގި އެވެ. ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދުގެ މި ހުށަހެޅުއްވުމުން ނިމުނީ ތަސްމީނުގެ އިތުބާރު އޮތް ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު