ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް އައި ބަދަލާ ގުޅިގެން ޤާނޫނު އަސާސީގެ 241 ވަނަ މާއްދާގައި ބަޔާންކުރާ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ އަލުން އެކުލަވާލުމަށް ފަހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މޭޒުކޮޅުން މަޖިލީހުގެ ތަޅުމަށް ހުށަހެޅި އެ ހުށަހެޅުން ފާސްކޮށްފައި ވަނީ ޖަލްސާގައި ތިއްބެވި 53 މެންބަރުންގެ ތެރެއިން 49 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. އެގޮތަށް ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް އެއް މެންބަރަކު ވޯޓު ދެއްވާފައިވާ އިރު އެއް މެންބަރަކު ވަކި ފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެ އެވެ.
ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ އަލުން އެކުލަވާލާފައި ވަނީ އެމްޑީޕީގެ ފަސް މެންބަރުންނާއި ޕީޕީއެމްގެ ތިން މެންބަރުންނާއި ޑީއާރުޕީގެ ދެ މެންބަރުންނާއި ޖުމްހޫރީ ޕާޓީ އާއި ޕީއޭ އާއި ގައުމީ ޕާޓީން ކުރެ ކޮންމެ ޕާޓީއަކުން މެންބަރަކު ހިމެނޭ ގޮތަށެވެ. ނަމަވެސް އެ ކޮމިޓީގައި މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އަމިއްލަ މެންބަރުންގެ ތެރެއިން އެއްވެސް މެންބަރަކު ހިމެނިފައެއް ނުވެ އެވެ.
އެގޮތަށް ކޮމިޓީ ފާސްވުމުން ކޮމިޓީގައި ހިމެނޭ ޕާޓީތަކުން ކޮމިޓީގައި ހިމަނަން ޖެހޭ މެންބަރުންގެ ނަންފުޅުތައް މަޖިލީހަށް އެންގުމަށް ޕާޓީތަކުގެ ކިބައިން މަޖިލީހުގެ ރައީސް އަބުދުﷲ ޝާޙިދު ވަނީ އެދިވަޑައިގެންފަ އެވެ.
މީގެ ކުރިން ޓޫ ފޯ ވަން ކޮމިޓީ އެކުލަވާލާފައި އޮތީ، އެމްޑީޕީގެ ފަސް މެންބަރުންނާއި ޕީޕީއެމްގެ ދެ މެންބަރުންނާއި ޑީއާރުޕީގެ ދެ މެންބަރުންނާއި ޖުމްހޫރީ ޕާޓީ އާއި ގައުމީ ޕާޓީންކުރެ ކޮންމެ ޕާޓީއަކުން އެއް މެންބަރަކާއި އަމިއްލަ ދެ މެންބަރުންގެ މައްޗަށެވެ.
ރައްޔިތުންގެ މަޖިލީޙުގެ މިއަދުގެ ޖަލްސާގައި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ، ކޮރަޕްޝަން ހުއްޓުވުމުގެ ބިލު 2012ގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދަވާފައިވެ އެވެ. އަދި ޢާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ބިލުގެ ކޮމިޓީ މަރުޙަލާ ނިމި މަޖިލީހުން ރިޢާޔަތްކުރެއްވުމަށް ހުށަހަޅުއްވައި ބަހުސް ކުރައްވާފައިވެ އެވެ. އެ ރިޕޯޓަށް ތިން އިޞްލާޙެއް މިއަދު ހުށަހަޅުއްވާފައިވެ އެވެ. އެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވައި ދެއްވީ އިޖްތިމާޢީ ކޮމިޓީގެ މުގައްރިރު ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙައްމަދު އެވެ. މިއަދުގެ ބަހުސްގެ މަރުހަލާގައި މިބިލަށް ވާހަކަ ދައްކަވާފައި ވަނީ ހަ މެންބަރުންނެވެ.
މިއަދުގެ ޖަލްސާއި ސަރުކާރުގެ ފަރާތުން، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ބޭންކިންގް އާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމުގެ ގޮތުން އެ ބިލުގެ ސުރުޚީ މަޖިލީހަށް އިއްވަވާފައިވެ އެވެ.