އުނގޫފާރު ދާއިރާގެ ފޯރިގަދަ ކެމްޕޭން ހައެއް ޖެހުމާއެކު ނިންމާލައިފި

ރ. އުނގޫފާރުން: މުރުޝިދު އަބްދުލްހަކީމް

މާދަމާ އޮންނަ އުނގޫފާރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީ އާއި ޕީޕީއެމް ކެންޑިޑޭޓަށް ތާއިދު ހޯދުމަށް ކުރިއަށް ގެންދިޔަ ފޯރިގަދަ ކެމްޕޭން ހަރަކާތްތައް ދެ ޕާޓީން ވަކި ވަކީން ބޭއްވި ހިނގާލުމަކަށް ފަހު ނިންމާލައިފި އެވެ.

މިއަދު އިރުއޮއްސި 6:00 ޖެހުމާ އެކު އުނގޫފާރު ދާއިރާގެ ކެމްޕޭން ހަރަކާތްތައް ހުޓާލުމުގެ ގޮތުން މި ދާއިރާގައި ހިމެނޭ އުނގޫފާރާއި ހުޅުދުއްފާރާއި މާކުރަތުގައި އެމްޑީޕީ އާއި ޕީޕީއެމް އިން ވަނީ ރަށުގެ އެކި މަގުތަކުގައި ހިންގާލުމެއް ބާއްވާފަ އެވެ.

އެމްޑީޕީގެ ކެންޑިޑޭޓް ޑރ. އަހްމަދު އަޝްރަފަށް ތާއިދު ހޯދުމަށް އެމްޑީޕީން ހިންގި ކެމްޕޭނުގެ އެންމެ ފަހު ހަރަކާތެއްގެ ގޮތުން ބޭއްވި ހިނގާލުމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ބައެއް މެންބަރުން ބައިވެރިވެފައިވެޑައިގެންނެވި އެވެ.

ހަމަ އެގޮތަށް ޕީޕީއެމުން ވެސް އެ ޕާޓީގެ ކެންޑިޑޭޓު އިބްރާހިމް އަމީނަށް ތާއިދު ހޯދުމަށް ކުރިއަށް ގެންދިޔަ ހަރާކަތްތައް ނިންމާލުމަށް ބޭއްވި ހިނގާލުމުގައި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

މީގެ އިތުރުން ދެ ޕާޓީން ވެސް ރޭގައި ވަނީ ކެމްޕޭންގެ އެންމެ ފަހު ޖަލްސާ މި ރަށުގައި ބާއްވާފަ އެވެ.

އުނގޫފާރު ދާއިރާގެ ގޮނޑި ފުރުއްވަމުންގެންދެވި ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލުމާ ގުޅިގެން އެ ދާއިރާގެ ބާއްވާ ބައި އިލެކްޝަނުގައި ވާދަކުރަނީ އެމްޑީޕީ އާއި ޕީޕީއެމްގެ އިތުރުން އަމިއްލަ ކެންޑިޑޭޓެކެވެ.

މާދަމާ އޮންނަ އެ އިންތިހާބުގައި ޖުމްލަ 2676 މީހުނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.
ބައި- އިލެކްޝަންގެ ވޯޓުލުން މާދަމާ އޮންނާނީ ހެނދުނު 8:00 އިން ހަވީރު 4:00 ޖަހާއިރަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު