އިންސާނުންގެ ހަށިގަނޑުން ކަރަންޓް އުފައްދަނީ!

އިއާދަކުރަނިވި ހަކަތައިގެ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. ނަމަވެސް އަހަރެމެން އިންސާނުންގެ ހަށިތަކުން ކަރަންޓް އުފައްދާ ވާހަކަ ދައްކާ ނަމަ ހީވާނީ ސައިންސް ފިކްޝަން ފިލްމެއްގެ ވާހަކައެއް ހެންނެވެ.

ނަމަވެސް ހަމަ ހަގީގަތުގައި ވެސް އެފަދަ ގޮތެއް ވޭތޯ ސައިންސްވެރިން މިހާރު ވަނީ މަސައްކަތް ފަށައިފަ އެވެ. އެގޮތުން އިންސާނުންގެ ހަށިގަނޑުގައިވާ ހޫނާއި ހަރަކާތާއި މެޓަބޯލިޒަމްއާއި ވައިބްރޭޝަންތަކުން އުފެދޭ މަދު ހަކަތަކޮޅު ބޭނުންކޮށްގެން ކަރަންޓް އުފެއްދިދާނެ ކަމަށް އެމެރިކާގެ ސައިންޓިސްޓުން މިހާރު ވަނީ ބުނެފަ އެވެ.

އިންސާނުންގެ ހަށިތަކުން ކަރަންޓް އުފެއްދިދާނެ އެއް ޓެކްނޮލޮޖީއަކީ "ޕައިޒޯއިލެކްޓްރިސިޓީ" އެވެ. އެއީ އެއްޗެއްގައި އުފެދޭ ޕްރެޝަރުން ކަރަންޓް އުފެއްދުމެވެ. ޕައިޒިއޯ އިލެކްޓްރިކް މާއްދާއެއް ނަމަ އޭގެ ބައްޓަމަށް ބަދަލު އަންނަ ވަރަށް ފިއްތާލުމުން މަދު މިންވަރެއްގެ ކަރަންޓް އުފެދޭނެ އެވެ.

އެމެރިކާގެ މިޗިގަން ޔުނިވަސިޓީގެ ސައިންޓިސްޓް ޑރ. އަމީން ކަރަމީ ވަނީ ހިތް މަސްނޫއީ ގޮތުން ހިތް ހިންގުމަށް ބޭނުންކުރާ ޕޭސްމޭކާ އެއް ހިންގޭ ވަރަށް ހަށިގަނޑުން ހަކަތަ އުފެއްދިދާނެ ކަމަށް ވިދާޅުވެފަ އެވެ.
ޕޭސްމޭކާއެއް ހިންގުމަށް ބޭނުންވަނީ ވަރަށް މަދު މިންވަރެއްގެ ކަރަންޓް ކޮޅެކެވެ. އެއީ ވޯލްޓެއްގެ އެއް މިލިޔަން ބައިކުޅަ އެއްބަ އެވެ. ނަމަވެސް އާއްމުކޮށް ބޭނުންކުރާ ޕޭސްމޭކާ ތަކުގެ ބެޓްރީތަކުން މަދު އަހަރުތަކެއްގެ ތެރޭގައި ޗާޖް ހުސްވެ އެވެ.

ލޮސްއެންޖަލިސްގައި އެމެރިކަން ހާޓް އެސޯސިއޭޝަންގެ މެމްބަރުންނާ މުހާތަބުކުރައްވައި ވާހަކަ ދައްކަވަމުން ޑރ. އަމީނު ވިދާޅުވި ކަމަށް ބިސްނަސް އިންސައިޑާ މައްލާގައި ވަނީ ހިތުގެ ހިނގުމުން ކަރަންޓް ނަގާ ޕޭސްމޭކާއެއް އުފެއްދުމުން އުމުރު ދުވަހު ވެސް އެ ޕޭސްމޭކާ މަސައްކަތް ކުރާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
އޭނާ ވިދާޅުވާ ގޮތުގައި އިންޗިއެއްގެ 100 ބައިކުޅައެއްބައިގެ ބޯމިން ހުރި ޕައިޒިއޯ އިލެކްޓްރިކް މުށިކޮޅަކުން ، ޗެސްޓް ކެވިޓީގައި އުފެދޭ ވައިބްރޭޝަން ބޭނުންކޮށްގެން ޕޭސްމޭކާއެއް ހިންގަން ބޭނުންވާ ކަރަންޓަށް ވުރެ 10 ގުނަ އިތުރު ކަރަންޓް އުފެއްދިދާނެ އެވެ.

މިޓެކްނޮލޮޖީއަކީ ހަށިގަނޑުން ބޭރުގައި ވެސް ބޭނުންކުރެވިދާނެ ޓެކްނޮޖީއެކެވެ. ނާނޯ ޓެކްނޮލޮޖީ ރިސާޗަރުން މިހާރު މަސައްކަތްކުރަމުން ދަނީ މިޓެކްނޮޖީ ބޭނުންކޮށްގެން ކަރަންޓް އުފައްދާ ގަމީހެއް ތައްޔާރުކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެގަމީހުގެ ފޮތިވިޔާނީ ޒިންކް އޮކްސައިޑާއި ރަނުގެ ފަށަލައެއް ލާފައިވާ ހިމަރޮދިފައްތަކެއް އެކުލެވޭ ގޮތަށެވެ. ޖޯޖިއާގެ އިންސްޓްޓިއުޓް އޮފް ޓެކްނޮލޮޖީގެ ޕްރޮފެސަރު ޒޮން ލިން ވާން ވިދާޅުވަނީ އެފަދަ ގަމީހެއް އުފެއްދިދާނެ ކަމަށެވެ.

އިނގިރޭސިވިލާތުގެ ނިއުކާސުލް ޔުނިވަސިޓީގެ ރިސާޗަރު ޑރ. މިޝޭލް ޕޯޒީ ވަނީ ޕައިޒިއޯ އިލެކްޓްރިސިޓީ ޓެކްނޮލޮޖީ ބޭނުންކޮށްގެން، ސެޓެލައިޓް ނެވިގޭޝަން ޑިވައިސްއަކަށް މީހުންގެ ކަކުލުހުޅުން ކަރަންޓް ނެގޭނެ ގޮތެއް ހޯއްދަވާފަ އެވެ.

އިނގިރޭސިވިލާތުގެ ބްރިސްޓަލް ޔުނިވަސިޓީގެ ސްޓީވް ބަރޯސް ވަނީ މިޓެކްނޮޖީ އަދި އިތުރަށް ތަރައްގީކުރައްވާފަ އެވެ. އެގޮތުން މީހުންގެ ހިނގުމުގައި ފައިން ކުރާ ހަރަކާތް މެދެވެރިކޮށް، ކޮންމެ ފަޔަކަށް ވޯޓެއްގެ ރޭޓުން ކަރަންޓް އުފެއްދޭނެގޮތް ހޯދާފަ އެވެ. އެކަމަށް ބޭނުންކުރާނެ އާލާތެއް ޔުނިވަސިޓީ އޮފް ވިސްކޮންސިންގެ ޕްރޮފެސަރު ޓޮމް ކްރޫޕެންކިން ވަނީ އުފައްދައިފަ އެވެ.

އާއްމުކޮށް ބޭނުންކުރާ ތަކެތިކަމަށްވާ ސްމާޓްފޯނާއި ޓެބްލެޓް ފަދަ ތަކެއްޗަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ވެސް މިއިން ކަރަންޓް އުފެއްދޭނެ" އޭނާ ވިދާޅުވެފައިވެ އެވެ. އޭނާ ވިދާޅުވެފައި ވަނީ ކުރިއަށް އޮތް އަހަރެއް ނުވަތަ ދެއަހަރު ދުވަހުގެ ތެރޭގައި އެއުފެއްދުން ބާޒާރަށް ނެރެވޭ ވަރު ވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު