ފިނޭންސް މިނިސްޓަރުގެ މައްޗަށް މައުމޫނު އަބުރުގެ ދައުވާއެއް ކުރައްވައިފި

އަބުރުގެ ބަދަލު ހޯއްދެވުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބްދުލްގައްޔޫމު، މިހާރުގެ ފިނޭންސް މިނިސްޓަރު އަލީ ހާޝިމްގެ މައްޗަށް އަބުރުގެ ދައުވާއެއް ކުރައްވައިފި އެވެ.


މައުމޫނު ކުރައްވާފައިވާ ދައުވާގައި ބުނަނީ މައުމޫނު، ދިވެހި ސަރުކާރުގެ ފައިސާ އަށް ހިޔާނާތްވެފައިވާ ކަމަށް އެމެރިކާގެ "ނިއުޔޯކް ޓައިމް" އަށާއި ރާއްޖޭގައި ނުކުންނަ މިއަދު ނޫހަށް ފިނޭންސް މިނިސްޓަރު ދޮގު މައުލޫމާތު ދެއްވާފައިވާ ކަމަށާއި އެކަމުގެ ސަބަބުން އެ މަނިކުފާނުގެ އަބުރާއި އިއްޒަތަށް ގެއްލުން ލިބިފައިވާ ކަމަށެވެ.


އަދި މައުމޫނުގެ ވަކީލު މުހަންމަދު ވަހީދު ހުށަހެޅުއްވި ދައުވާގައި ބުނަނީ މައުމޫނަކީ 30 އަހަރު ވަންދެން ރާއްޖޭގައި ވެރިކަން ކުރައްވާފައިވާ ދިވެހި ރައްޔިތުންގެ އިހުތިރާމާއި ލޯބި ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށާއި އެމަނިކުފާނު ދައުލަތުގެ އެންމެ އިސްވެރިޔާގެ މަގާމުން ވަކިވެވަޑައިގަތުމަށް ފަހު ވެސް އެމަނިކުފާނަކީ ގާނޫނުން ލިބިދޭ ހިމާޔަތާއި ރައްކާތެރި ކަމުގައި ހުންނެވި ބޭފުޅެއް ކަމަށެވެ. 


އެމަނިކުފާނު ދިވެހި ދައުލަތުގެ ފައިސާ އަށް ހިޔަނާތްތެރިވެފައި ނުވާ އިރު އެފަދަ މައުލޫމާތުތަކެއް ފިނޭންސް މިނިސްޓަރު އަލީ ހާޝިމު ދެއްވުމުން އެމަނިކުފާނުގެ އަބުރާއި އިތްޒަތަށް އުނިކަން ލިބުމުގެ އިތުރުން އެމަނިކުފަނާއި "މައުމޫނު ފައުންޑޭޝަން" އިން ރާއްޖެ އާއި ރާއްޖޭން ބޭރުގައި ކުރާ މަސައްކަތުގައި ހުރަސްތައް ދިމާވެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ.


މިދައުވާ ކޮށްފައި ވަނީ އަބުރުގެ ގެއްލުމުގެ ބަދަލާއި މައުނަވީ ގެއްލުމުގެ ބަދަލު ހޯދުމަށެވެ. މި ދައުވާގައި ފައިސާގެ މިންވަރެއް ހިމަނާފައެއް ނުވެ އެވެ.


މި ދައުވާގެ ޝަރީތަތެއް މިއަދު ވަނީ މަދަނީ ކޯޓުގައި ބާއްވައިފަ އެވެ. މި ޝަރީއަތުގައި ފިނޭންސް މިނިސްޓަރު އަލީ ހާޝިމްގެ ވަކީލު ވިދާޅުވީ ދައުވާގައި ބުނާ، އާޓިކަލްގައި މައުމޫނޭ ބުނެފައި ނުވާނެ ކަމަށާއި މި ދައުވާ އަށް ޖަވާބުދާރީ ވުމަށް ވަގުތު ބޭނުން ކަމަށެވެ.


މި މައްސަލައިގައި މީގެ ކުރިން ވެސް ވަނީ ޝަރީއަތުގެ މަޖިލީހެއް ބާއްވައިފަ އެވެ. އެ މަޖިލީހުގައި ވެސް އަލީހާޝިމްގެ ފަރާތުން ވަނީ ދައުވާ އަށް ޖަވާބުދާރީ ވުމަށް ވަގުތު ހޯއްދަވައިފަ އެވެ. އަލީ ހާޝިމްގެ ވަކީލު ވިދާޅުވީ ލަސްވަނީ ފޮރިން މިނިސްޓްރީން ލިބެން ޖެހޭ ޑޮކިއުމެންޓެއް ނުލިބިގެން ކަމަށެވެ. ގާޒީ ވިދާޅުވީ ދެން އަންނަ މަޖިލީހެއްގައި އަލީ ހާޝިމުގެ ފަރާތުން ޖަވާބުދާރީ ވާން ޖެހޭނެ ކަމަށާއި ނޫން ނަމަ ޖަވާބުދާރީ ކުރުވާނެ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު