ތުރުކީގައި ސްކޫލް ޔުނިފޯމް މަޖުބޫރުކުރުން ދޫކޮށްލައިފި

ތުރުކީގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުން ވަކި ޔުނިފޯމެއް އެޅުން މަޖުބޫރު ނުކުރުމަށް އެގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

ތުރުކީގެ އެޑިއުކޭޝަން މިނިސްޓްރީން މިމަހުގެ 27 ވަނަ ދުވަހު އިއުލާންކޮށްފައި ވަނީ އަންނަ އަހަރުން ފެށިގެން ސްކޫލްތަކުގެ ދަރިވަރުން ވަކިޔުނިފޯމެއް އަޅަން މަޖުބޫރު ނުކުރުމަށާއި ދީނީ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފައި އޮތް އޮތުން އުވާލާފައިވާ ކަމަށެވެ.

އަންނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް އަމަލުކުރާ ގޮތަށް އެކުލަވާލި އާ ގަވައިދުގެ ދަށުން ގައި އިނގޭ ވަރުގެ ތުނި ހެދުމާއި ގަޔަށް ބާރު ހެދުން އަދި ސިޔާސީ ނިޝާންތައް ޖަހާފައިވާ ހެދުންތައް ލުން ވަނީ މަނާކޮށްފަ އެވެ.

ތުރުކީގެ އެޑިއުކޭޝަން މިނިސްޓްރީގެ މި ނިންމުމާ ގުޅިގެން އެގައުމުގެ ބައެއް ޔޫނިއަންތަކާއި އިދިކޮޅު ޕާޓީތަކުގެ ފާޑުކިއުންތައް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. ފާޑުކިޔާ ފަރާތްތަކުން ބުނަނީ ބޮޑުވަޒީރު ރަޖަބް ތޮއްޔިބު އަރުދުޣާންގެ ސަރުކާރުން އެގައުމު ދީނީ ކުރަން މަސައްކަތްކުރަމުންދާ ކަމަށެވެ.

ތައުލީމީ ދާއިރާ އަށް ގެނައި މި ބަދަލު ދިފާއުކުރައްވައި ވާހަކަފުޅު ދައްކަވަމުން އަރުދުޣާން ވިދާޅުވެފައި ވަނީ "އެ ފިޔަވަޅުތައް އަޅާފައި އެވަނީ ގައުމު އެކަމަށް އެދޭތީ" ކަމަށެވެ.

"އެމީހުން [ބެލެނިވެރިން] އެ މީހުންނަށް އަތްފޯރާ އަދި އެމީހުން އެދޭ ހެދުމެއް ދަރިން ލެއްޔަދީ، މިފިޔަވަޅުތައް އަޅާފައި މިވަނީ ގައުމު އެކަމަށް އެދޭތީ،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަރުދުޣާން ވިދާޅުވި ކަމަށް ތުރުކީގެ ހުއްރިއްޔަތު ޑެއިލީ ނޫހުން ބުންޏެވެ.

ތުރކީގެ ތާރީހީ އަދި ވިޔަފާރީގެ މަރުކަޒީރަށް އިސްތަންބޫލްގައި ބޮޑު ދެ މިސްކިތެއް ބިނާކުރުމަށް ރަޖަބު ތޮއްޔިބު އަރުދުޣާން ނިންމަވާފައިވާ ނިންމުމަށް ވެސް ސެކިއުލާ ހިޔާލުގެ ޕާޓީތަކުން ވަނީ ނުރުހުން ފާޅުކޮށް ފާޑުކިޔައިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު